ބާޒާރުގައި ލުނބޯގެ އަގު ދުވަހެއް ދުވަހަކަށް ވަނީ ބޮޑުވެފައެވެ. އެހެންކަމުން މި ރޯދަ މަހު އެންމެ މުހިންމު އެއްބާވަތް ކަމަށްވާ ލުނބޯ އެންމެނަށްވެސް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިވަނީ ލުނބޯ ޝިޕްމެންޓެއް ގެނެސްފައެވެ. އަދި ކޮންމެ މީހަކަށްވެސް ގަނެވޭނެފަދަ ގޮތަކަށް އަގު ކަނޑައަޅައި 60 ރުފިޔާއަށް ކިލޯއެއް ވިއްކަން ތައްޔާރުވެއްޖެއެވެ.

އެސްޓީއޯގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ އަހަރަކުވެސް ރޯދަމަހު ބާޒާރުގައި، އާންމު ކަބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަތްފޯރާފަށުގައި ހިފެހެއްޓުން ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ. ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓުމަަށްޓަކައި އިންޑިޔާއިން ލުނބޯ އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން މިއަދު ވަނީ ހާމަކޮށްފައެވެ. އެސްޓީއޯއިން ލުނބޯ އެތެރެކުރުމުގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގައެވެ.

އާންމު ކަބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެސްޓީއޯ އިން އަންނަނީ މި ރޯދަމަހަށް ހާއްސަކޮށްގެން އަބަދުވެސް ރޯދަމަހު އެންމެ ގިނަ މީހުން ބޭނުންވާ ބާވަތްތަކަށް ސަމާލުކަން ދީގެން އެފަދަ ތަކެތި އަގުހެޔޮކޮށް ވިއްކަމުންނެވެ. އެގޮތުން ފިޔާ، އަލުވި އަދި ބިސް ހުސްނުވާނެ ވަަރަށް އެތެރެކޮށް އެސްޓީއޯ އިން ވިއްކަމުން އެބަދެއެވެ.

އެސްޓީއޯގެ ފިޔާ، އަލުވި، ބިސް ހޯލްސޭލް އަދި ރީޓެއިލް އަގުތައް:

  • ފިޔާ ބަސްތާއެއް 160 ރުފިޔާއަށް
  • އަލުވި ބަސްތާއެއް 240 ރުފޔާއަށް
  • ބިސް ކޭހެއް 280 ރުފިޔާއަށް
  • ފިޔާ ކިލޯއެއް 9 ރުފިޔާއަށް
  • އަލުވި ކިލޯއެއް 11 ރުފިޔާއަށް
  • ބިހެއް ވިއްކަނީ 1.75 ރުފިޔާއަށް