ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާނީ ރައީސް މުހައްމަދު ނަޝީދު ފަޅީގެ ބޭފުޅެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަގާމަށް ހަމަޖައްސަވަނީ އެސްޓީއޯގެ މިހާރުގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެނަން މިހާރުވަނީ "މޭޒުކޮޅަށް" ގޮސްފައެވެ. "ކޮންމެ ވަގުތަކުވެސް ކަންކަން ބަދަލުވެދާނެ. އެހެންނަމަވެސް މިވަގުތަށް އޮތީ މިގޮތަށް" ހަލިއަށް މައުލޫމާތު ދެއްވި އިސްބޭފުޅަކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާއެކު ކުރިއަށް ވަޑައިގެންނެވުމަށްޓަކައި ޖުމްހޫރީޕާޓީން ވަނީ އެއްބަސްވެ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައެވެ. ޖޭޕީއަކީ އެމްޑީޕީ އިސްވެ އޮވެ މިހާރު އެކުލަވާލައިފައިވާ ކޯލިޝަން ސަރުކާރުގެ އެންމެ އިސްބައިވެރިޔާއެވެ. އިސްލާހުކުރި ގާނޫނު އަސާސީއަށްފަހު ގާސިމްގެ ތާއީދާއެކު ނޫނީ އެއްވެސް ފަރާތަކަށް ވެރިކަމަށް އާދެވިފައެއް ނުވެެއެވެ.

ރިޔާސީ އިންތިޚާބާ ބެހޭގޮތުން ޖޭޕީއާއި ރައީސް ނަޝީދާ ދެމެދު ބާއްވަވާ ވާހަކަތަކުގައި އަމްރު މިހާރުވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ރައީސްއޮފީހުގެ ތަރުޖަމާނު މިއުވާން މިއަދުވަނީ އަމްރު އެސްޓީއޯގެ ބޮޑުންނާއި އެކުންފުނީގެ އެމްޑީ ކަމުން ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން އަށް ރައީސް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.