ޕަރީފެންގަނޑު ލިޔުނީ: މަމްދޫހު އިބްރާހީމް
(ހަތްވަނަބައި)
ސަލީމް އަދި ހުރީ މިއަދު އެއްވެސް އެއްޗެއް ނުކައެވެ. ހެނދުނު ހެނދުނާ ކޮފީ ތަށްޓެއް ބޯލިގޮތަށެވެ. ސަލީމް ބަނޑުހައި ވެފައިހުރި ވަރުން ކާގެއަށް ވަންއިރު މެންދުރު ޝަރީފާ މޭޒުމަތީގައި ކާންހަދައިފައި ހުރި ގޮތަށް އެހުރީއެވެ. ސަލީމަށް މޭޒުމަތީގައި ބޯތަށްޓަކަށް އެއްޗެއް އަޅައިފައި ހުރިތަން ތަންފެނުނެވެ. އޭގައި އެހުރީ ކޯއްޗެއް ބާ؟ އެއީ ކަޅުކުލަ އަރައިފައި ހުރި ފާޑެއްގެ ދެލިބުރި ތަކެއްހެން ފޫޖަހައި ފަންގަސްއަޅާފައި ހުރި އެއްޗެހިތަކެކެވެ. ފެންނައިރު ހީވަނީ ހުއިފިލަނޑާ ތަކެއްކުނިވެފައި ހުރިހެންނެވެ.
އަސްލުގައި އެއީ ޝަރީފާ ބޯކޮއްފައި ހުރި ބަނބުކެޔޮ ތަށްޓެވެ. ސަލީމް ހިތަށް އަރަމުން ދިޔައެވެ. މިއީ އަނެއްކާ އިއްޔެ ސީދިބޭ ދިން ބަނބުކެޔޮ ނޫން ބާ؟ މިކަހަލަ ޝައްކު ތަކެއްގެ ތެރޭގައި ސަލީމު ހުއްޓެވެ. ސަލީމު އަށް ހަގީގަތުގައި އެތަށީގައި އެހުރީ ކޮން އެއްޗެއްކަން ނޭނގި އެތަކެތި ގެންގޮސް ކުނިއަޅާ ވަށިގަނޑު ތެރެއަށްލައި އުކައިލައިފިއެވެ. ސަލީމް ބޭނުންވަނީ ހިތްވަރު ކޮށްފައި ގޮސް ނިދޭތޯ މަސައްކަތް ކުރާށެވެ.
މިރެއަކީ ސަލީމަށް ހިތާމަވެރި ރެއެކެވެ. އޭނާ މިރޭ ނިދަންޖެހުނީ ޝަރީފާއާއި ނުލައި އެކަނިމާއެކަނި އެކި ޚިޔާލްތަކާ ހިތްދަތިކަމުގެ ތެރޭގައެވެ.
***********
މިރެއަކީ ތުއްތުސީދީ އަށް ވަރަށް ބޮޑު ރެއެކެވެ. މިރޭ ޔަޤީނުން ވެސް ވާނީ އޭނާ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ރެއަކަށެވެ.
ތުއްތުސީދީ އަށް ދެންއޮތީ ބުރާސްފަތި ވިލޭރޭއަށް ބާކީ ދެންހުރި ސާމާނު އެއްކުރުމަށް މަސައްކަތް ފަށައިގަތުމެެވެ. އޭނާ އިއްޔެ ސަލީމަށް ދިން ބަނބުކޭލެއްގެ ސަބަބުން އެވަނީ އޭނާ ބޭނުންވާ މުހިންމު އެއްޗެހިތަކެއް ލިބޭނެ މަގުފަހިވެފައެވެ.
