މޯލްޑިވިއަން އައިޑަލްއިން ފުރިހަމަ ތިންވަނައަކާއެކު ގިނަބައެއްގެ މަގުބޫލުކަން ހޯދި ޒުވާން އަޑުގެ ވެރިޔާ ޝަންވީލު މުހައްމަދު، އެންމެންގެ އެކުވެރި ނަމުންނަމަ 'ބަރޯ'ގެ 'މޭޝްއަޕް 5" ގިނަ ބައެއްގެ މަގުބޫލުކަން ހޯދަން ފަށައިފިއެވެ.

ހާދައެދެން ކައިރިން ދެކެން، ހައިރާންވޭ ސޫރަވަނީއޭ، އެކީއްވެހޭ ނިވާވަމުން އެހަނދުފިލީ، ޤިޔާމަތު ޤިޔާމަތްވަނީބާ، ބުނާށެއެދެނީހިތް އައިލަވްޔޫ، ބޯވެހޭ ވާރެޔާ، މި ހިތްގައިމު ލަވަތަކަށް ވަނީ ޔޫޓިއުބުގައި ގިނަ ވިއުސްތަކެއް ލިބި އެތައް ޝެއާތަކެއް ދަނީ ކުރެވެމުންނެވެ.

މޯލްޑިވިއަން އައިޑަލްއިން ރާއްޖޭގެ ލަވައާއި މިޔުޒިކުގެ އުދަރެހުގައި ފިޔަޖަހަން ފެށި "ބަރޯ" ދަނީ އޭނާގެ އަޑާއި މިޔުޒިކާއެކު އެކްޓު ކުރުމުގައިވެސް ކުރިއަރަމުންނެވެ. އެގޮތުން މިހާތަނަށް ޝަންވީލު ނެރެފައިވާ މޭޝްއަޕް ތަކަކީ ދިވެހިންގެ ތެރޭގައި ނުހަނު ބޮޑު މަގުބޫލުކަމެއް ލިބެމުންދާ ވީޑިޔޯއަލްބަމްތަކެކެވެ.

މޭޝްއަޕް5ގެ ޓީމް

އަދި ހަމައެހެންމެ ޔޫޓިއުބްއިން ފަސޭހައިން ލިބެން ހުރުމުން ޓިކްޓޮކްއާއި ޔޫޓިއުބްގައި ދިވެހިންގެ އިތުރަށް އެހެން ފަރާތްތަކުން ވެސް ޝަންވީލުގެ މިލަވަތައް ކަމުދާކަމަށް ހިއްސާކޮށްފައިހުރެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޝަންވީލުގެ "ލަކުނެއް ކަލާ މޫނުގައި" ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް ބައެއްގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ޝަންވީލަކީ ދުވަހެއްދުވަހަކަށް ކުރިއަރަމުން އަންނަ އެތައް ހުނަރެއް ހުރި ޒުވާން ފަންނާނެކެވެ. މޯލްޑިވިއަން އައިޑަލްއިން ފެނިފައި ގެއްލުމުގެ ބަދަލުގައި ޝަންވީލު އޭނާގެ ކެރިއަރ އިތުރަށް ވަރުގަދަ ކުރުމަށް އެތައް މަސައްކަތެއް ކޮށް އަދި އެމަސައްކަތްތައް ދަނީ ކާމިޔާބުވެސް ވަމުންނެވެ.