ރަމަޟާން މަހަށް ތައްޔާރުވުމުގެ އެންމެ ފަހުގެ ކަންތައް ކުރިއަށް ދާ ހަފުތާއެވެ. އޮތީ ހަމަ އެންމެ ހަތަރު ވަރަކަށް ދުވަހެވެ. މި ހަތަރު ދުވަސް ތެރޭގައި ގޭތެރޭގައި ކުރަން ހުރި ކަންތައްތަކާއި މާހެފުމުގެ ފޯރިއާއި އަދިވެސް ރޯދައަށް ވާ ތައްޔާރީތަކުގެ އެހެންހުރިހާ ކަމެއްވެސް ކޮށް ނިންމާލަން ޖެހޭނެއެވެ. އަހަރަކު އެއް ފަހަރު އަޅުގަނޑުމެން މުސްލިމުންނާ ބައްދަލު ކުރާ މި މަތިވެރިވެގެންދާ މަހަކީ ވަރަށް ހާއްސަ މަހެކެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހެވެ. އެންމެ ބޮޑަށް މިމަސް ހާއްސަވާ ސަބަބަކީ މިމަހަކީ ﷲތައާލާ މިއުންމަތަށް ހާއްސަ ކުރެއްވި އަޅުގަނޑުމެންނަށް މަގުދެއްކުމުގެ ހުރިހާ ވާހަކައެއް ބަޔާންވެ އެނގިގެންވާ ފޮތް ބާވައިލެއްވި މަހަށްވާކަމެވެ. އެރެއެއްގެ މާތްކަން އެއްހާސްމައްސަރަށްވުރެ މަތިވެރިވެގެންވާ ލައިލަތުލްޤަދްރިއަކީ އަޅުގަނޑުމެނަށް މި ހަދިޔާ ލިބިގެންދިޔަ ރެއެވެ. އެހެންކަމުން މިމަހުގައި އެހެން ދުވަސްތަކާއި ރޭތަކަށްވުރެ ބޮޑަށް އަޅުކަމާގެން މަޝްއޫލުވުން މުހިންމެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުން އައުލާކަން ބޮޑެވެ.

ކީރިތި ޤުރުއާނުގެ ކަލިމަތައް ކިޔުމުގެ ޤަވާއިދުތަކާއި ޙުކުމްތައް ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ފަރުޟުޢައިނެކެވެ. ﷲގެ ކަލާމްފުޅު ކިޔެވުމުގައި އަކުރުތަކަށް ދޭން ޖެހޭ ޙައްޤުތަކާއި ސިފަތައް ފުރިހަމައަށް ދީގެން އެންމެ ނަލަވެގެންވާ އަޑުން އެފޮތް ކިޔެވުމަކީ ސަވާބާއި ދަރުމަ ހުރި މާތް އަޅުކަމެކެވެ. ޤުރުއާނުގެ ކަލިމަތައް ކިޔުމުގެ ހުކުމްތަކާއި އަކުރުތައް ކިޔުމުގެ ގަވާއިދުތައް ދަސްކުރުމަށް ކޮންމެ މުސްލިމަކަށްވެސް ވާޖިބެވެ. އެހެނީ ކީރިތިޤުރުއާން ތަޖުވީދުގެ މަގުން ނޫން ގޮތަށް ކިޔެވުން ފާފަވެރިވެގެންވާތީއެވެ. ނޭނގުމުގެ ތެރޭގައި ކުރެވޭ ކުށަށް އަދަބު ނުލިބޭ ފަދައިން ނޭނގި ހުރެ ޤުރުއާން ކިޔެވުމުގައި ތަޖުވީދުން ބޭރުން ކިޔެވިފައިވާ ކިޔެވުމަކަށް ފާފަވެރިވުމެއް ނެތެވެ.

އެހެންނަމަވެސް ތަޖުވީދު އުނގެނުމުގެ ފުރުސަތު ލިބި، އެފުރުސަތުގެ ބޭނުން ނުހިފައި ތަޖުވީދުގެ ހަމަތަކުން ބޭރުން ޤުރުއާން ކިޔެވުމަކީ ފާފަވެރިވާނެކަމެކެވެ. އަކުރު ކިޔުމުގެ ގަވާއިދުތަކާއި ހުކުމްތަކާ ތަފާތުކޮށް ކިޔެވުމުން ޤުރުއާނުގެ ކަލިމަތަކުގެ މާނަ ބަދަލުވާނެއެވެ. އެހެންކަމުން ޤުރުއާނުގެ ކަލިމަތައް ކިޔެވުމުގެ ގަވާއިދުތަކާއި ހުކުމްތައް ދެނެގަނެ ދަސްކުރުމަށް ލިބޭ ފުރުސަތެއް ނަމަ އެ ފުރުސަތުގެ ބޭނުން ހިފާށެވެ.

މި ރަމަޟާން މަހު "ހަލި" ނޫހުން "ފަސޭހަތަޖުވީދު"ގެ ނަމުގައި ތަޖުވީދުޢިލްމުގެ ބައިތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ތަސްވީރުތައް ބޭނުން ކޮށްގެން އަކުރުތަކާއި ފިލިތައް އަދި ތަޖުވީދުގެ ގަވާއިދުތަކާއި ހުކުމްތައް ކިޔަވައިދޭ ޕްރޮގްރާމެކެވެ. ހަފުތާގެ 3 ދުވަހަކު ގެނެސްދޭ މި ޕްރޮގްރާމުގައި، ޤިރާއަތު ކޯސް ލެވެލް 1 އިން ލެވެލް 3 އާ ހަމައަށް ގެންދާނެއެވެ. އަދި ތަޖުވީދު އިލްމާ ގުޅުން ހުރި އާދާބުގެ ބައިތައްވެސް ގެންދެވޭނެއެވެ. މި ޕްރޮގްރާމުގައި ފިލާވަޅު ގެނެސްދޭނީ ޓީޗިންގ އިން ޤިރާއަތުގެ ޑިޕްލޮމާ އެންމެ ފުރިހަމަ އެއްވަނައަކާއެކު ހާސިލު ކުރައްވާފައިވާ، ޤުރުއާން އުނގަންނައިދިނުމުގައި ތަޖުރިބާ ހުރި މުދައްރިސެކެވެ.

މި ޕްރޮގްރާމްގެ އެންމެ ހާއްސަ މަގުސަދަކީ ރޯދަމަހު ކީރިތިޤުރުއާނަށް އަހުލުވެރިކުރުވުމުގެ އިތުރުން ކޯސްތަކުގައި ބައިވެރިވުމަށް ނުވަތަ ތަޖުވީދު އުނގެނުމަށް ހޭދަކުރާނެ ފޯރުންތެރިކަން ނެތް ފަރާތްތަކަށް އަގަކާނުލައި މިމާތް އިލްމު އުނގެނުމަށް މަގުފަހިކޮށްދިނުމެވެ.

"ހަލި"ޓީމުން އެދެނީ މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދޭ ތަޖުވީދުގެ މި ޕްރޮގްރާމުތަކުން ކީރިތިޤުރުއާން ތަޖުވީދުގެ މަގުން ކިޔެވުމަށް ވީހާވެސް ގިނަ ފަރާތްތަކަށް މަގުފަހިވެގެންދިއުމެވެ. "ފަސޭހަތަޖުވީދު" ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެވެސް އާދީއްތަ، ހޯމަ އަދި އަންގާރަ މި ތިން ދުވަހުގެ މެންދުރު ކުރިންނެވެ.