މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިއަދު ރަންތާޖު ޤުރުއާން މުބާރާތުގެ 20 ބައިވެރިންނަށް އެމިނިސްޓްރީއިން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައިކަމަށެވެ.

އެގޮތުން މި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އެ ބައިވެރިން މުބާރާތަށް ކުރައްވަމުންދާ މަސައްކަތް ބައްލަވައި، ބައިވެރިންނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރެއްވުން ކަމުގައެވެ.

އަދި ވަރަށް ގިނަ ބައިވެރިންގެ ތެރެއިން ގަދަ 20 ބައިވެރިންގެތެރޭގައި ހިމެނުމަކީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށާއި މުބާރާތުން ވަކިވާން ޖެހުނަސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް މުބާރާތުގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ނަސޭހަތްދެއްވާފައެވެ.

މީގެ އިތުރުން، މި މުބާރާތެއްގައި 1 ވަނައަށް ހޮވޭނީ ކޮންމެވެސް އެއް ބައިވެރިއެއްކަމަށާއި އެހެންނަމަވެސް މި މުބާރާތުގެ ގަދަ 20ގައި ހިމެނުމަކީވެސް ވަނައެއްކަމަށް ދެކެން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިބާރާތުގެ ކޮންމެ ބައިވެރިއަކުވެސް ރަނގަޅުވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭކަމަށާއި ވަނަ ހޯދުމަށްޓަކައި އެކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިކަމަށް އެ ފަރާތުންވަނީ ވިދާޅުވެފައެވެ.

އަދި މުބާރާތް ނިމުނަސް، ނުވަތަ މުބާރާތުން ވަކިވާންޖެހުނަސް ކޮންމެ ބައިވެރިއަކަށްވެސް މިނިސްޓްރީގެ ފުރުސަތު ހުޅުވިފައިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ޤުރުއާން ކިޔަވައިދޭ ފަރާތްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ރަށުގައި ތިއްބަވައިގެންވެސް މި ފުރުސަތުގެބޭނުން ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ މި ބައިވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި ”ފިޤްހުއްސުންނާ” ފޮތް ކޮންމެ ބައިވެރިއަކަށް ހަދިޔާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި ރާއްޖެޓީވީގެ އިސްބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ރާއްޖެޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.