މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.

'' މަރާއި މަރުހިއްޕެވުން '' މި މައުޟޫޢަށް އާދިއްތަ ދުވަހުގެ ރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެކަމަށެވެ.

މީގެ އިތުރުން، އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ. އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކުކަމަށްވެސް ވިދާޅުވިއެވެ.

އަދި މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށާއި އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުތައްކުރުމަށް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން މި ފޯރަމްގައި އައްޝައިޚް ފައްޔާޒް އަލީމަނިކު ވަނީ މަރަކީ އެކަމާމެދު ވިސްނިއަސް އަދި ނުވިސްނިއަސް އަޅުގަނޑުމެންނާ ކުރިމަތިވާނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރުވާނެކަމާމެދު އެއްވެސް ބަޔަކު ދެބަސް ނުވާކަމަށާއި ދެބަސްވަނީ މަރުވުމަށްފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށެވެ.

އެގޮތުން މަރުވާއިރު އިންސާނާއަށް ކަންކަން ކުރިމަތިވާގޮތާއި މަރުވުމަށްފަހު ދިމާވާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޤުރުއާނާއި ޙަދީޘުން މިސާލު ނަންގަވައި މި ފޯރަމްގައި ކިޔައިދެއްވިއެވެ.