ފިލްމު "ޖޯދާ އަކްބަރް" ގައި ރިތިކް ރޯޝަންގެ ކޯ ސްޓާ އެއްގެ ގޮތުގައި ފެނި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަމާން ދަލީވާލްއަށް އެމެރިކާގައި ވަޅީގެ ހަމަލައެއް ދީފި އެވެ.

މި ކުއްލި ސިހުން ގެނުވި ހާދިސާގައި ޕަންޖާބީ އަދި ބޮލީވުޑްގެ އެކްޓަރ އަމާން ދަލީވާލްއަށް ވަޅިއަކުން ހަމަލަދީފައި ވަނީ އެމެރިކާގެ ޖިމެއްގައި އޭނާގެ ރޫޓިން ކަސްރަތުގައި ހުއްޓާކަމަށް ހަބަރުތައް ބުނެއެވެ. ސޯޝަލްމީޑިޔާގައި އާންމުވަމުންދާ ވީޑިޔޯއެއްގައި އަމާނަށް ހަމަލަދީފައިވާ މަންޒަރު ފެންނަން ހުރިއިރު މިއީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫންކަމުގައި އޭނާގެ ފޭނުން ދަނީ ބުނަމުންނެެވެ. މަންޒަރުން ފެންނަ ގޮތުގައި އަމާންގެ ބޮލުގެ ބައެއް ބޮޑަށް ވަނީ ޒަހަމްވެފައެވެ.

އަމާންގެ އާއިލީ ޑޮކްޓަރުން ދިން މައުލޫމާތުގައި ވާގޮތުން އޭނާގެ ބޮލުގެ ނާށިގަނޑަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައެވެ. އަދި މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި އަދިވެސް އޭނައަށް ފަރުވާދެމުން ގެންދަނީ ހޮސްޕިޓަކުގައި އެނދުމަތިކޮށްގެން ކަމަށްވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ 3685 ގްރޭންޑް އޯކްސްގައި ހުންނަ ޕްލެނެޓް ފިޓްނަސް ޖިމްގައި ރޭ 9.20 ހާއިރު އެވެ. ވީޑިއޯއިން ފެންނަނީ އަމާން ދަލިވާލްއަށް ހަމަލަ ދިން މީހާގެ ކިބައިން ސަލާމަތްވުމަށް އޭނާ އެމީހާގެ ގައިގަ ހިފައިގެން އުޅޭ މަންޒަރެވެ.

އެމީހާ ވަށައިގެން ތިބި މީހުންގެ ކިބައިން ފެންފޮދަކަށް އެދޭތަންވެސް ފެނެއެވެ. އަދި ބާރަށް ގޮވަމުން ދެއެވެ. "ރެސްޕެކްޓް އަސް...ޕްލީޒް ގިވްމީ ވޯޓާ. އައި ނީޑް ވޯޓާ...." އެމީހާ ތަކުރާރުކޮށް ގޮވަމުން ދަނީ އޭނާއަށް އިހުތިރާމްކޮށް އޭނާ ފެނަށް ބޭނުންވާ ވާހަކައާއި ފެންފޮދެއް ދިނުމަށެވެ. ވަރުބަލިވެފައިވާ އެމީހާ ފެނަށް އެދެމުން ދާ މި ފުރުސަތުގެ ބޭނުން ހިފައިގެން އަމާން ދަލީވާލް ތުހުމަތު ކުރެވޭ މީހާ ވައްޓާލަން މަސައްކަތް ކުރާތަން ފެނެއެވެ. ޖިމްގައި ތިބި އެހެން ބައެއް މީހުން ވެސް އޭނާއަށް އެހީތެރިވެދެއެވެ.