ބަރަކާތްތެރި ރަމަޟާން މަހު ޢާއިލާއާއި ރައްޔިތުންނާ ވަކިން އެކަހެރިކޮށް ހުންނަވަން ޖެހިވަޑައިގަތުމުގެ ހިތްދަތިކަން އިޙުސާސް ކުރެއްވުނުކަމަށްވިޔަސް ޢަޒުމަކަށްވެސް އަދި ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ހުންނެވީ ވަރަށް ސާބިތުކަމާއެކު ވަރުގަދަކޮށްކަމުގައި މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޖަލުގައި ހުންނަވައިގެން ޕީޕީއެމް/ޕީއެންސީ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައެވެ. އެބަޔާނުގައިި ބުނެފައިވަނީ މި ފެށުނު ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެމަނިކުފާނުގެ ދެކަނބަލުން ދިވެހި ރައްޔިތުންނަށް ފޮނުއްވަވާ ކަމަށެވެ.

"މި ތަހުނިޔާއާއި ހެޔޮ އެދުމުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށާއި އިސްލާމީ އުންމަތް ޝަމިލުކުރައްވައެވެ. މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަށާއި، ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ ޢަމަލުތައް ސީދާ ކުރައްވާ މިމައްސަރުގެ ހެޔޮ ރަޙުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ." އެބަޔާނުގައި ވެއެވެ.

މި ރަމަޟާން މަހުގެ ދަރުމައާއި ސަވާބަށް އެދި ގަދައަޅާ މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ ނަސޭހަތް ދެއްވައިފައެވެ. އެ މަސައްކަތް ކުރަމުންދާއިރު "ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި، ވެއްޓިފައި މިވާ އަޑިގަނޑުން އަރައިގަތުމަށް ދިވެހި ރައްޔިތުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިތއްވަރު ދެއްވައި އެމަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންގޮސްދެއްވުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ އެންމެ ބޮޑު ހިތްވަރުކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ." އެ ބަޔާނުގައިވެއެވެ.

ދިވެހި ޤައުމު ސަލާމްތްކޮށްދެއްވައި، ޤައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ދުއާ ކުރައްވާ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަރަކީ ހުރިހާ ގޮތަކުންވެސް މިޤައުމާއި ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލައްވައި މިމައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު އެންމެހާ ދިވެހި ރައްޔތުންނަށް މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ދުއާ ކުރައްވާ ކަމަށަ ކަމަށްވެސް ބުނެފައިވެއެވެ.