އިނގިރޭސިވިލާތުން އަލަށް ފެނުނު ކޮވިޑް-19 ނުރައްކާތެރި ވައިރަސް ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް އިނގިރޭސި ހެލްތު މިނިސްޓަރ މެޓް ހެންކޮކް ވިދާޅުވުމާ ގުޅިގެން ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މާ ބާރުގަދަ އަދި މާ ނުރައްކާތެރި ކޮވިޑްބަލި ޖައްސާ ބާވަތުގެ ވައިރަހެއް ދަނީ އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކުގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.

މިކަމާހެދި ވެރިރަށް ލަންޑަނާއި، އެހެން ބައެއް ސަރަހައްދުތައް ރެއިން ފެށިގެންވަނީ އަލުން ލޮކްޑައުން ކޮށްފައެވެ. އަދި އެހެން ބައެއް ސަރަހައްދުތަކުގައި ގެންދަނީ ހަރުކަށި ފިޔަވަޅުތައްވެސް އަޅަމުންނެވެ.

ކުރިއަށްއޮތް ކްރިސްމަސް ޗުއްޓީއަށް އެތައް މިލިއަން ބަޔަކު އިންތިޒާރީގައި ތިއްބައި، އަލަށް ފެނުނު ބާރުގަދަ ވައިރަސްއާ ގުޅިގެން ސަރުކާރުންވަނީ ޗުއްޓީއަށް ބެލުމެއްނެތި ފިޔަވަޅުތައް އަޅާފައެވެ.

އިނގިރޭސިވިލާތުގެ ސްކައި ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ މިޓް ހެންކޮކް ވިދާޅުވީ، އިނގިރޭސިވިލާތުގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދެވެންދެންވެސް ފަހަރުގައި ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނޭ ކަމަށެވެ.

އަލަށް ފެނުނު ވައިރަސްގެ ވައްތަރު ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި، އެކަން ހުއްޓުވަން އެބަޖެހޭ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރވަނީ، ކޮންމެހެން ދާންޖެހިގެން ނޫނީ، ގެއިން ބޭރަށް ނުދިއުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

އަސާސީ މުދާ ވިއްކާ ފިހާރަތައް ފިޔަވައި، ސަރުކާރުންވަނީ އެހެން ހުރިހާ ބާވަތެއްގެ ވިޔަފާރިތައްވެސް ބަންދުކޮށްފައެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ އަސަރު 16.4 މިލިއަން މީހުންނަށް ކުރާނެއެވެ.

ކޮވިޑް-19 ވައިރަހުގެ މާ ނުރައްކާތެރި ބާވަތެއް ފެނުނުކަން އިއްޔެ އިއުލާން ކުރެއްވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ.

ބޮޑުވަޒީރުވެސްވަނީ،ކްރިސްމަސް ޕްލޭން ކެންސަލްކޮށް އެންމެން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ އިންޒާރާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ގެންދަނީ، އިނގިރޭސި ފަސިންޖަރުން އުފުލާ މަތިންދާ ބޯޓުތައް އެގައުމުތަކަށް ދަތުރުކުރުން މަނާކުރަމުންނެވެ.