(ލިޔުއްވީ: އަޙްމަދު ފާރޫޤް މުޙައްމަދު)
ރަމަޟާންމަހުގެ ރޯދައަކީ، އެ ރޯދަހިފުމަށް އަންގަވާފައިވާގޮތަށް ފުރިހަމަގޮތުގައި ރޯދަހިފައިފި މީހެއްގެކިބައިން އިސްވެގޮސްފައިވާ ކުދިފާފަތައް ފުއްސަވާނެ ކަމެކެވެ.
އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: {مَنْ صَامَ رَمَضَانَ إِيْمَانًا واحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ.} (1)
މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللهِ ޞައްލަ اللهُ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. {ފުރިހަމަ އީމާންކަމާއެކު، اللَّهُގެ ރުއްސެވުމާއި ސަވާބަށް އެދިހުރެ، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ (ދަންނާށެވެ!) އޭނާގެ އިސްވެދިޔަ (ކުދި) ފާފަތައް ފުއްސެވޭހުއްޓެވެ.}
ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިޔަކުކަމުގައިވާ ފަޟީލަތުއްޝައިޚު ޢަބްދު اللهِ ބުނު ޞާލިޙު އަލްފަވްޒާނު، މި ޙަދީޘުގެ ޝަރަޙަ ކުރައްވަމުން ވިދާޅުވެފައިވެއެވެ.
[ރަމަޟާންމަހުގެ ރޯދައިގެ މަތިވެރިކަމާއި ފާފަތައް ފުއްސެވުމުގައި ރޯދައަކީ ކިހާ މަތިވެރި މަޤާމެއްލިބިގެންވާ އަޅުކަމެއްކަން މި ޙަދީޘުން ހާމަވެއެވެ. اللَّهُގެ ދީލަތިވަންތަކަމާއި ފަޟުލުވަންތަކަމަކީ އެއަށް ވަކި މިނެއް ނިހާޔަތެއްވާ ކަމެއްނޫނެވެ. ޙަދީޘުގެ ލަފުޒުން ދޭހަވަނީ، ހެޔޮގޮތުގައި ރޯދަހިފުމަކީ ކުދިފާފައާއި ބޮޑެތި ފާފަތައްވެސް ފުއްސަވާނެކަމެއްކަމެވެ.
އެހެންނަމަވެސް ޢިލްމުވެރިންގެ ބަސްފުޅުތަކުން ދޭހަވަނީ، ފާފަތައް ފުއްސަވާނެއޭ އޮތް ބަސްފުޅުގެ މުރާދަކީ ކުދި ފާފަތައްކަމެވެ. އެހެން ބައެއް ޙަދީޘުގައިވެސް ބޮޑެތިފާފަތަކުން އެއްކިބާވެގެންވުމަކީ ކުދިފާފަތައް ފުއްސެވުމުގެ ޝަރުޠެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.
މި ނަންގަނެވުނުފަދަ އެއް ޙަދީޘަކީ، އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެކެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللَّهُ عَنْهُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: {الصَّلَاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ، كَفَّارَةٌ لِمَا بَيْنَهُنَّ، مَا لَمْ تُغْشَ الْكَبَائِرُ.} (2)
މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު اللَّهِ ޞައްލަ اللهُ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. {ފަރުޟު ފަސްނަމާދާއި (އެބަހީ: އެއް ނަމާދުން އަނެއް ނަމާދާ ދެމެދުގައިވާ ވަގުތާއި) އެއް ހުކުރުން އަނެއް ހުކުރަކީ، (އެބަހީ: އެ ދެމެދުގައިވާ ވަގުތަކީ) ބޮޑެތި ފާފަތަކަށް އަރައިނުގަންނަހާ ހިނދަކު، (އެ ދެމެދުގައި ކުރެވޭ ކުދި) ފާފަތަކުގެ ކައްފާރާއެކެވެ.} މިފަދަ ޝަރުޢީ ނައްޞުތަކުން ސާބިތުވަނީ، ރޯދައިގެ ސަބަބުން ފާފަތައް ފުއްސެވުން ބިނާވެގެންވަނީ ތިން ޝަރުޠަކާލައިގެންކަމެވެ.
- ފުރަތަމައީ: ރަމަޟާންމަހުގެ ރޯދަހިފުމުގައި ފުރިހަމަ މާނާގައި اللهُ އަށާއި ރަސޫލު اللَّهِ ޞައްލަ اللهُ ޢަލައިހި ވަސައްލަމަ އަށް އީމާންވެގެންވުމާއި، ރަމަޟާންމަހުގެ ރޯދައަކީ اللهُ ފަރުޟުކުރައްވާފައިވާ ފަރުޟެއްކަމާއި، އެ ރޯދަ ފުރިހަމަގޮތުގައި ހިފައިފި މީހަކަށް اللهُ ތައްޔާރުކުރައްވާފައިވާ މަތިވެރި ދަރުމައާއި ސަވާބަކީ ޙައްޤު ތެދުކަން ކަށަވަރުކޮށް ތެދުކުރުމާއެކު ރޯދަހިފުމެވެ.
- ދެވަނައީ: اللهُގެ ޙަޟުރަތުން ދަރުމައާއި ސަވާބުލިބުމަށް އެދިގެންވުމާއެކު ކަންދެއްކުމާއި މިފަދަ އެންމެހައި ކަމަކުން އެއްކިބާވެހުރެ ރޯދަހިފުމާއި، ރޯދައަކީ ތިމާއަށް ކުރިމަތިވެފައިވާ ބުރައެއް އަދި ތަކުލީފެއްކަމަށް ނުދެކުމާއި،މިފަދަ މަތިވެރި ފުރުސަތެއް ލިބިދެއްވިކަމަށްޓަކައި އެއީ ލިބިފައިވާ މަތިވެރި ޣަނީމާއެއްކަމަށް ދެކެހުރެ ރޯދަހިފުމެވެ.
- ތިންވަނައީ: ބޮޑެތިފާފަތަކުން އެއްކިބާވެހުރެ ރޯދަހިފުމެވެ. ބޮޑެތި ފާފައަކީ އެ ކަންކަމުގެމައްޗަށް اللهُ ޙައްދު ކަނޑައަޅުއްވާފައިވާ، އަދި اللهُގެ ކޯފާއާއި ރުހިވޮޑިނުގަތުމާއި، ބޮޑުވެގެންވާ ޢަޛާބު ޤިޔާމަތްދުވަހުން ލިބޭނެކަން އަންގަވާފައިވާ ކޮންމެކަމެކެވެ.
މިސާލަކަށް اللهُއަށް ޝަރީކުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދައުކެއުމާއި، ޒިނޭކުރުމާއި، ސިހުރުހެދުމާއި، ޙައްޤަކާނުލައި މީހުންމެރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ރަޙިމުގެގުޅުން ކަނޑައިގަތުމާއި، ދޮގުހެކިދިނުމާއި، ދޮގުހުވައިކުރުމާއި، ވިޔަފާރީގައި މަކަރުޙީލަތްހެދުމާއި މިފަދަމިފަދަ ކޮންމެކަމަކީ ބޮޑެތި ފާފައިގެތެރޭގައި ހިމެނިގެންވާ ކަންކަމެވެ. اللهُ ވަޙީކުރައްވާފައިވެއެވެ. {إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا} (3) މާނައީ: {ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ.}
ރަމަޟާންމަހުގެ ރޯދަހިފުމަށް އަންގަވާފައިވާގޮތަށް ބޮޑެތި ފާފަތަކުން އެއްކިބާވެ ހުރުމާއެކު އަޅާ މި މައްސަރުގެ ރޯދަހިފައިފިނަމަ، އޭނާއަށް ކުރެވިފައިވާ ކުދި ފާފަތައް އޭނާގެ ރޯދައިގެ ސަބަބުން اللهُ ތަޢާލާ ފުއްސަވައި ދެއްވާހުއްޓެވެ. އާމީން!
{liyuntherin.org އިން}