ދިވެހިސަރުކާރަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ފުންހިތާމައެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިސްތަފާއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ސަރުކާރުގެ އެކިދާއިރާތަކުގައި މަސައްކަތް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ. "ސަރުކާރުގެ ދާއިރާގައި އަޅުގަނޑާއެކު ގިނައަހަރުތަކެއް ވަންދެން އުޅުއްވި ލޮބުވެތިއަޚު އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވުމަކީ އަޅުގަނޑަށްލިބުނު ވަރަށް ފުންހިތާމައެއް،" ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނު ލީޑުކުރައްވާ އެމްއާރުއެމްއިން ވެސް ވަނީ އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވުމުން އެކަމުގެ ހިތާމަކުރައްވައިފައެވެ. "އެ ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއި އެކުގައި. މާތް ﷲ އެމަރްހޫމްގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އަދި މި ހިތްދަތި ދަނޑިވަޅުގައި މަރްހޫމްގެ ޢާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި،" އެޕާޓީން ބުނެފައިވެއެވެ.
އިސްތަފާ އަވަހާރަވީ އައިޖީއެމްޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ޖަނާޒާ ވެސް މިއަދުގެ މަޣުރުބު ނަމާދަށްފަހު ވަނީ ބާއްވައިފައެވެ. އިސްތަފާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައެވެ.