ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދިނުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ހުރުން އާދަވުމުން އެނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރުހެލިވާ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ.
އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވޭނީ ބަލިވުމުންނެވެ. މިހެންވެ ، ކީރިތިރަސޫލާ އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި، ޢާފިޔަތު ދެއްވުން އެދިދުޢާކުރުމަށް ނަސޭހަތް ދެއްވާފައިވެއެވެ.
އިންސާނާއަށް ހައިހޫނުކަމާ ކުރިމަތިވުމުން މެނުވީ ކާއެއްޗެހީގެ އަގު ވަޒަނެއް ނުކުރެވެއެވެ.
ފެން ބޮވައިގަނެގެން ގޮސް ފެންފޮދެއް ލިބުން ދަތިވުމުން މެނުވީ އިންސާނާއަށް ފެނުގެ އަގު އިޙްސާސެއް ނުކުރެވެއެވެ. ތަންކޮޅެއް ކުރީގެ އަހަރުތަކުގައި އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ގޭގައި ވަޅެއް ހުރެ އެ ވަޅުން ރަނގަޅު ފެންލިބެމުން ދިޔައިރު ފެނުގެ އަގު އަޅުގަނޑުމެންނަށް ވަނީ ވަޒަން ނުކުރެވިފައެވެ. ނަމަވެސް ފެން ތަޣައްޔުރުވެ، ވަޅުތައް ލޮނުވެ، ފެން ނުބައިވުމުން، ދިވެހީންނަށް ވެސް މިއަދު ވަނީ ފެނުގެ އަގު އިޙްސާސްކުރެވިފައެވެ. މިއަދު ފެން ގަންނަން ޖެހިފައިވާތީ ކޮންމެ މީހަކު ވެސް ފެނަށް ރައްކައުތެރި ވެއެވެ. ފެން އިސްރާފުނުކޮށް ވޭތޯ ބަލައެވެ.
ފެންބޮވައި ގަނެގެންގޮސް ފެންފޮދެއް ނުލިބިގެން ހުއްޓާ ފެންފޮދެއް ލިބުމުން الحمد للهއޭވެސް ކިޔެއެވެ. އެނިޢުމަތަށް ޝުކްރު ދެންނެވެއެވެ. މިކަމާ ބެހޭގޮތުން އަލްއިމާމު އަޙްމަދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. رسول الله صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. މައްކާގެ ބަޠުޙާ ތިމަން ކަލޭގެފާނަށްޓަކައި ރަނަށް ހައްދަވާ ދެއްވުމަށް މާތްﷲ ތިމަން ކަލޭގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު ތިމަން ކަލޭގެފާނު ދެންނެވީމެވެ. ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާކޮ! އެހެން ނަހައްދަވާށެވެ. ތިމަން ކަލޭގެފާނު ބޭނުންފުޅުވަނީ އެއްދުވަހު ފަރީއްކުޅުއްވައިގެން ހުންނެވުމަށެވެ. އަނެއް ދުވަހު ބަނޑުހައިހޫނުކަމުގައިހުންނެވުމަށެވެ. ހައިހޫނުވެވަޑައިގެން އިބަރަސްކަލާނގެ މަތިން ހަނދުމަފުޅު ކުރެއްވުމަށެވެ. ފަރީއްކުޅުއްވަވައިގެން އިބަރަސްކަލާނގެއަށް ޝުކްރު ދެންނެވުމަށެވެ.
ދާވޫދުގެފާނަކީ މުއްސަނދި ރަސޫލުބޭކަލެކެވެ. އެކަމަކު ވެސް އެކަލޭގެފާނަކީ މާތްﷲގެ ވަޖްހުފުޅަށްޓަކައި ދެ ދުވަހުން އެއް ދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ. މިހެންވެ، ކީރިތިރަސޫލާ ސުންނަތް ރޯދައާ ބެހޭގޮތުން ޙަދީޘްކުރައްވަނީ ” أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ عَلَيْهِ السَّلامُ ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا ، وَأَحَبُّ الصَّلاةِ إِلَى اللَّهِ صَلاةُ دَاوُدَ كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ (رواه البيهقى والطبرانى وأبو داود وابن ماجه والدارمى والنسائى) ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ހިއްޕެވި ގޮތަށް ރޯދަހިފުމެވެ. އެ ކަލޭގެފާނު އެއް ދުވަހު ރޯދަފުޅުހިއްޕަވައިފައި އަނެއް ދުވަހު ރޯދަފުޅެއް ނުހިއްޕަވައެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދުކުރުމަކީ ދާވޫދުގެފާނު ނަމާދުކުރެއްވި ގޮތަށް ނަމާދުކުރުމެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅަ އެއްބައި ގައި އަވަހާރަފުޅު ލައްޕަވައިފައި ތެދުވެވަޑައިގެން ތިންބައިކުޅަ އެއްބައިގެ މިންވަރަށް ނަމާދުފުޅުކުރެއްވިއެވެ. އެއަށް ފަހު އަނެއް ހަބައިކުޅަ އެއްބައި ގައި އަވަހާރަފުޅުލެއްޕެވި އެވެ.“
(ނޯޓް: މިލިޔުމަކީ http://liyuntherin.org ގެ ލިޔުމެކެވެ!)