ރޯދަ މަހުގެ ހަވީރު 6:00ން ރޭގަނޑު 10:00އާ ދެމެދު އެމްޓީސީސީން މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތް މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވި ގޮތުގައި އެކުންފުނިން އާންމުކޮށްފައިވާ ބަސްދަތުރުތަކުގެ ގަޑިތަކުގައި ވާ ގޮތުން އެ ކުންފުނިން ދޭ ބަހުގެ ހިދުމަތްތަކުގެ ތެރެއިން ބޮޑު ބަދަލެއް އައިސްފައިވަނީ މާލެ ތެރޭގެ ދަތުރުތަކަށް އެކަނިކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީއިން ވަނީ ރަމަޟާން މަހަށް މާލޭ ތެރޭ ދުއްވާ މިނީ ބަހުގެ ބައެއް ރޫޓުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް ބަހުގެ ޚިދުމަތްދޭ މި އާ ޝެޑިއުލާ ގުޅިގެން ބައެއް އާންމުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވަނީ ފާޅުކޮށްފައެވެ.

އެ ފާޑުކިޔުންތަކާ ގުޅުވައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޓްވީޓެއްގައި ވިދާޅުވީ ތަރާވީސް ނަމާދު ވަގުތު މަޖީދީ މަގުން ދަތުރުކުރުން މަނާވާނެ ކަމަށެވެ. އެއީ އެ މަގުގައި ތިން މިސްކިތް ހުންނައިރު މަގުމައްޗާއިއެކު ގިނަ ބަޔަކު ނަމާދަށް ތިބޭއިރު މަގުތައް ތޮއްޖެހި ބްލޮކްވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރޯދަ މަސް ނޫން މަސް ތަކުގައި ޝެޑިއުލް އޮންނަ ގޮތުން ހެނދުނު 5:45ން ރޭގަނޑު 12:15އާ ހަމައަށް ދަތުރުތައް ކުރެއެވެ.