މިރޭ ތުއްތުސީދީ ބޮޑު ގޯންޏަކާއި ކުނިއަޅާ ބޮޑު ކަޅުކޮތަޅަކާއި އެހެން ސާމާނުތަކެއް އެއްކޮއްފިއެވެ. އޭގެ ތެރޭގައި ބޮޑު އުދައްޔަކާއި ފުރޮލަކާއި ކަތިވަޅިއަކާ ބޮޑު އުނދުޅިއަކާއި ތުނި ކޮތަޅުތަކެއް ވެސް އެއްކުރިއެވެ. މިރޭ ތުއްތުސީދީ މިއުޅެނީ ކޮންކަމެއް ކުރަން ބާ!
އޭނާ މިރޭ މިކުރަން އުޅޭ ކަމެއް ކުރާނީ ވަރަށް ވެސް ސިއްރުވެރި ގޮތަކަށެވެ. ތުއްތުސީދީ އަކީ އޭނާކުރަން ނިންމައިފި ކަމެއް ނުކޮށް ދޫކުރާ މީހެއް ނޫނެވެ.
ތުއްތުސީދީ އުމުރުން މިހާ ދުވަސްވެފައި ވަނިކޮށް މި ހާމުސްކުޅި އުމުރުގައި މި ކުރަން އުޅެނީ ކޮންފަދަ ކަންތައް ގަނޑެއް ބާވައެވެ. އޭނާ ކުރަން އެއުޅެނީ ކޮންމެވެސް ޝައިޠާނީ ކަންތައްގަނޑެކެވެ.
މިރެއަކީ އުޑުމަތި ވަރަށް އަނދިރި ކަޅުފޮއި ރެއެކެވެ. މިހާރު ގަޑިން އެގާރަގަޑި ތިރީސްވަނީއެވެ. މިހާރު ރަށުތެރޭގައި މީހުންވެސް ވާނީ ނިދަން ގޮހެވެ. ވަރަށް މަދު ފަހަރަކު ނޫނީ ރަށުތެރެއިން މީހަކު ކަމެއްގައި ނިކުމެ ހޭލައިއެއް ނޫޅޭނެއެވެ. މިރޭ ތުއްތުސީދީ ވަނީ އޭނާގެ މޮޔަ ދަރިފުޅު ޔާސިރުގެ ހަތަރެސްފައި ޗޭނުގަނޑުން ހިލިހިލާ އަޅުވައިފައެވެ. އަދި އޭނާގެ އަނގަ މަތީ ހުދުކުލައިގެ ފޮތިގަނޑަކުން ބަނދެ ހިރި ނުލެވޭ ވަރަށް ހިފަހަށްޓައިފައެވެ. އޭނާ ތެޅި ފޮޅުނަސް އޭނާ އަށް އެނދުމަތީގައި ނުތެދުވެވޭނެ ގޮތަށް ބާއްވައިފައެވެ.
މިރޭ މީނުބައިކަން ބޮޑުވެގެންވާ ރެއަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. ތުއްތުސީދީ ކުރީދުވަހު ސަލީމު ލައްވައި ވަލުން ހިފައި ގެނައި ވާ ދަގަނޑު ކޮއްޓެއް ތެރޭގައި ބައިންދާފަ އިނެވެ. މުޅިކޮށީގެ ތެރެއިން ވެސް ދުވަނީ މަސްކުނި ވަހެވެ. ވާ ބައިންދައިފައިވާ ކޮށި ހުރީ ތުއްތުސީދީ މެންގެ ގިފިލިތެރޭގައިވާ ބޮޑު ކުކުޅު ކޮށްޓާ ޖެހިގެންނެވެ.
ތުއްތުސީދީ އޭނާ ތައްޔާރުކޮށް އެއްކޮށްފައި ހުރި ސާމާނުތައް ގޯނީގެ ތެރެއަށް ލާފައި ދަންވަރު އެމިސްރާބު ޖެހީ ސަހަރާއާ ދިމާލަށެވެ. އެދިޔަގޮތަށް ގޮސް ސަހަރާގެ ދޮރުމައްޗަށް އަރައި ތުންތަޅުވަމުން ކޮންމެ ވެސް އެއްޗެއް އެބަ ކިޔަވައެވެ. ބައެއްފަހަރު ހީވަނީ ތުއްތުސީދީ ކޮންމެ ވެސް މީހަކާ ހުރެ ވާހަކަ ދައްކާހެންނެވެ. މިހެން އެއްޗިހިތަކެއް ކިޔަވަމުން ސަހަރާގެ ތެރެއަށް ތުއްތުސީދީ ވަނެވެ.
މުޅިތަން ވެސް ވަނީ އަނދިރިކަމާ ނާމާންކަންމަތީ ގައެވެ.
މިއަދު ވަޅުލެވުނު ޝަރީފާގެ މަހާނަ ވަނީ ބޮޑު ހުވަނދު މާ ގަހެއްގެ ބުޑުގައެެވެ. އެގަހުގައި ވަނީ ވަރަށް ބައިވަރު ހުވަނދު މާ އަޅާފައެވެ. ހުވަނދުމަލުގެ މީރު ވަސް އެހިސާބުގައި ކޮންމެސް ވަރަކަށް ދުވަދުވާ ހުއްޓެވެ. ތުއްތުސީދީ މިހާރު ކުރަން އެ އުޅެނީ ވަރަށް ވެސް މުޑުދާރު ކަމެކެވެ.
އޭނާ އެހުރި ގޮތަށް ހުރެ ލައިގެން ހުރި ގަމީހާއި މުންޑު ބާލައި މުޅިން ބަރަހަނާ ވެއްޖެއެވެ. މި އޮއްފަދަ ދަންވަރު މިބެއްޔާ ބަރަހަނާ ވެގެން ސަހަރާތެރޭގައި މިކުރަން އުޅެނީ ކޮންކަމެއް ބާ! އޭނާ ބިރެއްގެ އެއްވެސް ކަންފުޅެއް ވެސް ނެތީބާ! މިއޮއް އަނދިރީގައި މި މީހާއަށް ސަހަރާތެރެ ފެންނަނީ ނޫންބާ! ނުވަތަ އޭނާގެ ކަންފަތް ބުޑުގައި މީހަކު އެއްޗެއް ސިއްރުސިއްރުން ކިޔަނީ ނުންބާ!.
ތުއްތުސީދީ ގެނައި ގޯނި އެއް އަތުން ކޮނޑު މައްޗަށް ލައިފިއެވެ. މިހާރު އެހެރަ ގަޔަށް ކުޑަކަމު ގޮސް ނަޖިސް ވަނީއެވެ. އެކުރަނީ ވެސް ކޮންފަދަ ހަޑި މުޑުދާރު ނަޖިސް އަމަލެއްބާ؟
އޭނާ ގަަޔަށް ކުޑަކަމު ގޮސް ދެން ކުއްލިއަކަށް ގޯނިގަނޑު ހިފައިގެން ހަތަރެސްފައި ޖަހައިފައި ބޮޑު ބުޅަލެއްހެން ނުތާހިރާ އޮވެ ނަޖިސް ކަންމަތީ އެހިނގަނީ މުޅި ތަނަށް ކުޑަކަމުދަމުން ބޮޑު ޖަނަވާރެއް ހިނގާފައިދާ ގޮތަށެވެެ.
ތުއްތުސީދީ ދާގޮތުން ހީވަނީ ކަޅު އަނދިރީގެ ތެރެއިން އޭނާއަށް ހުރިހައި ތަނެއް ވެސް ފެންނަހެންނެވެ. މިހެން ނަޖިސް ކަންމަތީ ނުތާހިރާ އޮވެ މިބެއްޔާ އޮރިޔާން ހާލުގައި އެދަނީ ޝަރީފާގެ މަހާނަ ކައިރިއަށެވެ. އަދި އެހިސާބަށް ގޮސް ފުންމައިގެން ތެދުވެ މަހާނަ ކުރިމައްޗަށް ވާގޮތަށް ހުރެ ތުއްތުސީދީ އެގެންދިޔަ ގޯނި ހުޅުވައި އޭގެ ތެރެއިން ނެގީ ލޭ ފުޅިއެކެވެ.
އެ ލޭފުޅިއަކީ އޭނާ ވާލަށް ކާންގެނައި މަހުގެ ލެއެވެ. އެލޭފުޅި ނަގައި މުޅި މަހާނަ ވަށައި ލޭތައް ބުރުވައި ހަދައިފިއެވެ. އަދި ކޮންމެވެސް އެއްޗިހިތަކެއް ކިޔަވައި ހެދިއެވެ. މަހާނަ ކައިރީގައި ހުރި މާ ގަހުން ހުވަނދުމާ ތައް ބިންނަން ފަށައިފިއެވެ. އެ ހުރިހާމަލެއް އޭނާ ލޭ ހުސްކުރި ފުޅި ތެރެއަށް އެބަ އަޅައެވެ. އެ ފުޅިއަށް މާ އަޅައި ފުރުމުން އޭގެ މަތި ޖަހައި ބިންމަތީގައި ބެހެއްޓިއެވެ.
ތުއްތުސީދީ ފަންޑިތައިގެ ކޮންމެ ވެސް އެއްޗެހިތަކެއް ތަކުރާރު ކޮށް އެބަ ކިޔަވައެވެ. އޭނާ އެކިޔާ އެއްޗެއްގެ ބަހުރުވައަކީ މީހަކު ދަންނަ ވައްތަރެއް ނޫނެވެ. ޚުދް އޭނާއަށް ވެސް އެކިޔޭ ފަންޑިތަ ބަސް ތަކަކީ އޭގެ މާނަ އެއްގޮތަކަށް ވެސް ނޭނގޭ އެއްޗިއްސެވެ. މިހެން ފާޑެއްގެ ކިޔެވެލިތަކެއް ކިޔަވައި މުޅި މަހާނަ ދޮށަށް އެބަ ކުޅުޖަހައިއެވެ. ދެން ގޯނީގެ ތެރެއިން ބޮޑު އުދައްޔެއް ނަގައި ޝަރީފާގެ ކަށްވަޅު ކޮންނަން ފަށައިފިއެވެ. ކޮންނަމުން ކޮންނަމުން ގޮސް ޝަރީފާގެ ސަންދޯކާއި ޖެހުމުން ސަންދޯކުގެ މަތިގަނޑު ނަގައި ޝަރީފާގެ ގަބުރު ވެސް ނަގައިފިއެވެ.
ދެން އޭނާގެ ކަފުންގަނޑު ވީދައި ހަލާކުކޮށް މައްޔިތާގެ ދެލޯ އަރިމަތިން ވަޅިންކަނޑާފައި އުނދުޅިން ދެލޯ ކޮނެލިއެވެ. ދެން ގެންދިޔަ ތުނި ކޮތަޅެއްގެ ތެރެއަށް އެތަކެތި ލިއެވެ. އަދި ގަބުރުގެ އަނގަ ހުޅުވައި ވަޅި ބާނައި ދޫ އެއްކޮށް ބުރިކޮށް ނަގައި ދަތްތައް ވެސް އުފުރައިފިއެވެ. ދެން އިސްތަށިގަނޑުން ބައެއް ބުރިކޮށް ކަފުނުގެ ފޮތިގަނޑުން ބައެއް ވީދައި ނަގައިފިއެވެ. އަދި ފުރޯ ނަގައި ޖެހިޖެހީނުން އެބުރިކޮއްލީ ގަބުރުގެ ވާތުފައިގެ ކަކުލުހުޅުން ތިރި އެއްކޮށެވެ.
