ބަރަކާތްތެރި ރަމަޟާން މަސް ނުވަތަ ރޯދަމަހަކީ އަހަރަކަށްފަހު މާތްﷲ ދެއްވާ ވަރަށް އަގުރި ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާންމަހުގެ ތަހުނިޔާ ދެންނެވުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.

"ރޯދަ މަހަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ މޫސުމެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރެވެ. އަހަރަކު އެއް ފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ މި މަތިވެރި މައްސަރަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ވަރަށް އަގުހުރި ރަނުގެ ފުރުޞަތެކެވެ." ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ އުޅުމާއި ގުޅުންތައް އިޞްލާޙްކޮށް، ޙަޔާތުގެ އާބާތުރަ ފިލުވައި، އިޞްލާޙްގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، އެކަލާނގެ ދެއްވާ މަތިވެރި ފުރުޞަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅު ކަމަށްވެސް ވިދާޅުވިއެވެ. ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަޙައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިސްރާފުކުރުންތަކާ ދުރުހެލިވެ، އިޤްތިޞާދު ކުރުމުގެ އާދަ ހަރުލައްވަން ޖެހޭކަމަށެވެ. ރޯދައިގެ އަޚްލާޤީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިޚްތިޔާރުކުރުމެވެ. ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

"މި ބަރަކާތްތެރި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ވަކިން ޚާއްޞަކޮށް، މި މައްސަރަކީ، ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހައްދަވަމާ ހިންގަވާށެވެ. މައިންބަފައިންނާއި ޢާއިލާގައި ތިބި ޢުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާށެވެ."