ފަހަށް އެނބުރި ބަލައިލުމެއް: ހެޔޮކަމުގެ އިނާމު (ލިޔުއްވީ: ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް)

އަހުމަދު އަލީ އަކީ ވަރަށް ފަގީރު ކުއްޖެކެވެ. އޭނާގެ މައިންބަފައިންވަނީ އޭނާ ދާދި ކުޑަ އިރު މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އޭނާ ބަލަމުންގެން ދިޔައީ އަވަށްޓެރި ދެމަފިރިންނެވެ. އެ ދެމަފިރިންނަށް ކުއްޖަކު ލިބފައި ނެތުމާއެކު އަހުމަދު ބަލަމުން އައީ އެ މީހުންގެ އަމިއްލަ ދަރިޔެއްގެ ގޮތުގައެވެ. އެ ދެމަފިރިންނަކީ ވެސް ފަގީރު ދެމަފިރިންނަށްވުމާ އެކު، މާއްދީ ގޮތުން މާބޮޑު އެހީތަކެއް އަހުމަދަށް ފޯރުކޮށްދިނުމުގެ ތަނަވަސް ކަމެއް އެ ދެމަފިރިންނަށް ލިބިގެންނެއް ނުވެއެވެ. ނަމަވެސް އަހުމަދުގެ ބޯހިޔާކޮށް ބަޑުހައި ހޫނުކަން ފިލުވައިލަދެއެވެ. މީގެ އިތުރުން ހިތުގެ ލޯތްބާއި އޯގާތެރިކަމުން އަހުމަދު އަށްދީ ހަރުދަނާ އަޚުލާގެއްގެ ވެރި ކުއްޖަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރެއެވެ.

އަހުމަދުގެ ހަރުދަނާ ބެލެވެރިންގެ ސަބަބުން އަހުމަދުވީ ވަރަށް ކެރޭ ހީވާގި އަދި ވަރުގަދަ އަޒުމެއްގެ ވެރި ކުއްޖެކެވެ. އިސްކޫލުގައި ކިޔެވުމުގެ ފުރުޞަތު ލިބުނީއްސުރެން ކުރިއަށް ދާން އަޒުމު ކަޑައަޅައި ނިންމިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހާލާތު މި ވަގުތު އެންމެ އެދެވޭ ގޮތެއްގައި ނެތް ނަމަ ވެސް މިއީ ހިތާމަކޮށް އަމިއްލަ ނަފްސުގެ މައްޗަށް ހަމްދަރުދީވާން ވީ ސަބަބެއްނޫނެވެ.

ގަދައަޅައި މަސައްކަތް ކޮށްފިނަމަ މާތް ﷲ ކޮންމެ މީހެއްގެ ހާލަތު ވެސް ބަދަލު ކުރައްވާނެތެވެ. މި ކަން ގަބޫލުކޮށް ކިޔެވުމުގެ ޚަރަދު ފޫބެއްދުމުގެ ގޮތުން އަހުމަދު މަސައްކަތްކުރާން ފެށިއެވެ. ފިހާރައަކުން މުދާ ނަގައި އެ މުދާ ހިފައިގެން ގޭގެއަށް ގޮސް ވިއްކަން ފެށިއެވެ. ކިޔެވުމުގެ ވަގުތު ނިމުނީމާ ހަވީރު ފިހާރައަށް ގޮސް އުފުލައިގެން އޭނާއަށް ގެންދެވޭ ވަރަށް އެކި ފާޑުފާޑުގެ ސާމާނު ހިފައިގެން ގޭގެއަށް ވިއްކަން ދަނީއެވެ.

މަސައްކަތުގައި ހަތަރު ވަރަކަށް ގަޑިއިރު ހޭދަކޮށްފައި އެނބުރި ފިހާރައަށް ދަނީއެވެ. ވިކުނު މުދަލުގެ ފައިސާ ސޭޓާ ހަވާލުކޮށް ނުވިކުނު މުދާ ރައްދު ކުރާށެވެ. އަދި ވިކުނު މުދަލުން އޭނާއަށް އޮންނަ އުޖޫރަ ލިބިގަތުމަށް ވެސް މެއެވެ. ބައެއް ދުވަސް ދުވަހު އެއްޗެއް ނުކައި ހައިބަޑާ ވެސް އަހުމަދު އަށް މަސައްކަތު ދާން ޖެހެއެވެ.

