މާލޭ ޓީ-ޖެޓީގައި ޙަވާލުވާނެ ފަރާތެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާ 4 ބަސްތާ ކާށި ހުރުމުގެ ސަބަބުން އެތަކެތީގެ ވެރިފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާން ކޮށްފިއެވެ.

އެމްޕީއެލްއިން އިއުލާން ކޮށްފައި ވަނީ މި ކާށި ބަސްތާތަކުގެ ވެރިޔަކު ހުރިނަމަ މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި މި ތަކެއްޗާއި ޙަވާލު ވުމަށް އެކުންފުނީގެ ހޮޓްލައިން 9755722 ނުވަތަ 3039644 އަށް ގުޅުމަށެވެ.

އަދި 3 ދުވަސްތެރޭގައި ކާށި ބަސްތާތަކުގެ ވެރިޔަކު ނުވެއްޖެނަމަ، މާލެ ހުޅަނގު ދެކުނު ހާބަރު ބޭނުންކުރުމުގެ އުސޫލުގެ 15 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތިން މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން މިތަކެތި ނީލަމުގައި ވިއްކާލުން، ނުވަތަ ނައްތާލެވޭނެކަމަށްވެސް އެމްޕީއެލްގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކާށި ބަސްތާތަކެއްގެ ވެރިޔަކު އެމްޕީއެލްއިން މިހޯދަނީ މިރޯދަމަހާ ދިމާކޮށް ރާއްޖޭގައި ކާށީގެ އަގު އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ. ރޯދަމަސް ފެށުމުގެ ކުރިން ކާއްޓެއް 30 ރުފިޔާށް ވިއްކާފައިވާއިރު މިހާރު މާލޭ ލޯކަލް މާރުކޭޓުގައި ކާށީގެ އަގު ހުރީ ކާއްޓެއް 10-25 ރުފިޔާއާ ދެމެދުގައެވެ.

ކާށީގެ އަގު ބޮޑުވުމާއި ގުޅިގެން އަމިއްލަ ފަރާތްތަކުން ވަނީ ފާއިތުވެދިޔަ ދެހަފްތާއެއްހައި ދުވަސްތެރޭގައި އިންޑިޔާ، ސްރީލަންކާ އަދި އިންޑޮނޭޝިޔާއިން ރާއްޖެއަށް ކާށި އެތެރެކޮށްފައެވެ.