ގދ. މަޑަވެލީގައި އަންހެނަކު ގެއިން ނެރެގެން ބިންމަތީގައި ދަމާ އަނިޔާކުރި މައްސަލައަކާ ގުޅިގެން އެރަށު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. މައްސަލައިގައި އަނިޔާވި އަންހެން މީހާއަށް އެރަށު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ހައްޔަރުކުރި ފިރިހެން މީހާ އަނިޔާކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެހެންރަށެއްގެ 30 އަހަރަކަށްދާ އަންހެނަކަށް ކަމަށްވެއެވެ. އަދި މީގެ ކުރިންވެސް މީނާ އެއަންހެންމީހާއަށް އަނިޔާ ކުރާކަމަށްވެއެވެ. ސޯޝަލްމީޑިޔާތެރޭގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި އަންހެންމީހާ ގެއަކުން ނެރެގެން ބިންމައްޗަށް ވައްޓާލަނީއެވެ. އަދި ދަމާކޫއްތާފައި ގެންދަމުން ތަޅައި އަނިޔާކުރެއެވެ. ރަށުތެރޭގައި މީހުން ނުކުމެ ދުރުކުރަން އުޅުނު ވަގުތުވެސް ފިރިހެންމީހާ އަންހެންމީހާގެ ގަޔަކުން ދޫކުރާކަށް ގަސްދެއް ނުކުރެއެވެ. ވީޑިޔޯއިން އަންހެނަކު "އަލީ އޭތް އަލީ" އޭ ކިޔާ ފިރިހެންމީހާއަށް ގޮވާ އަޑު އިވެއެވެ. އަންހެންމީހާ ބިންމައްޗަށް ވައްޓާ ދަމައި އަނިޔާ ކުރުމުގެ ތެރޭގައި އެމީހުންތަކުގެ ތެރޭގައި އަންހެންމީހާ ދެބައިކުޅައެއްބަޔަށް ލައިގެން ހުރި ހެދުމުން ނިވާކަން ކުޑަވެގެންދާ ވަރުކޮށްފައިވެއެވެ. ވީޑިޔޯއިން އެންމެ ހިތަށް އަސަރު ކުރުވާ އަނެއް މަންޒަރަކަށް ފެނުނީ މި ހާދިސާ ފެށުނީއްސުރެ އަންހެންމީހާ ނެރެގެން ތަޅައިގަންނަ ގޭގެ ދޮރާށި ބުޑުގައި ހުރި ޖޯއްޔެއްގައި އިން ކުޑަކުއްޖަކު ކަޅި ޖަހާނުލައި އެތަން ބަލަން އިން މަންޒަރެވެ. މިފަދަ މަންޒަރުތައް އެވަރުގެ ތުއްތު ކުދިންނަށް ފެނުމަކީ އޭގެ ނުބައި އަސަރު މުޅި އުމުރަށް ކުރާނެ ކަމެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެއެވެ.