ވާހަކަ ޕަރީފެންގަނޑު - ލިޔުނީ: މަމްދޫހު އިބްރާހީމް

ކުރީގެ އަދަދާގުޅޭ؛ 6ވަނަބައި

(ހަ ވަނަ ބައި)

ސަލީމް އާދައިގެ މަތިން ފިހާރަ ބަންދު ކޮށްފައި ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭނާ ހުރީ ވަރަށް ބަނޑުހައި ވެސް ވެފައެވެ. އަދި މިއަދު ކައިގެން ތަންކޮޅެއް އަވަހަށް ފިހާރައަށް އަންނަން ވެސް ހުރީ ނިންމައިގެންނެވެ.

ސަލީމް ގެއާ ކައިރިވި ތަނުން ފެނުނީ މީހުންގަނޑު މަގުމަތީގައި ޖަމާވެ އެއްވެގެން އުޅޭތަނެވެ. އަނެއްކާ ކިހިނެއްވީ ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"އަނެއްކާ ޅަފުރައިގެ ދެ ކުއްޖަކު ތަޅައިފޮޅައިގަނެގެން އުޅެނީބާވައޭ، ނުވަތަ ބޮޑު އެކްސިޑެންޓެެއް ހިނގީ ނޫން ބާ..." މިހެން އެކި އެއްޗެހި ސަލީމްގެ ހިތަށް އަރަމުން ދިޔައެވެ.

އެހެން ނަމަވެސް މިއަދު މަގުމަތީގައި ކުޅިބަލާކަށް ހުރެވޭކަށް ނެތެވެ. ފިހާރައިގައި އަދި ނިންމަން ޖެހޭ ބައިވަރު ޓީޝާޓްތަކެއްގައި ތައްގަނޑު ޖަހައި ޓެގު ހަރުކޮށް ނިންމަންޖެހޭ މަސައްކަތް އެބަ ހުއްޓެވެ. މިވީ ދެ ދުވަހެއް ދިޔައީ އެހާ ބުރަކޮށެވެ. އިއްޔެ ތުއްތުސީދީއަށް އެބުނާ ވާލެއް ހިފަން ގޮސް އުޅެން ހަދައިގެން މުޅި ހަތަރުދަމު ދިޔައީ އެ ކަމެއްގެ ތެރޭގައެވެ. އަދި ކުރަން ޖެހޭ ބައިވަރު އެތައް މަސައްކަތެއް ހުރީ ނުނިމިއެވެ.

ވަކިހިސާބަކަށް ސަލީމަށް އާދެވުނު އިރު އޭނާއަށް ފާހަގަ ވީ ކުދިބޮޑު އެންމެން ޖަމާވެ ތިބީ ސަލީމުމެން ގޭގައިކަމެވެ. އޭނާގެ ހިތް އަވަސްވިއެވެ. އަނެއްކާ މިވީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ސަލީމް ހިނގުން ބާރުކޮށްފައި މީހުންގެ ތެރެއިން ދެމިގަނެގެން ދުވެފައިގޮސް ގެއަށް ވަން އިރު "އަސްތާ! ކަމަކުދާކަށް ނެތެވެ. ސުބުހާނަﷲއެވެ.." ޝަރީފާ އެ އޮތީ ބިންމައްޗަށް ވެއްޓި އަނގައިން ލޭފައިބައި ވެއްޔާ ތަތްތެޅިފައެވެ. ސަލީމަށް ވަރަށް ބާރަށް ހަޅޭއް ލަވައިގަނެވިއްޖެއެވެ. ދެން ދުވެފައި ގޮސް ޝަރީފާއަށްވީ ކިހިނެއްތޯ ބަލަން އޭނާ ބިންމަތިން ނަގައި ސަލީމްގެ އުނގުމަތީގައި ބާއްވަފިއިއެވެ. ސަލީމް ހާސްކަމާއެކު ޝަރީފާއަށް ގޮވަނީއެވެ.

