ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ ކަދުރު، އާދިއްތަ ދުވަހު (26 މާރިޗް 2023) ން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއިން އިތުރަށް ވިދާޅުވީ ކަދުރު ބެހުން ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން 06 އޭޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ. އަދި ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންނެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ.