މިފެށޭ ރޯދަމަހު މާލޭސިޓީގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެއީ މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުންކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. "މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެއެވެ."

އޭގެ އިތުރުން ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބަލަހައްޓަމުންދާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ އޭގެ އިތުރުން ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް ބަލަހައްޓަމުންދާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

"އޭގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެއެވެ. އެގޮތުން ބޯޓު ފަހަރުތަކަށް މުދާ އަރުވައި ބޭލުމަށް މަޑުކޮށްގެން އޮންނަ އުޅަނދުތަކަށް އަވަސްކުރުމަށް އެންގުމާއި ބާލާފައި ހުންނަ މުދާތައް އަވަހަށް އެތަނުން ހުސްކުރަން އަންގުމާއި ބާޒާރުމަތީ ފިހާރަތަކަށް މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތައް އުތުރުފަޅީގައި މަޑުކުރަން އެންގުމުގެ އިތުރުން ޕޭވްމަންޓް އަދި ޕާކިން ޒޯނުތަކުގައި މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ މުދާތައް ނެގުމަށް އަންގަމުންދާނެއެވެ. އަދި މާލެތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައިވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ."

ހަވީރުގެ ވަގުތުތަކަކީ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކަކަށްވުމުން މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގެ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން، ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑު ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ. އަދި ސަރަހައްދު އަދި ބަސް ސްޓޮޕްތައް ކައިރިވެސް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދާނޭ ކަމަށް ވިދާޅުވިއެވެ.