ޝަރީފާގެ މަންމަ ހައްވާފުޅު ވެސް ރޮއި ހާސްވެގެން ކިޔޭނުކިޔޭ އެއް ނޭނގެއެވެ. "މަގޭ ދަރިފުޅާއޭ" މި އޮތީ ކިހިނެއް ވެފާހޭ މިކުއްޖާއަށް މިއޮތީ ކިހިނެއް ވެފާހޭ" މިހެން ކިޔައި ހަޅޭއްލަވައި ހާސްވެގެން ހައްވާފުޅު ވަރަށް ބޮޑަށް ރޮނީއެވެ.

ޝަރީފާގެ ހަށިގަނޑު ނަގައި ރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފިއެވެ. ރަށުގެ އެންމެން އެއްއަޑަކަށް އެދައްކަނީ ވީނުވީއެއް ނޭނގި ސަލީމްގެ އަންހެނުން ޝަރީފާގެ ކުއްލިއަކަށްވީ މަރުގެ ވާހަކައެވެ.

ޝަރީފާގެ އެކުވެރި ޝިފުނާއަކީ ސިއްޙީ މަރުކަޒުގެ ނަރުހަކަށް ވާތީ އޭނާ މިހާރު ހާސްކަންމަތީ އެއުޅެނީ ޝަރީފާ އަށްވީ ކިހިނެއްތޯ ބަލައިޗެކުކޮށް ޝަރީފާގެ ހަށިގަނޑު ސާފު ކޮށް އަނގައިންނާއި ނޭފަތުން ފައިބައިފައިވާ ލެއާއިދޮސް އަދި ފޮނާ ދަވަތަށް ނަގައި މާލޭ އަށް އަަ.އި.ޖީ.އެ.މް.އެ.ޗް ގެ ލެބޯޓަރީ އަށް ފޮނުވޭތޯއެވެ.

ޝަރީފާގެ ހަތަރަސްފައިގެ އިނގިލިތައް ވެސް ވަނީ މުއްކެވި ފިތިބާރުވެފައެވެެ. ހީވަނީ ވަރަށް ބޮޑު ޒަޚަމެއްގައި ބޮޑުވޭނެއް ލިބިގެން އިނގިލިތައް ލެނބިފައި ހުރިހެނެވެ. ޝަރީފާ އާއި ޝިފުނާ އަކީ ވަރަށް ދުވަސްވީ ދެރަޙްމަތް ތެރިންނެވެ. ޝިފުނާ އަށް ވަނީ ވަރަށް ބޮޑު ހިތްދަތި ފުންއަސަރެއް ކޮށްފައެވެ. ސަލީމު އަކަށް ކިޔޭނުކިޔޭ އެއް އެވަގުތަކު ނޭނގެއެވެ.

ވީގޮތެއްގެ ހަގީގަތެއް އެއްވެސްގޮތަކަށް ނޭނގެއެވެ. ސަލީމްގެ ލޮލުން ކަރުނަ ނުހިކެއެވެ. ސަލީމާއި ޝަރީފާގެ ކައިވެނި ކުރިތާ އަދި މިވީ އެންމެ ހައެއްކަ މަސް ދުވަހެވެ. އެކަމަކު ކުއްލިއަކަށް މިދިމާވީ ކޮންފަދަ ބޮޑު ކަމެކެވެ. މި ހިތްދަތިކަން ސަލީމް ބަރުދާސްތު ކުރާނީ ކިހިނަކުން ބާ؟

އަޞުރުނަމާދު ބަންގި ގޮވައިފިއެވެ. އަޞުރަށްފަހު ޝަރީފާގެ ހިނެވުމުގެ ކަންތައް އެބަ ގެންދެއެވެ. ޝިފުނާ ސިއްޙީ މަރުކަޒުން ގެއަށް އައިސް ފެންވަރާ ލައިގެން އަޞުރުނަމާދަށް އަވަހަށް ދިއައީ ސަހަރާއަށް ޝަރީފާގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ޝިފުނާއަށް ވަނީ ޝަރީފާގެ ކުއްލި މަރާމެދު ވަރަށް ބޮޑު ގޯހެއްވާކަމަށް ޝައްކުކުރެވިފައެވެ. އަދި ވެގެން އުޅޭކަމެއް އެވީ އަސްލު ކީއްވެގެން ކަމެއް އޭނާއަކަށް މުޅިއަކުން ސާފެއްނުވެއެވެ.

