ޖެންޑަރ މިނިސްޓްރީން 90 މިނެޓްގެ ފީޗަރ ފިލްމެއް އުފައްދައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އެވުޒާރާއިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރާ ފިލްމެއް ކަމަށް އެ މިނިސްޓަރީއިން ކޮށްފައިވާ އިއުލާނެއްގައި ހާމަކޮށްފައިވެއެވެ. ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް ބުނެފައިވެއެވެ.

މިފިލްމު އުފައްދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 29 ވަނަ ދުވަހު، މައުލޫމާތު ސާފުކުރުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 10:00 ގައި ޖެންޑާ މިނިސްޓްރީގަ އެވެ. އެ ބިޑަށް ކުރިމަތިލެވޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށެވެ.

18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އުފައްދާ ފިލްމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި، އުފާވެރިކަމާއި، ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށެވެ.