ޢަރަބި ކަރައިގަައިވާ މައްކާއަކީ ވަރަށް މަޝްހޫރު ޝަހަރެކެވެ. އެ ރަށް ނުދަންނަ ތަނެއް ދުނިޔެއަކު ނެތެވެ.

މީގެ އެއްހާސް އަހަރު ކުރިން ހަތަރު ސަތޭކަ ތިރީސް ހަ އަަހަރު ކުރީގައި، މާތްރަސްކަލާނގެ، އެރަށުގައި، ވަރަށް މާތް. އެކަލާނގެ ނުހަނު ލޯބިވެ ވޮޑިގެންވި ނަބީއަކު ދުނިޔެއަށް ފޮނުއްވިއެވެ. އެ މާތް ނަބިއްޔާގެ ނަންފުޅަކީ މުޙައްމަދެވެ. މާތްރަސްކަލާނގެ އެ ކީރިތިނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އާމީން

މާތްރަސްކަލާނެ ލޯބިވެވޮޑިގެންވާ ރަސޫލާ އަދި އަހަރެމެންގެ މާތް ނަބިއްޔާއަކީ މިދުނިޔޭގައިވާ އެންމެ މާތް އިންސާނާއެވެ. އާއެކެވެ. މާތްރަސްކަލާނގެއަށް ފަހު ދެން އެންމެ މާތްވެގެންވަނީ އެމާތްސާހިބާއެވެ. އެކަލޭގެފާނަކީ ދެދުނިޔޭގެ ސާހިބާވެސްމެއެވެ.

މާތްސާހިބާ ދުނިޔެއަށް ވަޑައިގެންނެވިއިރު، ޢަރަބިކަރައަކީ ވަރަށްވެސް ޖާހިލުތަނެކެވެ. އެތާގެ މީހުންގެ ދިރިއުޅުން ވަނީ، އިންސާނުންގެ ދަރަޖައިން ނެއްޓި ޙައިވާނުންގެ ފެންވަރަށް ދަށަށް ގޮސްފައެވެ. އެބައި މީހުން ހެއްދެވި މާތްރަސްކަލާނގެ ވޮޑިގެންވާ ކަމެއް އެބައިމީހުން ނުދަނެއެވެ. އެ ޒަމާނުގައި ޢަރަބިކަރަ ފިޔަވައި މުޅި ދުނިޔެވެސް އޮތީ އެފަދަ ޙާލެއްގައެވެ.

ގެފުޅު

އަހަރެމެން ގެފުޅޭ ކިޔަނީ މައްކާގައި ހުންނަ ގެއަކަށެވެ. އެއީ، މާތްރަސްކަލާނގެ ގެފުޅެވެ. ގެފުޅު ހުންނަނީ، ގާތްގަނޑަކަށް ހަތަރެސްކަން ހަމަައަށެެވެ. އާއެކެވެ. ގެފުޅުގެ ދިގުމިނާއި ފުޅައުމިނަކީ 60 ފޫތެވެ. އަދި އުސްމިނަކީ 80 ފޫޓެވެ.

ގެފުޅު، އެންމެ ފުރަތަަމަ ބިނާ ކުރެއްވީ، މާތްރަސްކަލާނގެ ފޮނުއްވެވި ދެނަބީބޭކަލަކު ކަމުގައިވާ، ސައްޔިދުނާ އިބްރާހީމްގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން މާތް އިސްމާޢީލުގެފާނެވެ. އެދެބަފައިކަލުންގެ ގެފުޅު ބިނާކުރެއްވީ މާތް ރަސްކަލާނގެ ޙަޟްރަތަށް އަޅުކަން ކުރެއްވުމަށެވެ.

ނަމަވެސް ފަހުން އައިސް މައްކާގެ ކާފަރުން ވަނީ ގެފުޅުގައި ބުދުތައް ބަހައްޓައި، ބުދަށް އަޅުކަން ކުރާ ފައްޅިއަކަށް ގެފުޅު ހަދާފައެވެ.

ކީރިތި މާތްރަސްކަލާނގެ އަހަރެމެންގެ މާތް ސާހިބާ ދުނިޔެއަށް ފޮނުއްވީ، އެފަދަ ކާފިރުންނަށް މާތްއިސްލާމްދީނުގެ ތެދުމަގު ދައްކަވައި ދުނިޔެ އިޞްލާޙު ކުރެއްވުމަށެވެ. އެކަލޭގެފާނަކީ، މާތްރަސްކަލާނގެ ދުނިޔެއށް ފޮނުއްވެވި އެންމެ މާތް ނަބިއްޔާއެވެ. އެންމެ މާތް ރަސޫލާއެވެ. އަދި އެންމެ ފަހުގެ ނަބިއްޔާވެސް މެއެވެ.

އަހަރެމެންގެ މާތްސާހިބާ މީސްތަކުންނަށް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް، މާތްރަސްކަލާނގެ ދީން އަންގަވައި އޮޅުންފިލުވައިދެއްވިއެވެ. އެކަލޭގެފާނުގެ ގަދަ މަސައްކަތްޕުޅުން، އެންމެ ފަހުން އެފަދަ ނުބައި ނުލަފާ ކާފިރުންވެސް އިސްލާމްވެ، މާތްރަސްކަލާނގެ ތެދުމަގަށް އެޅިއްޖެއެވެ. އަދި ބުދަށް އަޅުކަން ކުރުން ދޫކޮށް، މާތްރަސްކަލާނގެ ޤަބޫލުކޮށް، އެކަލާނގެ ޙަޟްރަތަށް އަޅުކަން ކުރާން ފަށައިިފިއެވެ.

(ނުނިމޭ)