އަނެއްކާވެސް އެސްޓީއޯއިން ފިޔާ އަލުވި އަދި ބިސް ވިއްކާ އަގު ރޯދަމަހަށް ހާއްސަކޮށްގެން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ. މީގެކުރިން 170 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާ ވަނީ މިހާރު 160 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަލުވި ބަސްތާއެއް ކުރިން 250 ރުފިޔާ އަށް ވިއްކާފައިވާއިރު މިހާރު އަލުވި ބަސްތާއެއް ވިއްކާއަގު ވަނީ 240 ރުފިޔާއަށް ހެޔޮކޮށްފައެވެ. އޭގެ އިތުރުން ބިސް ކޭހެއް ވިއްކާ އަގު ވެސް މިހާރު ވަނީ 280 ރުފިޔާއަށް ބަދަލުކޮށްފައެވެ.

ހޯލްސޭލް އަގުތައް އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީހާވެސް އަގުހެޔޮކޮށް މި އައިޓަމްތައް ފޯރުކޮށް ދިނުމަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އަގުހެޔޮކޮށް ބާޒާރަށް ނެރެއެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، އެތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓުން މިނިސްޓްރީން ވަނީ ނިންމާފައެވެ. ރޯދަމަހު އާންމުކޮށް ކޮންމެ ގެއެއްގައިހެން އެންމެ ގިނައިން ކެއްކުމުގައި ގެންގުޅޭ ބާވަތްތަކުގެ ތެރޭގައި އަލުތްވާއި ފިޔައާއި ބިސްހިމެނެއެވެ.