މިރޯދަމަހު ވާހަކަ ލިޔުންތެރިޔާ މަމްދޫހު އިބްރާހީމްގެ "މަމްދުބޭބެގެ ހަދިޔާ" ގެ ނަމުގައި ކުޑަކުދިންގެ ވާހަކަތަކެއް "ހަލި" ނޫހުން ގެނެސްދޭން ވަނީ ހަމަޖެހިފައެވެ. "ހަލި" ނޫހަށް 'މަމްދުބޭބެގެ ހަދިޔާ' އާ ބެހޭ ގޮތުން ކިޔައިދެމުން މަމްދޫހު ބުނި ގޮތުގައި މިއީ ކުޑަކުދިންނަށް އިބްރަތްތެރި ފިލާވަޅުތަކެއް ބުނެދޭ ކުރުކުރު ވާހަކަތަކެއް ކަމަށެވެ.

"ވަރަށް ކުރުކުރު ވާހަކަކޮޅުތަކެއް ހުންނާނީ. އެއާއެކު ސްކެޗް ތަކެއް ގެންނާނެ. މީގެ ބޭނުމަކީ ކުޑަކުދިންނަށް ރޯދަ މަހު ފޫހިފިލުވައިލުމާއެކު އިބްރަތްތެރި ފިލާވަޅުތަކެއްވެސް ލިއްބައިދިނުން."

މަމްދޫހު ބުނި ގޮތުގައި ކުޑަކުދިންގެ ދިވެހި ވާހަކަ ފެންނަނީ ވަރަށް މަދުންނެވެ. އެހެން ހުންނަ ވާހަކަވެސް ހުރިހާ ކުދިންނަށް ކިޔޭކަށް ނޯވެއެވެ.

"ހުރިހާ ކުދިންނަކީ ލިބޭ އާއިލާތަކުގެ ކުދިންނެއް ނޫން. ބައެއް ބެލެނިވެރިން ތިބޭނެ ބޭނުންވިޔަސް ދުއިސައްތަ ތިންސަތޭކަ އަށް ފޮތެއް ގަނެފަ ނުދެވޭނެ މީހުން. މާކުޑައަގުގަ ވިއްކެން ނޯންނަނީ ވަރަށް ބޮޑެތި ހަރަދުކޮށްގެން ރާއްޖޭގައި ފޮތެއް މިނެރެވެނީ. އެހެންވީމަ އެންމެ އާދައިގެ މީހަކަށް ނުގަނެވިދާނެ. އަޅުގަނޑު ބޭނުންވަނީ އޮންލައިންކޮށް ކޮންމެފަރާތަކަށްވެސް ކިޔައިދެވޭނެ އަދި އަމިއްލައަށްވެސް ކުދިންނަށް ކިޔޭ ގޮތަށް ވާހަކަ ތަކެއް ގެނެސްދޭން. އެހެން ބަލާއިރު ރޯދަމަހަކީ ރަނގަޅު ދުވަސްކޮޅެއް."

މަމްދޫހު ބުނީ ރޯދަމަހު މި ގޮތަށް ވާހަކަތަކެއް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކުދިންނަށް ރޯދައަށް ތިބެ ހިތްހަމަޖައްސާލުމަށް އެކުދިންގެ އުމުރާ ގުޅޭ ދިވެހި ވާހަކަތަކެއް ކިޔޭނެ ގޮތް ހެދުން ކަމުގައެވެ. މިގޮތުން މަމްދޫހު ގެނެސްދޭން ނިންމާފައިވަނީ އެންމެ ކުޑަކުދިންނަށް އެއްބައި ވާހަކަ އަދި ބާރަތޭރަ އަހަރުގެ ކުދިންނާ ގުޅޭ ކަހަލަ ގޮތަކަށް އަނެއްބައި ވާހަކަ ވާ ގޮތަށް ބަހައިގެން ކަމަށެވެ.

"އެންމެ ކުޑަ ކުދިންނާ ގުޅޭ ކަހަލަ އަދި ޓީންއޭޖްގެ ކުދިންނާ ގުޅޭ ގޮތަށް ގެނެސްދޭނީ."

"ހަލި" ނޫހުން މަމްދޫހުގެ ވާހަކަ ޕަރީފެންގަނޑު މިހާރުވެސް ދަނީ ގެނެސްދެމުންނެވެ. އަދި މިވާހަކައަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ރޯދަމަހަށް ހާއްސަކޮށްގެން މަމްދޫހުގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ގެނެސްދޭ ވާހަކަތައް ގެނެސްދެވޭނީ ހަފުތާއަކު ތިން ދުވަހަކުއެވެ. އޭގެ ތެރެއިން ގްރޭޑް ހަޔަކުން މަތީގެ ކުދިންނަށް ކިޔޭ ކަހަކަ އެއް ވާހަކަ ގެނެސްދެވޭނެއެވެ.