"ކެމްޕޭން ފަންސައާހި" ގެ ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރު (ޓެކްސް ކޮމްޕްލަޔަންސް) އިތުރު ކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިންގ ރޭޓް) އިތުރު ކުރުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.

ކެމްޕޭން ފަންސައާހިގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުން ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.

ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާއިރު، ޓެކްސްދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ކެމްޕޭނުގެ ދަށުން، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެއެވެ. އަދި ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް މީރާއިން މައޫލޫމާތު ދެއްވިއެވެ.

މިގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމޭލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާކަމުގައި މީރާއިން މައޫލޫމާތު ދެއްވާފައިވެއެވެ.