ޕަރީފެންގަނޑު، ލިޔުނީ: މަމްދޫހު އިބްރާހީމް

ކުރީއަދަދާ ގުޅޭ، އަށްވަނަ ބައި

މިހާރު ތުއްތުސީދީ އަށް ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް އެބަ ލިބެއެވެ. މިއީ އޭނާ ވަރަށް ކުރިންސުރެ އިންތިޒާރު ކުރަމުން އަންނަ ކަމެކެވެ. އޭނާ މިކަމުގެ ހަލާކު ވެދާން ހުއްޓަސް ހުރީމިކަން ކުރުމަށް ފަސްނުޖެހިއެވެ. ތުއްތުސީދީ އޭނާގެ ދަރިފުޅުގެ ހާލައިމެދު ވެސް ހިތާމަ ކުރެއެވެ.

އެހެންނަމަވެސް އޭނާ އެ އިންތިޒާރު ކުރަމުން އައި ކަންތައްތަކަށް ފަސްނުޖެހި ކުރާނެއެވެ. އޭނާގެ މަރުވެފައިވާ ދެއަނބިންގެ ހައްގުގައި ވެސް އޭނާ މިހުރިހާ ކަމެއްކޮށް އަލުން ދިރިއުޅުމުގެ ހަޔާތެއް ހޯދަން އެބަ ބޭނުންވެއެވެ. އެއީ އޭނާ ކިތަންމެ އުމުރުން ދޮށިވެފައި ހުރިކަމުގައި ވިޔަސްމެއެވެ. ތުއްތުސީދީ އަށް ކުރަންޖެހެނީ ކޮންމެފަދަ ބޮޑު ބިރުވެރި ކަމެއް ވިޔަސް ވަރިހަމައެވެ. އޭނާ މިކަންތައް ކުރަން ކުޑަ ކޮއްވެސް ފަހެއް ނުޖެހޭނެއެވެ.

ދެންއޮތީ ބޮޑު ކަޅު ސިހުރު ހާހޫރައިގެ ބާބުފެއްޓުމެވެ. އެކަމުގެ ވަގުތު ޖެހުމާ އެކީ އޭނާ އެކަން ވެސް ކުރަން މިހާރު އެތައްޔާރީތަށް ވަމުން އަންނަނީއެވެ.

****************************

ޖެހިގެންއައި ދުވަހު ކުރީރޭގައި އޭނާ ނަގައިގެން ެަގެނައި ފައިގެ މަސްގަނޑު ނޮޅައި ކަހައި މަސްތައް ގިފިލިތެރޭގައި ހުރި ކުކުޅު ކޮށްޓާ ޖެހިގެންހުރި، ވާ ބައިންދާފައިވާ ކޮށީގެ ތެރެއަށް އަޅައިފިއެވެ. އަދިއެ ވާ އެމުޅަ މިނި މަސްތައް ކައިހަދައިފިއެވެ. ތުއްތުސީދީ އަކީ އަތްތެރި މަސައްކަތްކޮށް އުޅުނު މީހަކަށް ވާތީ އޭނާ އެމަސްތައް ނަގައި ސާފުކޮށްފައި އޮތް މިނިކަށި ގަނޑުން މަސައްކަތެއް ކުރަން ތައްޔާރު ވަނީއެވެ. ކުޑަ ފިޔޮޮއްސަކުން އެކަށިގަނޑު ގާނައި އެއިން ޒާތެއްގެ އެއްޗެއް އެބަ ހަދައެވެ.

ތުއްތުސީދީ ވަރަށް ބަލައިގެން އެކި ގޮތްގޮތަށް އެ މިނި ކަށިގަނޑު އަނބުރައި މަށައި ހަދަމުން އެކަށިގަނޑުން އެހަދަނީ ކުޑަ ވަރެއްގެ ބުދެކެވެ. އޭތީގެ ސިފަ އަންހެނެއްގެ ބައްޓަމަށް ވާގޮތަށް ސިފަ ޖައްސައި އެކަށިގަނޑުން އެހަދަނީ ސިހުރުގެ ކުޑަ ބުދެކެވެ. އަންހެނެއްގެ ސިފައަށް އެބުދު ހަދާފައި އޭނާ ގަބުރު ކޮނެގެން ގެނައި މައްޔިތާގެ އިސްތަށިގަނޑުން ބައެއްގައި އޭގައި ވެސް ގޮދަން ފުށުގެ ތެރަސް އުނގުޅައިގެން އެބުދުގެ ބޮލުގައި އިސްތަށިގަނޑެއް ޖަހަން ތައްޔާރު ކޮއްފިއެވެ.

އެ އިސްތަށިގަނޑު ގައި ފިނިފެންމަލުން ގަތައިފައިވާ ވައްބުރަކަށް އޮތް މަލުގެ ތާޖެއް ވެސް އަޅައި ޒީނަތް ތެރި ކޮއްފިއެވެ. އެ އިސްތަށި ގަނޑު ތަތްކުރުމުގެ ކުރިން ބުދުގެ ބޮލުގައި ވަނީ ވަށްބުރައް ވާގޮތަށް ކޮންމެ ވެސް ކުރެހުމެއް ކުރަހައި އަންހެނެއްގެ ނަމެއްލިޔެފައެވެ. އެބުދުގައި އެކިއެކި ފާހަގަތައް ޖަހައި އުށްބައްތި ވިރުވައި އެއަށް އުށްތިކި އަޅައިފިއެވެ. އޭގައި ތިނޯސް ތަކެއް ވެސް ނުނެއްޓޭނޭ ގޮތަށް ގޮދަންފުށުގެ ތެރަހުން ތަތްކޮށްފިއެވެ. ބުދުގެ ބޮލުގައި ތެރަސްލައި އިސްތަށިގަނޑު ވެސް ތަތްކޮށްފިއެވެ.

އޭނާ ގެނައި ކަފުނުގެ ފޮތިގަނޑު އާމަނަކަ ތެލުން ތެންމައި ފޯކޮއް އެފޮތީގައި ލިޔުންތަކެއް ލިޔެ އެބުދަށް ހެދުމެއް ހަދައިފިއެވެ. ދެން މިތަކެތި ބަހައްޓައިފައި ދިޔައީ ގިފިލިތެރޭގައި ވާ ބައިންދައިފައިވާ ކޮށި ކައިރިއަށެވެ. ވާ ހިފައި އޭތީގެ ކަރު އަނބުރައި މަރާލައިފިއެވެ. އަދި އެވާލުގެ ލޭ ފުޅިއަކަށް އަޅައި އޭތީގެ ބޯކޮއްހުރި ފިޔަގަނޑު ބުރިކޮށްގެން ގެނެސް ފުޅިއަކަށް ލައިފިއެވެ. އަދި އެގެނައި ވާލުގެ ލޭ އިލޮށްޓެއްގައި އުނގުޅައި އެއިލޮށީގަހުރި ލެއިން ކޮންމެ ވެސް އެއްޗެހިތަކެއް އަނެއްކާ ވެސް ކަފުނުން ހަދާފައިވާ ހެދުމުގައި ލިޔެ ކުރަހައިފައި ކޮންމެ ވެސް އަންހެނެއްގެ ނަމެއް އޭގައި ލިޔެފިއެވެ. ދެން ބުދުގައި ހެދުން އަޅުވައި ހަދައިފިއެވެ.

ބުދުގެ މޫނުމަތީގައި ވަނީ މި ވާލުގެ ލެއިން ލޮލާއި ނޭފަތާއި އަނގަ ކުރަހައިފައެވެ. މިހާރު އެވަނީ ސިހުރުގެ ބުދު ހަދައި ނިންމައި ފައިއެވެ. ތުއްތުސީދީ މި މަސައްކަތް ނިންމާފައި ދިޔައީ ޔާސިރު ވީތަނެއް ބަލާށެވެ. އޭނާ ޔާސިރުއަށް ގޮވަމުން ގޮސް ގިފިލީގެ ތެރެއަށް ވަން އިރު ކުކުޅުކޮށީގެ ތެރޭގައި އިނދެ ވެއްޔާއިކުޅެ ކުކުޅުތައް ފަހައި އެތަކެއްޗަށް ޔާސިރު އުނދަގޫ ކުރަނީއެވެ.

ޔާސިރު އެތަނުން ނެރެގެން ދަމާ ކޫއްތަމުން ގެނެސް އޭނާގެ ކޮޓަރިއަށް ލައި ތަޅުލިއެވެ. އާދައިގެ މަތިން މިކަންކުރާ އިރު ޔާސިރުއަށް އާދަޔާ ޚިލާފު ގޮތްތަކެއް ވާކަން ޚުދު ތުއްތުސީދީ އަށްވެސް އިނގެއެވެ. ތުއްތުސީދީ އެކުޑަ ސިހުރުގެ ބުދު ގެންގޮސްލީ އަނގަބޮޑު ފުޅިއަކަށެވެ. އަދި މިހުރިހައި ކަމެއްކޮށް ނިންމާފައި އޭނާ ބަލަން ބޭނުންވާ ފާލު އެބަހުއްޓެވެ. މިފާލުތައް ބެލުމަށްފަހު ދެން ކުރިއަށް ދާންހުރި ކަންތަށް ތައްޔާރު ވާނެއެވެ.

ތުއްތުސީދީ އެތައްޔާރު ކުރި ސިހުރުގެ ބުދު ފުޅީގެ ތެރެއިންނަގައި ކިޔެވެލި ތަކެއް ކިޔަވައި އެ ބުދަށް ފުމެން ފެށިއެވެ. އެވަގުތު އޭނާ ވަނީ އެ ބުދު ވަށައިގެން މީރު ވަސް ދުވާ ދުންދަނޑި ރޯކޮއް ބަހައްޓައިފައެވެ. މުޅިތަނަށް ދުން ބުރުވަމުން ނުހުއްޓި ބޮޑެތި ކިޔެވެލި ތަށް ކިޔަވަމުން އެނާ ގެންދިޔައެވެ. މިހެން ކިޔަވަން އިނދެފައި ކުއްލިއަކަށް ތެދުވެގެން ގޮސް އޭނާ ފޮރުވައިގެން ގެންގުޅޭ ބިއްލޫރި ތަނޑުގަނޑު ހިފައިގެން އަތުވެއްޖެއެވެ.

އެ ތަނޑިގަނޑު ކަފުނުގެ ފޮތިގަނޑުން ބުދާއެއްކޮށް އައްސައި ގޮށެއްޖެހިއެވެ. އަދި ސަހަރާ ތެރެއިން ގެނައި ގަބުރުގެ މަހާނާގައި ހުރި ވެއްޔާ ބައެއް ނިޔަފަތި ސަހަރާއިންގެނައި ހުވަނދުމަލާއެކު ައަނގަބޮޑު ފުޅީގެ ތެރެއަށް އަޅައިފިއެވެ. އަދި ވާލުގެ ބުރިކޮށްފައި އޮތް ފިޔަގަނޑު މުޅިފުޅީގައި ވަށައިގެން އޮޅައި ތައްކޮއްފިއެވެ. އަދި ސިހުރު ބުދު ވެސް މިހާރުއެވަނީ ފުޅީގެތެރެއަށް ލައިފައިއެވެ. އެހުރިހައި ސާމާނަކާއި އެކުގައެވެ.

މިފުޅިތައްޔާރުކޮށް ނިިންމައި ފުޅިގެން ގޮސް ރައްކާ ކުރަންލީ އޭނާ ފަންޑިތަ ސިހުރުފޮތް ލާފައިހުރި ގުޅީގެ ތެރެއަށެވެ. ދެންއޮތީ ފާލުބެލުމެވެ. އޭގެ އަނެއްދުވަހު ތުއްތުސީދީ ފާލު ބެލުމަށްޓަކައި އެގޭގައި ހުރި ކުކުޅުކޮށިން ކަޅު ކުކުޅެއް ގެ ބިހެއްނަގައި ގޯތިތެރެއިން ރަކިސް ބޮނޑެއް ވެސް ހިފައިފިއެވެ. ކުރިއެކޭ އެއްގޮތަށް ހުރިހާ ތަނެއްގައި ތަޅުއަޅުވައި ބަންދުކޮށް ޔާސިރު ބަނދެ ޗޭނުޖަހައިފިއެވެ.

ތުއްތުސީދީ ފާލުބަލަން އޭނާއަތުގައި އޮތް ގޮތްނޭނގޭ ބަހުރުވައިގެ ސިހުރު ފޮތުގައިހުރި ކުރެހުންތަކުން ކުރެހުމެއް ކުރެހިއެވެ. ދެން ލިޔުންތަކެއް ލިޔެ ތަވީދުކޮށް އޭނާ އެ ހިފައިގެން ގެނެސް ހިފައި ފައި އޮތް ރަކިސްބޮނޑަށް ކާންދީފިއެވެ. އަދި މިބޮނޑުގެ ނަގޫ ކަންވާރެއްގައި ބަނދެ އޭތީގެ ހަތަރެސްފައި ބޮނބިނަރުން ބަނދެފައި ގެންގޮސް އޭތި އެލުވީ އެގެއަށް ވަންނަ ދޮރުމަތީގައެވެ. މިއެތި އެތާގައި އެލުވައި ފައިވާހައި ހިނދަކު މިއިން ދުވަހަކު ރަތްއަކިރީ ގެއަށް އެކަކަށް ވެސް ނުވަދެވޭނެއެވެ. އަދި އެގެހޯދަން އުޅުނަސް އެއްވެސް މީހަކަށް އެގެއެއް ނުފެންނާނެއެވެ. ސަބަބަކީ އެއެލުވައިފައިވާ ރަކިސްބޮނޑައް އެވަނީ ވަރަށް ބޮޑަށް ރޭކަނުވެ އަނދިރިވާ ކަޅު ސިހުރެއް ހަދައި ފައެވެ. މިރޭ ވެސް ނާށިގަނޑު ބަހައްޓައިފިއެވެ.

މިރޭ ކިޔެވެލި ކިޔަވައި އަންހެނެއްގެ ނަން ކިޔަމުން ގެންދިޔައެވެ. ކަޅު ކުކުޅު ބިސް ނާށީގެ ތެރެއަށް ތަޅާލައިފިއެވެ. ދެން އޭގެތެރެއަށް ކަރުކަހައި ލައިފައި ބޮޑު ކުޅެއް ޖަހައިފައި ބަލަންއިނެވެ. ތުއްތުސީދީގެ މޫނުގެ ކުލަވަރު ބަދަލު ވެއްޖެއެވެ. އޭނާ ކަރުދާސް ގަނޑެއްގައި އެ ލިޔާ އެއްޗެއް ލިޔެ ފާހަގަ ތަކެއްވެސް ކުރަހައިފިއެވެ. މިރޭފާލުގައި ދައްކާގޮތުން ދެން އޮތް ބާބު ވަރަށް އުނދަގު.....!"

މިހެން ކުޑައިރުކޮޅަކު ވިސްނާ ފިކުރު ކުރުމުގައި އޭނާގެ މާޒީ ވަރަށް ބޮޑަށް ހަނދާންވިއެވެ. އަދި ތަކުރާރު ކޮށް އެފެންނަ ހުވަފެނެއްގެ މަތިން އަބަދު ހަނދާންވަނީއެވެ. މިގޮތަށް ފެންނަން ފެށުނު ހުވަފެނެއްގެ ސަބަބުން ތުއްތުސީދީ ޅައުމުރުގައި ވަނީ ވަރަށްވެސް ބޮޑު ބިރުވެރި ކަމަކާއި އާދަޔާ ޚިލާފު ކަމެއް ތަޖުރިބާ ކުރެވިފައެވެ. އެހެނަސް މިއަދު އޭނާ ހިތްވަރު ކޮށްފައި އެބޭނުންވާ ކަމުގެ ޖަވާބު ހޯދާނެއެވެ.

***************************

އޭގެ ދެތިން ދުވަސް ފަހެވެ. ތުއްތުސީދީ ގަބުރުސްތާނުން ގެނައި ގަބުރުގެ ދަތްތައް ބޮޑު ދަގަނޑު ވަނަކަށް އަޅައި ތަޅައި މުގުރައި ހިމުން ފުށަށް ހަދައިފިއެވެ. މިތަކެތި ފުޅިއަކަށް އަޅައި ފޮރުވައިފިއެވެ. ދެން ގިފިލިތެރެއަށް ވަދެ ކުކުޅުކޮށިން ކަޅު ކުކުޅެއްހިފައި ކަރުބުރިކޮށް އޭތީގެ ލޭވެސް ފުޅިއަކަށް އަޅައިފިއެވެ. މުޅިކޮށީގައި ދުވާ ނުބައި ވަހުން ނޭވާލާން ވެސް ދަތިވެއެވެ. މުޅިހިސާބުގައި ނުބައި ވަހާ އެކު މެހިބުރަނީއެވެ. އެއީ އަބަދު ވެސް އެތަން ހުންނަގޮތެވެ. އެކުކުޅު ކޮށިން ދުވަހަކު ވެސް ކުކުޅު ހުހެއް ނުވާނެއެވެ.

(ނުނިމޭ)