މި ކަންކުރި ވަގުތު ކަށިގަނޑު ގައި ޖެހުުނު އަޑު ވެސް އިވުނެވެ. މިހާރު ގަބުރުގެ އަތްތިލައިގެ އިނގިލިތަކުގެ ނިޔަފަތިތައް ވަޅިން ނައްޓައިފިއެވެ. މި ހުރިހާ ކަމެއް ކުރަމުން ދިޔައިރު ތުއްތުސީދީގެ މުޅި ގައިގައި ވަނީ މިނިލޭ އުނގުޅިފައެވެ. މި ހުރިހާ ސާމާނު ނަގައި ގެނައި ބޮޑު ކަޅު ކޮތަޅަށް އެތަކެތި އަޅައި ރޯނުންބަނދެ ހުރިހައި އެއްޗެއްކޮތަޅު ތެރޭގައި ބަންދުކޮށް ބޮޑުގޯނީގެ ތެރެއަށް ލައި ތުން އައްސައިފިއެވެ. އެއަށް ފަހު ބާކީއޮތް މަސްގަނޑު ސަންދޯކުގެ ތެރެއަށްލައި މަތިގަނޑު އަޅައި އުދަލިނަގައި ފަސްއަޅަން ފަށައިފިއެވެ.
މިހުރިހާ ކަމެއް ކޮށް ނިމުނުއިރު ހަމަގައިމު ވެސް ހުންނާނީ ދެގަޑި އިރަށްވުރެ ގިނަ އިރުވެފައެވެ.
ދެން މި ގޯނިގަނޑު ބިމުގައި ދަމަމުން ހަތަރަސްފައި ޖަހަމުން ގަޔަށް ބޮޑުކަމުދަމުން ކިޔެވެލި ތަކެއް ކިޔަވަމުން ސަހަރާގެ ދޮރުމައްޗަށް ގޮސް އޭނާގެ އަންނައުނުލައި ގޯނި ބިންމަތީގައި ބެހެއްޓިއެވެ. އޭގެތެރެއިން ތުނި ކޮތަޅެއްނަގައި އަނެއްކާ ވެސް ދިޔައީ ޝަރީފާގެ މަހާނަ ދޮށަށެވެ. ގޮސް އެތަނުން މަހާނަ މަތިން ފަސް މުށްވެލި ނަގައި ކޮތަޅަށް އަޅައިފިއެވެ. އެނާ ތުންތަޅުވަމުން ކިޔެވެލި ކިޔަވަމުން ކުޅު ޖަހަމުން ސަހަރާއިން ނިކުމެ ގޯނިގަނޑު ކޮނޑަށް ލައިގެން ގެ އާދިމާލަށް ހިނގައި ގެންފިއެވެ. އެދިޔަ ގޮތަށް ގޮސް އޭނާ ގެންދިޔަ ތަކެތި ތިންވަނަ ކޮޓަރީގެ ތެރޭގައި ފުޅިފުޅިއަށާއި ބޮޑެތި ބާލިދީގެ ތެރެއަށް އަޅައި ރައްކާ ކޮށްފިއެވެ.
ތުއްތުސީދީ ލައިގެންހުރި އަންނައުނުތައް ބާލައި ގޯތި ތެރޭގައިހުރި ތާނގީއަކަށް އެތަކެތި އަޅައި އަންދާ ހަދައިފިއެވެ. ދެން އޭނާ ބޭނުން ވާނީ ދެންހުރި ކަންތައް ތަކާއިގެން އަވަސްވެ ގަންނާށެވެ. އެކަމަކު އެމަސައްކަތްތައް ކުރުމަށް ވެސް ވަކި ވަގުތަކާއި ދުވަހެއް ކަނޑައެޅިގެން ނޫނީ ތުއްތުސީދީ އަކަށް އެކަންތައްތަކެއް ނުކުރެވޭނެއެވެ.