ސަލީމް ވަރަށް ހިތްވަރު ކޮށްލައިފައި ގޮސް ޝަރީފާގެ ކަށުކަމާކެމީގެ ކަންތައް ކޮށް ޝަރީފާ ވަޅުލުމުގެ ކަންތައްތައް ކުރިއަށް ގެންދެއެވެ. އަޞުރުނަމާދަށް ފަހު ޝަރީފާ ވަޅުލައިފިއެވެ. ސަލީމު ގެއަށް އައިސް ވަން އިރު ހުރީ ވަރަށް ހިތާމަވެރި އެކަނިވެރި ހާލަތެއްގައެވެ. އޭނާއަށް ވަނީ ޝަރީފާ ނެތުމުން ވަރަށް ފުންއަސަރު ތަކެއް ކޮއްފައެވެ. އެއީ ކުއްލިގޮތަކަށްް ޝަރީފާ އާއި ވަކިވުމުންނެވެ.

ސަލީމް އަދި ހުރީ މިއަދު އެއްވެސް އެއްޗެއް ނުކައެވެ. ހެނދުނު ހެނދުނާ ކޮފީ ތަށްޓެއް ބޯލިގޮތަށެވެ. ސަލީމް ބަނޑުހައި ވެފައިހުރި ވަރުން ކާގެއަށް ވަންއިރު މެންދުރު ޝަރީފާ މޭޒުމަތީގައި ކާންހަދައިފައި ހުރި ގޮތަށް އެހުރީއެވެ. ސަލީމަށް މޭޒުމަތީގައި ބޯތަށްޓަކަށް އެއްޗެއް އަޅައިފައި ހުރިތަން ތަންފެނުނެވެ. އޭގައި އެހުރީ ކޯއްޗެއް ބާ؟

އެއީ ކަޅުކުލަ އަރައިފައި ހުރި ފާޑެއްގެ ދެލިބުރި ތަކެއްހެން ފޫޖަހައި ފަންގަސްއަޅާފައި ހުރި އެއްޗެހިތަކެކެވެ. ފެންނައިރު ހީވަނީ ހުއިފިލަނޑާ ތަކެއްކުނިވެފައި ހުރިހެންނެވެ. އަސްލުގައި އެއީ ޝަރީފާ ބޯކޮއްފައި ހުރި ބަނބުކެޔޮ ތަށްޓެވެ. ސަލީމް ހިތަށް އަރަމުން ދިޔައެވެ. މިއީ އަނެއްކާ އިއްޔެ ސީދިބޭ ދިން ބަނބުކެޔޮ ނޫން ބާ؟ މިކަހަލަ ޝައްކު ތަކެއްގެ ތެރޭގައި ސަލީމު ހުއްޓެވެ.

ސަލީމު އަށް ހަގީގަތުގައި އެތަށީގައި އެހުރީ ކޮން އެއްޗެއްކަން ނޭނގި އެތަކެތި ގެންގޮސް ކުނިއަޅާ ވަށިގަނޑު ތެރެއަށްލައި އުކައިލައިފިއެވެ. ސަލީމް ބޭނުންވަނީ ހިތްވަރު ކޮށްފައި ގޮސް ނިދޭތޯ މަސައްކަތް ކުރާށެވެ. މިރެއަކީ ސަލީމަށް ހިތާމަވެރި ރެއެކެވެ. އޭނާ މިރޭ ނިދަންޖެހުނީ ޝަރީފާއާއި ނުލައި އެކަނިމާއެކަނި އެކި ޚިޔާލްތަކާ ހިތްދަތިކަމުގެ ތެރޭގައެވެ.

***********

މިރެއަކީ ތުއްތުސީދީ އަށް ވަރަށް ބޮޑު ރެއެކެވެ. މިރޭ ޔަޤީނުން ވެސް ވާނީ އޭނާ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ރެއަކަށެވެ. ތުއްތުސީދީ އަށް ދެންއޮތީ ބުރާސްފަތި ވިލޭރޭއަށް ބާކީ ދެންހުރި ސާމާނު އެއްކުރުމަށް މަސައްކަތް ފަށައިގަތުމެެވެ.

