ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށް ދަތުރުކުރުމުގެ ކުރިން ފުލުހުންގެ ހުއްދަ ނަގަންޖެހޭގޮތަށް އެޗް.ޕީ.އޭގެ އުސޫލަށް ބަދަލުގެނެސްފި އެވެ. މިއަދު އާންމުކުރި ކޮވިޑް19 ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާގޮތުން ޔުޓިލިޓީސް، ބޭންކުގެ ޚިދުމަތްފަދަ، ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާތީ އުސޫލަށް މިގޮތަށް ބަދަލުގެނައީއެވެ.

" މިއުސޫލުގެ މަޤްސަދަކީ ކަރަންޓީނުވުމަކާ ނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތައް 5 ދުވަހަށްވުރެ ގިނަނުވާ ގޮތަށް ރިސޯޓްތައް ފިޔަވާ އެހެނިހެން ރަށްރަށަށްގޮސް މަސައްކަތްކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށް އަންގައިދިނުން. ދަތުރުކުރުމުގެ ކުރިން ހުއްދަ ނަގަންވާނެ. އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެމައުލޫމާތު ދޭންވާނެ" އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހުއްދަ ހޯދުމަށް ދަތުރުކުރުމަށް އެދޭ މުއައްސަސާގެ ފަރާތުން [email protected] އަށް އީމެއިލް ކުރަންޖެހޭއިރު، އެމެއިލްގެ ކޮޕީ

[email protected] އަށް ފޮނުވަންޖެހެއެވެ. މިއުސޫލުގައި މަސައްކަތް ހިންގާ މުއައްސަސާގެ ޒިންމާތައްވެސް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ރަށްރަށަށް ފޮނުވާ މީހަކީ ކޮވިޑް19 އަލާމާތެއް ހުރި މީހެއް ނޫންކަން އަދި ފައްސިވެފައިވާ މީހެއްގެ ކޮންޓެންޓެއް ނޫންކަން ކަށަވަރު ކުރަންޖެހެއެވެ. މަސައްކަތަށްދާ މީހުން ރައްކާތެރިކަމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ދަތުރުކުރާ މީހުން ރަށުގެ އެހެން މީހުންނާ ވަކިން ތިބެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްވެސް ވަރަށް ތަފްސީލްކޮށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ. ކައުންސިލްގެ ޒިންމާގެތެރޭގައި ރަށްރަށަށް މަސައްކަތްކުރުމަށްދާ ފަރާތްތަކަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން އުސޫލާ ޚިލާފްވާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ފިޔަވަޅުއަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް 10 ދުވަހަށްވުރެ މަދު ދުވަހަށް އައުމަށް ބޭނުންވާ މީހުން އައުމުގެ ކުރިން އެޗް.ޕީ.އޭގެ ޚާއްސަ ހުއްދަ ނަގަންވާނެ އެވެ.