އުރީދޫ މޯލްޑިވްސް އިން 5ޖީ ނެޓްވޯރކް މާލޭގެ ބޮޑު ސަރަހައްދަކަށް މިއަދު ތައާރަފްކޮށްފިއެވެ. މީގެތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް ހޮސްޕިޓަލް އަދި އާންމު ސަރަހައްދުތައް ހިމަނާފައިވެއެވެ. މީގެއިތުރުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއަރފައިބަރ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.

މިހިދުމަތް ތަޢާރަފްކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއީލް، އަދި އުރީދޫ މޯލްޑިވްސްގެ ޗެއަރމަން އެންޑުރޫ ކުވެލްސެތް، މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ހާންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިންގެ ހާޒިރުގައި ބޭއްވުނު ޚާއްސަ ވާރޗުއަލް ހަފްލާއެއްގައެވެ.

" 5ޖީ ޓެކްނޮލޮޖީ އަކީ މުޅިދުނިޔެއަށް ބަލާލި ކަމުގައިވިއަސް އާދަޔާހިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބިގެން ދިއުމުގެ ޤާބިލްކަން ހުރި ޓެކްނޮލޮޖީ އެއް" މިނިސްޓަރ މަލީހު ވަނީ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ހާން މިރަސްމިއްޔާތުގައި ވިދާޅުވީ، މިހިދުމަތާއިއެކު ފައިބަރ އޮޕްޓިކް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއްލިބި ވައިގެ ޒަރިއްޔާއިން އެތައްގުނައަކަށް އިތުރު ސްޕީޑާއިއެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތައް މުޖުތަމައަށް ލިބޭނެކަމަށެވެ.

އުރީދޫ އިން މައުލޫމާތުދޭގޮތުގައި 5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ކުޑަވެގެންދާނެއެވެ. ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް 5ޖީ ފޯރުކޮށްދޭއިރު މާލޭގެ ބޮޑު ސަރަހައްދަކުން 5ޖީ ޑިވައިސްތައް މެދުވެރިކޮށް މިހިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ވަނީ މައުލޫމާތުދީފައެވެ. 5ޖީ ހިދުމަތް ލިބޭ ސަރަހައްދެއްތޯ ބެއްލެވުމަށްފަހު އުރީދޫ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް 5ޖީ އެއަރ ފައިބަރ ޑިވައިސް ޕްރީބުކް ކުރެއްވޭނެ ކަމަށް އެފަރާތުން މައުލޫމާތުދީފައިވެއެވެ.