އޭނާ އިއްޔެ ސަލީމަށް ދިން ބަނބުކޭލެއްގެ ސަބަބުން އެވަނީ އޭނާ ބޭނުންވާ މުހިންމު އެއްޗެހިތަކެއް ލިބޭނެ މަގުފަހިވެފައެވެ.

މިރޭ ތުއްތުސީދީ ބޮޑު ގޯންޏަކާއި ކުނިއަޅާ ބޮޑު ކަޅުކޮތަޅަކާއި އެހެން ސާމާނުތަކެއް އެއްކޮއްފިއެވެ. އޭގެ ތެރޭގައި ބޮޑު އުދައްޔަކާއި ފުރޮލަކާއި ކަތިވަޅިއަކާ ބޮޑު އުނދުޅިއަކާއި ތުނި ކޮތަޅުތަކެއް ވެސް އެއްކުރިއެވެ. މިރޭ ތުއްތުސީދީ މިއުޅެނީ ކޮންކަމެއް ކުރަން ބާ!

އޭނާމިރޭ މިކުރަން އުޅޭ ކަމެއް ކުރާނީ ވަރަށް ވެސް ސިއްރުވެރި ގޮތަކަށެވެ. ތުއްތުސީދީ އަކީ އޭނާކުރަން ނިންމައިފި ކަމެއް ނުކޮށް ދޫކުރާ މީހެއް ނޫނެވެ. ތުއްތުސީދީ އުމުރުން މިހާ ދުވަސްވެފައި ވަނިކޮށް މި ހާމުސްކުޅި އުމުރުގައި މި ކުރަން އުޅެނީ ކޮންފަދަ ކަންތައް ގަނޑެއް ބާވައެވެ. އޭނާ ކުރަން އެއުޅެނީ ކޮންމެވެސް ޝައިޠާނީ ކަންތައްގަނޑެކެވެ.

މިރެއަކީ އުޑުމަތި ވަރަށް އަނދިރި ކަޅުފޮއި ރެއެކެވެ. މިހާރު ގަޑިން އެގާރަގަޑި ތިރީސްވަނީއެވެ. މިހާރު ރަށުތެރޭގައި މީހުންވެސް ވާނީ ނިދަން ގޮހެވެ. ވަރަށް މަދު ފަހަރަކު ނޫނީ ރަށުތެރެއިން މީހަކު ކަމެއްގައި ނިކުމެ ހޭލައިއެއް ނޫޅޭނެއެވެ. މިރޭ ތުއްތުސީދީ ވަނީ އޭނާގެ މޮޔަ ދަރިފުޅު ޔާސިރުގެ ހަތަރެސްފައި ޗޭނުގަނޑުން ހިލިހިލާ އަޅުވައިފައެވެ. އަދި އޭނާގެ އަނގަ މަތީ ހުދުކުލައިގެ ފޮތިގަނޑަކުން ބަނދެ ހިރި ނުލެވޭ ވަރަށް ހިފަހަށްޓައިފައެވެ. އޭނާ ތެޅި ފޮޅުނަސް އޭނާ އަށް އެނދުމަތީގައި ނުތެދުވެވޭނެ ގޮތަށް ބާއްވައިފައެވެ.

މިރޭ މީނުބައިކަން ބޮޑުވެގެންވާ ރެއަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. ތުއްތުސީދީ ކުރީދުވަހު ސަލީމު ލައްވައި ވަލުން ހިފައި ގެނައި ވާ ދަގަނޑު ކޮއްޓެއް ތެރޭގައި ބައިންދާފަ އިނެވެ. މުޅިކޮށީގެ ތެރެއިން ވެސް ދުވަނީ މަސްކުނިވަހެވެ. ވާ ބައިންދައިފައިވާ ކޮށި ހުރީ ތުއްތުސީދީ މެންގެ ގިފިލިތެރޭގައިވާ ބޮޑު ކުކުޅު ކޮށްޓާ ޖެހިގެންނެވެ. ތުއްތުސީދީ އޭނާ ތައްޔާރުކޮށް އެއްކޮށްފައި ހުރި ސާމާނުތައް ގޯނީގެ ތެރެއަށް ލާފައި ދަންވަރު އެމިސްރާބު ޖެހީ ސަހަރާއާ ދިމާލަށެވެ.

(ނުނިމޭ)