މިހާރު ތުއްތުސީދީ އަށް ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް އެބަ ލިބެއެވެ. މިއީ އޭނާ ވަރަށް ކުރިންސުރެ އިންތިޒާރު ކުރަމުން އަންނަ ކަމެކެވެ. އޭނާ މިކަމުގެ ހަލާކު ވެދާން ހުއްޓަސް ހުރީމިކަން ކުރުމަށް ފަސްނުޖެހިއެވެ. ތުއްތުސީދީ އޭނާގެ ދަރިފުޅުގެ ހާލައިމެދު ވެސް ހިތާމަ ކުރެއެވެ. އެހެންނަމަ ވެސް އޭނާ އެ އިންތިޒާރު ކުރަމުން އައި ކަންތައްތަކަށް ފަސްނުޖެހި ކުރާނެއެވެ.
އޭނާގެ މަރުވެފައިވާ ދެއަނބިންގެ ހައްގުގައި ވެސް އޭނާ މިހުރިހާ ކަމެއްކޮށް އަލުން ދިރިއުޅުމުގެ ހަޔާތެއް ހޯދަން އެބަ ބޭނުންވެއެވެ. އެއީ އޭނާ ކިތަންމެ އުމުރުން ދޮށިވެފައި ހުރިކަމުގައި ވިޔަސްމެއެވެ. ތުއްތުސީދީ އަށް ކުރަންޖެހެނީ ކޮންމެފަދަ ބޮޑު ބިރުވެރި ކަމެއް ވިޔަސް ވަރިހަމައެވެ. އޭނާ މިކަންތައް ކުރަން ކުޑަ ކޮއްވެސް ފަހެއް ނުޖެހޭނެއެވެ. ދެންއޮތީ ބޮޑު ކަޅު ސިހުރު ހާހޫރައިގެ ބާބުފެއްޓުމެވެ. އެކަމުގެ ވަގުތު ޖެހުމާ އެކީ އޭނާ އެކަން ވެސް ކުރަން މިހާރު އެތައްޔާރީތަށް ވަމުން އަންނަނީއެވެ.
(ނުނިމޭ)
މަމްދޫހުގެ ޕަރީފެންގަނޑު މި ވަރަށް ރީތި ވާހަކައެއް ހަލި ނޫހުން މި ވާހަކަ ގެނެސް ދޭންވީ އެހާކުރު ނޫންކޮށް މި ވާހަކަ އަށް ގިނަބަޔަކު ތިބީ އިންތިޒާރުގަ މި ވާހަކަ ދިގުކޮށް ގެނެސްދިނުމަށް ވަރަށް އެދެން މަމްދޫހު ޕާސަނަލީ ދަންނަންތަ ވާހަކަ ކިޔަާ ކުދިންކޮޅު؟ އަސްލު ވަރަަށް ތަނަވަސް ހިޔަާލު ހުރި ކަމަށް މަށަށް ފާހަގަ ކުރެވިއްޖެ މަމްދޫހުގެ އެހެން ވާހަކައެއް ވެސް ކިޔާލަން ލިބޭނެނަމަ ދޯ
ގަދަ ވާހަކައެއް މި އޮތީ ހަހަހަ އަހަރެން ފަަހާނާ އަށް ދާން ބިރުގަނޭ ވާހަކަ ދިގުކޮށް ނޫހުން ގެނެސްދީބަލަ
އެއްވާހަކައެއް މާބޮޑަށް ތަކުރާރުކޮށްފައި ހުރީ. އެހާ ކުރުތަންކޮޅެއް ކިޔާލަން ލިބުނީ. ކަމަކުނުދޭ މިހެންވީމަ.
ކޮންމެ ދުވަހެއްގެ ބައިގަވެސް ކުރިންދުވަހުގެ ބައި މާބޮޑަށް ގެނެސްދޭތީ. ކުޑަތަންކޮޅެއް ކިޔާލަން ލިބެނީ.