އައްސަލާމްއަލައިކުމް. ކޮބާ ހުރިހާ ކުދިންގެ ހާލު ކިހިނެެއް؟ އަލްހަމްދުލިއްލާހި. މަމްދުބެ އުންމީދުކުރަނީ ހުރިހާ ކުދިންވެސް ހެޔޮހާލުގައި އުފާވެރިކަމާއެކު އުޅެމުންދާ ކަމަށް. ކުދިންނޭ. މިއަދަކީ ރޯދަ މަހުގެ ކިތައް ވަނަ ދުވަސް؟ އާނ. މިއަދަކީ ރޯދަމަހުގެ 4އެއް. ރަމަޟާން މަހުގެ ހަތަރުވަނަ ރޯދަ ހިފައިގެން އަހަރެމެން މިތިބީ އެހެންނު. ހުރިހާ ކުދިންވެސް ވާނެ ބަރާބަރަށް ނަމާދު ގަޑިން ގަޑިއަށް ކުރަން. ބަންގި ގޮވަން ވާ އިރަށް ތައްޔާރު ވެގެން ތިބެވޭތޯ ބަލަން ވާނެ. އެއް ނަމާދު ނިމުނީމަ އަނެއް ނަމާދު ގަޑިއަށް އިންތިޒާރު ކުރަން ވާނެ. ޤުރުއާން ކިޔަވަން ވާނެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއް ކިޔަވަން ވާނެ.

މިއަދަކީ ކުޑަކޮށް ވާރޭވެހޭ ވިއްސާރަ ދުވަހެއް. އެކަމަކު މަމްދުބެ މިގެނެސްދެނީ ވާރޭވެހޭ ދުވަސްދުވަހު ނުފެންނަ އެއްޗެއްގެ ވާހަކަ. ހިނގާ ބަލަމާ މިއަދު މިއުޅެނީ ކޮންއެއްޗެއްގެ ވާހަކަ ގެންނަންތޯ ބަލާލަމާ!

ތި ކުދިންނަށް ބުނެދޭން މިއަދު މި ހާއްސަކޮށްލަނީ ވަރަށް ރީތި އެއްޗެއްގެ ވާހަކަ އިނގޭ. "ބަޓަރފްލައި" ދިވެހިން ކިޔަނީ ކީކޭ. ކޮކާ! ހުރިހާ ކުދިންނަށް ވެސް ކޮކާލަކީ ވަރަށް ރީތި އެއްޗަކަށް ވާނެ ދޯ؟ މިއުޅެނީ ކޮކާލުގެ ތެރެއިންވެސް ތަފާތު ކޮކާލެއްގެ ވާހަކަ ދައްކަން. ލޭކޮކާ، އިނގިރޭސިން ލޭކޮކާއަށް ކިޔާނީ"ރެޑް އެޑްމައަރަލް ބަޓަފްލައި". ލަވައެއްވެސް އޮންނާނެ "ލޭކޮކާ ފިޔަހުޅުވާ ލައްޕަމުން އަންނަނީ، މާބަގީޗާގައި އުދުހެމުން މާމަލަށް ޖައްސަނީ." ވަރަށް ކުރީގައި މަމްދުބެ ކުޑައިރު ކިޔާ ލަވައެއް އެއީ. އެއްވެސް ކުއްޖަކު ލޭކޮކާލެއް ދުށިންތަ؟

ލޭކޮކާ ލަކީ ވަރަށް ރީތި ކޮކާލެކެވެ. ޤުދަތަރުން މި ކުޑަ ކޮކާލުގައި ހުންނާނީ ކަޅުކުލައެވެ. މި ކޮކާލުގެ ދެ ފިޔަގަނޑުގައި ވެސް ވަރަށް ރީތީ ގަދަ ރަތް ކުލައިގެ ފައްޗެއް ލެވިފައި ހުރެއެވެ. އަދި ހުދު ކުލައިގެ ބޮޑެތި ތިކި ތަކެއްވެސް ޖަހާފައި ހުރެއެވެ. މިބާވަތުގެ ކޮކާލުގެ އެކި ވައްތަރު އުޅެއެވެ.

ކުރެހުން:މިޝް

މި ރީތި ކޮކާލަކީ އެހެން ކޮކާތައް ފަދައިން އެކި ބާވަތުގެ މަލުގެ ފޮނި ބޯ އެއްޗެކެވެ. ކޮންމެ ކުއްޖަކުވެސް ބަގީޗާ ގަސްއިންދަން ދަސްކުރުން ރަނގަޅު. އޭރުން އެ ގަސްތައް ކައިރިއަށް ރީތި ލޭކޮކާލެއް އަތުވެދާނެއެވެ. ތި ކުދިންނަށް އެނގޭދޯ ބަގީޗާ ތެރޭގައި އެންމެ ރީތި އެއް މަންޒަރަކީ ކޮކާ އުދުހޭތަން. އެއްމަލުން އަނެއް މަލަށް އެއްގަހުން އަނެއްގަހަށް. ބައިގަނޑަކަށް އައިސް އުޅޭނެ. ވަކިން އަންނާނެ. ލޭކޮކާލުގެ އެންމެ ދިގު އުމުރަކީ ދިހަ މަސްދުވަސް. އެކަމަކު ފިނި ދުވަސްވަރާ ދިމާވެއްޖެއްޔާ ލޭކޮކާ ވަރަށް އަވަހަށް ބަލިވެދާނެ. ލޭކޮކާ އެންމެ ގިނައިން އަންނާނީ ރަތްކުލަ، ރީނދޫކުލަ، އޮރެންޖު ކުލަ، ފިޔާތޮށި ކުލަ އަދި ދަނބުކުލައިގެ މާތައް ހުންނަ ގަސްތައް ކައިރިއަށެވެ. މިކޮކާ ބައިބަޔަށް އުދުހޭ އިރު ވަރަށް ރީތިވާނެއެވެ.

މިއަދު ވާނެ ކުޑަ މަސައްކަތެއް ކޮށްލަން. ތިޔައިގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ލޭކޮކާ ނުވަތަ އެހެން ކޮކާލަކާ ބެހޭގޮތުން އެކުއްޖަކަށް އެނގުނު މަޢުލޫމާތު ފޮތެއްގައި ލިޔަން ހަނދާން ކުރަންވާނެ. ދެން އަންނަ ދުވަހަކުން މަމްދުބެ އަންނާނީ ވަރަށް ބޮޑު ހަދިޔާއެއް ހިފައިގެން. ހުރިހާ ކުދިންނާވެސް 7 ވަނަ ރޯދަ ދުވަހު ބައްދަލުކޮށްލުމަށް އުންމީދު ކުރަން. ވައްސަލާމްއަލައިކުމް.