ރަމަޟާން މަސް ކައިރިވަމުން ދިޔައިރު ކާށީގެ އަގު ހުރި މިންވަރަށްވުރެ ދަށަށް މިއަދު ކާށީގެ އަގު ތިރިވިއިރު، ކަނޑު މަހާއި ފަރުމަހުގެ ބާވަތްތަކުގެ އަގު ރަމަޟާން މަސް މިއަދު ފެށުމާއެކު މައްޗަށް ހިނގައްޖެއެވެ.
ކާށީގެ އަގު ދަށަށް ދިޔައީ އަވައްޓެރި އިންޑިޔާ އާއި ލަންކާ އަދި މެދު ތެރޭ އޭޝިޔާގެ އިންޑޮނޭޝިޔާއިން މާލޭ މާރުކޭޓަށް ކާށި އެތެރެ ކުރުމާ ގުޅިގެން ކަމަށް މާރުކޭޓުގައި ކާށީގެ ވިޔަފާރި ކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
މާރުކޭޓުގައި މައިގަނޑު ގޮތެއްގައި ދިވެހި ކާށީގެ އަގުތައް ހުރީ 10 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގައެވެ. އެންމެ ކުދި ކާށި މިއަދު 5 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ.
އިންޑިޔާއިން އެތެރެކޮށްފައިވާ ކާށި ބަސްތާއެއް (އެތެރެ ކޮށްފައިވަނީ 25 ކާށީގެ ބަސްތާ) މާރު ކޭޓުން ވިއްކަމުން ދަނީ ބަސްތާއެއް 250 ރުފިޔާއަށެވެ. ވަކިން ކާއްޓެއް 10 ރުފިޔާ އާއި 15 އަށް ލިބެން އެބަހުއްޓެވެ. ލަންކާ އާއި އިންޑޮނޭޝިޔާއިން އެތެރެކޮށްފައިވާ ކާށި ވިއްކަމުން ދަނީ ކާއްޓެއް 10-18 ރުފިޔާއާ ދެމެދު އަގެއްގައެވެ.
ރޯދަމަހުގެ ކުރިއާ ބަލާއިރު މިއަދު މިވަނީ ރޯމަހުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ގޮސްފައެވެ. ރޯމަސް މާރުކޭޓުން ކަނޑުމަސް ކިލޯއެއް މިއަދު ލިބެން ހުރީ 40-50 ރުފިޔާ ދެމެދު އަގެއްގައެވެ. ރޯދަމަހުގެ ކުރިން ކަނޑުމަސް ކިލޯއެއް ވިއްކަމުން ދިޔައީ 25-35 ރުފިޔާ އަށެވެ.
ކަންނެލި ކިލޯއެއް ހުރީ 45-40 ރުފިޔާ އަށެވެ. ރޯދަމަހުގެ ކުރިން ކަންނެލި ކިލޯއެއް ވިއްކަމުން ދިޔައީ 30-35 ރުފިޔާއަށެވެ.
ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު ރަތްމަސް ލިބެން ހުރީ ކިލޯއެއް 90 ރުފިޔާއަށެވެ. ފިލޮޅު 65 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިއިރު ހަނދި ހުރީ ކިލޯއެއް 50 ރުފިޔާއަށެވެ.
މާރުކޭޓުގައި މަސްވިއްކާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް މަހުގެ އަގުތައް ދާނީ މައްޗަށެވެ.
ދިވެހިންގެ މަސައްކަތްތައް ބީވެ ގޮސްފި، ބޭރުމީހުން ހުރިހާ ބާރެއް އަތުލައިގެންފި، މިނިވަންކަން އޮތީވެސް މިހާލުގައި