މ. އަތޮޅުގެ 3 ރަށެއްގައި ގްރައުންޑް ވޯޓަރ ބޭސްލައިން ސްޓަޑީއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މ. މުލަކަށް ނިސްބަތްވާ ޖަމިއްޔާއެއްކަމަށްވާ ކޮމިޔުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) ޖަމިއްޔާއާއި ނެދަލެންޑްސްގެ އައި.އެޗް.އީ ޑެލްފް ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތްތައް މައިގަނޑު ގޮތެއްގައި ހިންގުމަށް ރޭވިފައިވަނީ މުލައް، ކޮޅުފުށި އަދި މުލީ ގައެވެ.

''3 އެސް ވޯޓަރ ޕްރޮޖެކްޓް'' ނަމުގައި ކުރިއަށްދާ މި މަސައްކަތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ވިލާ ކޮލެޖްގައެވެ.

މި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސެލްގެ އިތުރުން ވިލާކޮލެޖް، އެޗް.ޓޫ.އޯ މޯލްޑިވްސް، ނޭރީ އިންސްޓިޓިއުޓް އައި.އެޗް.އީ އަދި ޖޯޑަން ޔުނިވަރސިޓީގެ ފަރާތުންވެސް ބައިވެރިވެފައިވެއެވެ.

ހަލި ނިއުސްއަށް މައުލޫމާތު ދެއްވަމުން 3 އެސް ވޯޓަރ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަސޭލާ ޕަތިރަނާ ވިދާޅުވީ މި ކަން ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްކާތެރި ސާފުފެން ދާއިމީ ގޮތެއްްގައި ރަށްފުށު މީހުންނަށް ލިބޭނެ ގޮތްތަކެއް އުގައިންނާ ދިނުމާއި ހާއްސަކޮށް ސްކޫލުގެ ދަރިވަރުންނަށާއި ކްލަބު ޖަމިއްޔާތަކަށް ދިރާސާކުރުމުގެ ގޮތްތަށް ދަސް ކޮށްދިނުން ކަމަށެވެ.

އަދި މީގެ އިތުރުން، އަސޭލާ ވިދާޅުވީ ރަށު ކައުންސިލްތަކަށް ވޯޓަރ ސެކިޔުރިޓީ ޕްލޭން ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ގްރައުންޑް ވޯޓަރ ބޭސްލައިން ސްޓަޑީޒްއަކީ 3 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ދިރާސާތަކެކެވެ.