ލާމު މާވަށު ހުކުރު މިސްކިތުގައި ހުރި ކަދުރު ރުކުގައި ކަދުރު އަޅާފައިވާ ހިތްގައިމު މަންޒަރު ފެނުމުން އޭގެ ރަހައާމެދު ވިސްނާލެވުނެވެ. ރޯކޮށް ހުރި ކަދުރު ދޮންވަމުން އައިސް ފައްކާވެ ކާން އެންމެ ހެޔޮވަރު ވަރުވެފައެވެ. މާވަށު ހުކުރު މިސްކިތުގައި މި ރުއް ހުންނަތާ ސީދާ ވީ ދުވަހެއް އެހެން ބުނެދޭން ނޭނގުނަސް ދުވަސްވެފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
ޖުމްލަކޮށް ބުނަން ނޭނގުނަސް ދިހަވަރަކަށް އަހަރުވެފައިވާ މިރުކަކީ ފިރިހެންމާ ނެތި ކަދުރު ފޯދޭ ކަހަލަ ރުކަކަށް ނުވާތީ ކޮންމެވެސް ވަރަކަށް ފޮނި ރަހަ ހުއްޓަސް ކަރުތެރޭގައި ހިތި ކިހާ ގޮތެއް ހުންނަނީ ކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ. އަދިވެސް އެފަރާތުން ހާމަކުރި ގޮތުގައި މާވަށުގައި ދެވައްތަރުގެ ކަދުރުރުއްވެސް އެބަހުއްޓެވެ. އެހެންނަމަވެސް މާގަނޑު އަޅާ މޫސުން ދިމާނުވުމުން ފޮނި މީރު ކަދުރު ލިބުން ދުުރުވާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މާވަށު ހުކުރު މިސްކިތުގައި ހުރި މި ކަދުރުރުކުގެ ކަދުރު ދޮންވެ ފައްކާވާ މަންޒަރު ބަލައި ފޮޓޯ ނަގާ މީހުން ގިނައެވެ. މަންޒަރަކީ ހިތްގައިމު މަންޒަރަކަށް ވެފައި ރާއްޖޭގައި ކަދުރު އާލާވެ ހެދިދާނެ ކަމުގެ އުންމީދަކީ މިމަންޒަރުން ހިތަށްގެނުވާ ބޮޑު އުފާވެރިކަމެއްވެސް މެއެވެ.
ކޮންމެއަކަސް މިކަދުރުރުކަކީ ހުޅުމާލޭގެ މިސްކިތެއްގައި އަދި ފުވައްމުލަކުގައި ހުރި ކަދުރުރުއްތަކެކޭ އެއްގޮތަށް ސޯޝަލްމީޑިޔާގައި މީހުން އެކަކުއަނެކަކަށް ޓެގްކޮށް ހިއްސާކުރާ ހިތް އުފާވެރި މަންޒަރަކަށް މިވަނީ ވެފައެވެ. ފަހަކަށް އައިސް މަޑުމަޑުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަދުރު ރުއްތައް ފޯދި، ކަދުރު އަޅާތަން ފެނެއެވެ. އެހެންނަމަވެސް އަދި ފޮނިރަހަ ހެޔޮވަރުގެ ކަދުރު އެއްވެސް ރުކަކުން ލިބިފައިވާ ކަމެއްގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.