މިހެން ހައިބަޑާ މަސައްކަތު ދިޔަ ދުވަހެއްގައި މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް ވަރަށް ބޮޑަށް ބަޑުހައިވެ ވަރުބަލިކަން އިހުސާސުކުރެވުނެވެ. އެހެންވެ އަހުމަދު ހިތަށް އެރީ ދެން ވަންނަ ގެއަކުން ކައިލާނެ ކޮންމެވެސް އެއްޗަކަށް އެދޭށެވެ. ނަމަވެސް އެ ގެއަށް ވަދެ ވިޔަފާރީގެ މުއާމަލާތް ކޮށް ނިމުމުން ކައިލާނެ އެއްޗާކަށް އެދުމަށް ލަދުވެތިވި އެވެ. އެހެންވެ އަހުމަދު އެ ގެއިން ވިޔަފާރި ކުރި އަންހެންސާހިބާގެ ގާތުން ވަރަށް އަދަބުވެރި ކަމާއެކު ފެންތަށްޓަކަށް އެދުނެވެ.

އެ އަންހެންސާހިބާ އަހަމުދާ ދިމާއަށް ބަލައިލި އެވެ. އަދި ހިތާހިތާ ބުންޏެވެ. މި ޒުވާން ކުއްޖާމިހިރީ ވަރަށް ވަރުބަލިވެ ހައިވެފައެވެ. ދެން ގޭތެރެއަށް ގޮސް ކިރު ތައްޓެއް ހިފައިގެން އައިސް އަހުމަދަށް ދިނެވެ. އަހުމަދު ވަރަށް ޝުކުރު އަދާކޮށް ކިރުތަށި ބޮއިލިއެވެ. އަދި އަންހެން ސާހިބާ ގާތު ބުންޏެވެ. “މި ކިރުތަށީގެ އަގަކީ ކޮބައި ތޯއެވެ؟” ޖަވާބުގައި އަންހެން ސާހިބާ ބުންޏެވެ. “ކިރު ތަށްޓަކަށް އެއްވެސް އަގެއް ދޭނެކަމެއް ނެތެވެ. އަހަރުމެން ކުޑައިރު މައިންބަފައިން އަހަރުމެންނަށް ބުނެދީފައި އޮންނަނި ތިމާ އެހެން މީހުންނަށް ފޯރުކޮށްދޭ އިހުސާންތެރިކަމަށް އެއްވެސް އަގެއް ނާތުލުމަށެވެ. އެ ކަމަކީ ގެއްލިގެން ދާނޭ ކަމެއްނޫނެވެ. މާތްﷲ އެކަމުގެ ފުރިހަމަ ހެޔޮ ޖަޒާ ދެއްވާނެތެވެ.” އަހުމަދު އަންހެން މީހާއަށް އަނެއްކާ ވެސް ޝުކުރު އަދާކޮށްފައި ގެއަށް ދިޔައެވެ. މި ދުވަހު އަހުމަދުގެ އީމާންތެރިކަން އިތުރުވި އެވެ. އަދި ހަމަ އެހެންމެ އިންސާނުންގެ ތެރޭގައި ވެސް އަބަދު ވެސް ހެޔޮލަފާ މީހުން އުޅޭނެކަން ހިތުގެއަޑީން ގަބޫލުކުރެވުނެވެ.

މީގެ އެތައް އަހަރުތަކެއް ފަހެވެ. އެއްކަލަ އަންހެން ސާހިބާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަދި އަވަށު ސިއްހީމަރުކަޒަށް ގެންދެވުނެވެ. ސިއްހީ މަރުކަޒުގެ ޑަކުޓަރުން ބައްލަވައިފައި ނިންމެވީ ރަށުގެ މައި ހަސްފަތާލަށް އަންހެން ސާހިބާ ގެންދިޔުމަށެވެ. ބަލީގެ ބާވަތުންނެވެ.

ނުރައްކާވެފައި ސެންޓަރުގައި އެކަށިގެންވާ ފަރުވާ ދެވެން ނެތީމައެވެ. މައި ހަސްފަތާލުގެ ޑަކުޓަރުން ބެއްލެވުމަށް ފަހު ނިންމެވީ މިބަލީގެ ޚާއްޞަ ޑަކުޓަރަކަށް ދެއްކުމަށެވެ. އަދި ވަރަށް އަވަހަށް ޑރ. އަހުމަދު އަލީ އާ ގުޅުއްވި އެވެ.

ޑރ. އަހުމަދު އަލީ ހަސްފަތާލަށް ވަޑައިގެން ބަލިމީހާ ބެއްލެވި އެވެ. އަދި ބަލި އަންހެންހެން މީހާގެ މޫނުމަތީ ރޫހެދި ދުވަސްވެފައި ވިޔަސް އެއީ ކާކުކަން ޑަކުޓަރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވިއެވެ. އަދި ޑަކުޓަރުގެ އާދައިގެ މަތީން ވަރަށް ފަރުވާތެރިކަމާއެކު ބަލި މީހާގެ ކަންތައް ބައްލަވަމުން ގެންދެވިއެވެ. އަދި ދުވަސްގަނޑަކަށް ފަހު މާތްﷲގެ އިރާދަފުޅުން ބަލިމީހާ މުޅިން ފަސޭހަވެ ޝިފާ ލިބުނެވެ. ޑރ. އަހުމަދު އަލީ ހަސްފަތާލުގެ އިދާރާގައި އަންހެން މީހާގެ ބިލު އޭނާއަށް ފޮނުވުމުގެ ކުރީން ޑަކުޓަރު ބައްލަވައިލެއްވުމަށް ފޮނުވުމަށް އެދުނެވެ. ބިލު ލިބުމުން ޑަކުޓަރު ކުޑަ ނޯޓެއް ބިލުގެ އެއް ފަރާތުގައި ލިޔުއްވުމަށް ފަހު އަންހެން މީހާއަށް ބިލު ރައްދުކުރުމަށް ފޮނުއްވިއެވެ.

ބިލު ލިބުމުން އަންހެން މީހާ އެ ކަނޑައިލަން ބިރުގަނެ ޖެހިލުންވިއެވެ. އެތައް ދުވަހަކު ބޮޑު ބައްޔަކަށް ހަސްފަތާލުގައި ބޭސްކުރެވިފައި ވާތީ އަންނާނެ ބިލުގެ ބޮޑުކަން އިހުސާސުކުރެވޭތީއެވެ. އަދި އެ ބިލަށްވާ ފައިސާ ދެއްކުމަށް އެތައް ދުވަހެއް ނަގާނެތީ ވެސް މެއެވެ. ކޮންމެ އަކަސް ޖެހިލުންވެ ހުރެ ވެސް ސިޓީއުރަ ކަނޑައި ބިލު ނަގައި ބަލައިލިއެވެ. އަދި އެއް ފަރާތުގައިވާ ނޯޓު ލޮލުގައި އަޅައިގަތެވެ. އޭގައި ލިޔެވިފައި ވެއެވެ. "އިހުސާންތެރިކަމުގެ ހެޔޮ ޖަޒާ އަކީ ހަމަ އިހުސާންތެރިކަން ނޫން ހެއްޔެވެ؟ މި ބިލުގައިވާ ފައިސާ ދެއްކުމާ މެދު ކަންބޮޑުނުވާށެވެ. ކިރު ތައްޓެއް ދީ އެކަން ވަނީ މާކުރީން އަދާކުރެވި އެއްކޮށް ދެއްކިފައެވެ." ސޮއި: ޑރ. އަހުމަދު އަލީ