ޖުމްހޫރީޕާޓީ (ޖޭޕީ) އިން ގެންދަނީ އެމްޑީޕީ ބައިބައިކޮށް ރޫޅާލުމަށް މަސައްކަތް ކުރަމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވުމުން ޖޭޕީގެ ޑެޕިޔުޓީ ލީޑަރު އަހުމްދު ސައުދު މޫސައަށް ހޫނު ރައްދެއް ދީފިއެވެ.
"ޖޭޕީކުރިޔަސް އެހެން ޕާޓީއަކުން ކުރިޔަސް ގޯހެއްވާނީ ގޯހަކަށް. އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއްނެތި އެޕާޓީގެ ބަޔަކު ގެންގޮސްގެން ޖޭޕީގެ ވެރީން އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްތަކަށް ހިތްވަރު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާވެސް ޚިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއް. ކުޑަކޮށް 7 ފެބުރުއަރީ ސިފަވަނީ،" މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސައުދު ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އަންނަން މަސައްކަކުރި މޫސަ ހުންނެވި ކޮންތާކު ކޮންކުލައެއްގެ ޕޯޑިއަމެއްގައިތޯ ސުވާލު ކުރައްވައިފައެވެ. މިއީ އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހޭކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެއަށްފަހު އެވާހަކަ އާންމު ފޯރަމް ތަކުގައި ދައްކާލަން ޖެހޭ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.
"2018 ގައި ވެރިކަމަށް އަންނަން އެމްޑީޕީންކުރި ބުރަ ދަތި އުނދަގޫ މަސައްކަތް ކުރިއިރު ރީކޯ މޫސަ ކަރުން ނާރުނަގައި މާފެލެން ހުރީ ކޮންތާކު ހުރި ކޮން ކުލައެއްގެ ޕޯޑިއަމެއްގައި ތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލުމަށްފަހު މިވާހަކަ އާންމު ފޯރަމްތަކުގައި ރަނގަޅަށް ދައްކާލަމާ ދެއްތޯ'؟ ސައުދު ވިދާޅުވެފައިވެއެވެ.
ސައުދު އެވިދާޅުވާ ދުވަސްވަރު މޫސަ މަސައްކަތް ކުރެއްވީ ރައީސް ޔާމީނާއެކު ޕީޕީއެމްގައެވެ.
ޖޭޕީން މަސައްކަތް ކުރަނީ އެމްޑީޕީ ރޫޅާލަން ކަމަށް މޫސަ ވިދާޅުވީ "ފިކުރެއްގެ ދިރުން" އާ ގުޅިގެން ޖޭޕީން މެނިފެސްޓޯއެއް އެކުލަވާލުމަށް އެއްބަސްވުމުންނެވެ. ޖޭޕީއަކީ އެމްޑީޕީ އިސްވެއޮވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ އެންމެ މުހިންމު އެއްބައިވެރިޔާއެވެ.
ސައުދަކަސް ތިޔަބުނީ ވަރަށް ރަނގަޅު ވާހަކައެއް، ރ. ޔާމީނަށް ވެސް މޫސަގެ ސަބަބުން ލިބުނީ އަނިޔާ، މިހެން މި ބުނަން މަޖުބޫރުވީ ޕީޕީއެމުން ނުގޮވާ އެއްޗިހި މޫސަ އެމްޑީޕީއަށް ގޮވި، އެހެންތާ ވާނީވެސް މޫސަ އުޅުނީ އެމްޑީޕީގާ ވިއްޔަ އެހެން ޕާޓީގެ އެތެރޭގެ ބަތާނަ ވެސް މޫސައަށް އެނގޭނެތާ، އެމްޑީޕީން ކޮށްފަ ހުރި ނުބައި ކަމަކާ ކުރާނެ ސުންޕާ ކަންތައްވެސް ހަމަ އެނގޭނީ މޫސައަށްތާ. މޫސަ އެމްޑީޕީއަށް ނުގޮވަނީ ކޮން އެއްޗެއްތޯ؟ އޭރުވެސް އެނގޭ މޫސަގެ ފުށުން ޕީޕީއެމަށް ހެވެއްނުލިބޭނެކަން ލިބިނޭނީ ލަނޑުކަން، މޫސަ ބޭނުން އެއްޗެއް ގޮވީމާ އޭގެ ހިތި ލިބުނީ ޕީޕީއެމަށް، ވެރިކަން ނުލިބުނީމާ ޕީޕީއެމުން ކެނޑިގެން ދުއްވައިގަތީ އެ، އަދި ބަލަން ތިއްބަވާތި 2023 ގައި އެމްޑިޕީ ފޭލިވެއްޖެނަމަ އަދިވެސް އެމްޑީޕީ ދޫކޮށް ފިލާނެ.