ލިޔުއްވީއަޙްމަދު ފާރޫޤް މުޙައްމަދު:

ރަމަޟާންމަހަކީ، ކީރިތި ޤުރްއާނުގެ މައްސަރެވެ. އެހެނީ ކީރިތި ޤުރްއާން ބާވައިލައްވަންފެށްޓެވީ، ރަމަޟާން މަހެއްގައެވެ. މިކަން ބަޔާންކުރައްވައި اللَّهُ ވަޙީކުރައްވާފައިވެއެވެ.

"شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ"

މާނައީ:

"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."

ޤުރްއާންކިޔެވުމުގެ މާތްކަން:

ކީރިތި ޤުރްއާންކިޔެވުމުގެ މަތިވެރިކަމާއި މާތްކަން ކިތަންމެހައިވެސް ބޮޑެވެ. އެ ކަލޭގެފާނަށް اللَّهރުއްސުންލެއްވި ޢަބްދު اللَّهِ ބުނު މަސްޢޫދުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއްތިރްމިޛީ ރިވާކުރައްވާފައިވެއެވެ. ޢަބްދު اللَّهِ ބުނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

"ކީރިތި ޤުރްއާނުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް، ހެޔޮކަމެއް ލިބިގެންވެއެވެ. އަދި އެ ހެޔޮކަމުގެ ޘަވާބު ދިހަ ގުނައަށް އިތުރުވެގެންވެއެވެ. {آلم} މިއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު {أَلِف} އެއީ، އަކުރެކެވެ. {لاَمُ} އެއީ، އަކުރެކެވެ. {مِيمُ} އެއީ، އަކުރެކެވެ."

ޝައްކެއްނެތެވެ. ކީރިތިޤުރްއާނުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ވެސް ދިހަ ހެޔޮކަން ނުވަތަ ދިހަ ސަވާބު ލިބޭނެކަން މިވަނީ އަންގަވާފައެވެ. އެހެންކަމާއެކު، ޤުރްއާން ކިޔެވުމަކީ އާދައެއްކަމުގައި ހަދައި، އެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކިހާ މަތިވެރި ދަރުމައާއި ސަވާބު ލިބޭނެ ކަމެއްކަން ޔަޤީންކުރެއްވުން ހުށްޓެވެ. ވަކިން ޚާއްޞަކޮށް ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރަށް ވުމާއެކު، އެހެނިހެން މަސްމަހާ ޚިލާފަށް ރަމަޟާންމަހު ޤުރްއާން ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުންހުށްޓެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ޢަމަލީގޮތުން އުއްމަތަށް މިކަން ދައްކަވާފައެވެ.

ރަމަޟާންމަހު މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤުރްއާންކިޔަވައިވިދާޅުވުމަށް އިސްކަންދެއްވުން:

ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތަކުގެ ވަގުތުތަކުގައި މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ)ގެފާނުގެ އަރިހުން އަލްއިމާމުލްބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގައި މިކަން ބަޔާންވެގެން ވެއެވެ. ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ)ގެފާނު ވިދާޅުވިއެވެ.

"ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަކީ މީސްތަކުންކުރެ އެންމެ ދީލަތިފުޅު ސާހިބާއެވެ. ރަމަޟާންމަހު، އެ ކަލޭގެފާނާ ޖިބުރީލުގެފާނު ބައްދަލުކުރައްވާ ހިނދު، އެކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރުވެގެންދެއެވެ. އަދި ޖިބުރީލުގެފާނު ރަމަޟާންމަހުގެ ކޮންމެރެޔަކު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން، އިތުރުއެކަލޭގެފާނުގެ އަރިހުން ޤުރްއާން އަޑުއައްސަވައެވެ. ފަހެ، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޖިބުރީލުގެފާނު ވަޑައިގަންނަވާ ހިނދު، އެކަލޭގެފާނުގެ ހެޔޮޢަމަލުފުޅުތައް އިތުރުވެގެންދެއެވެ. ޖެހެމުންދާ ވައިރޯޅިއަށްވުރެ ވެސް އެކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރުވެއެވެ.

މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެވަޑައިގެން އަހަރު ދެ ފަހަރަށް ޤުރްއާން މުރާޖަޢާކުރެއްވުން:

ޞަޙީޙުލް ބުޚާރީ ޝަރަޙަކުރެއްވުމުގައި އަލްއިމާމު އިބްނުޙަޖަރު (ރަޙިމަހު اللَّهُ) ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ.

"ކީރިތިޤުރްއާން ބާވައިލައްވަން ފެށްޓެވީ ރަމަޟާން މަހެއްގައެވެ. އެގޮތުން ދުނިޔޭގެއުޑަށް އެކީ އެއްފަހަރާ ޤުރްއާން ބާވައިލެއްވީ ރަމަޟާން މަހެއްގައެވެ. އަދި އެއަށްފަހު، ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ)ގެފާނުގެ އަރިހުން ސާބިތުވާ ފަދައިން، އެކި ޙާދިޘާތަކާގުޅިގެން ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް (13އަހަރުގެތެރޭގައި) ޤުރްއާން ބާވައިލައްވައި ނިންމެވިއެވެ. މި ދުވަސްތަކުގައި އެއް އަހަރުގެ ރަމަޟާން މަހުންފެށިގެން އަނެއް އަހަރުގެ ރަމަޟާންމަހާ ހަމައަށް ކީރިތި ޤުރްއާނުން ބާވައިލައްވާފައިވާ ބައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ހިތްޕުޅުގައި ސާބިތުވެފައިވާ މިންވަރު ބެއްލެވުމަށް ޖިބުރީލުގެފާނު ރަމަޟާންމަހު ވަޑައިގެން މުރާޖަޢާކުރައްވައެވެ. އަދި ޞައްޙަމަގުން ފާޠިމަތުގެފާނުގެ އަރިހުން ސާބިތުވެފައިވާ ފަދައިން ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެވަޑައިގެން އަހަރު، ދެ ފަހަރަށް ޖިބުރީލުގެފާނު ވަޑައިގެން މުރާޖަޢާ ކުރައްވާފައިވެއެވެ."

އެ ކަމަނާއަށް اللَّهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ދަރިކަނބަލުން، އެ ކަމަނާއަށް اللَّهُ ރުއްސުންލެއްވި ފާޠިމަތުގެފާނު އަރިހުން ބަޔާންވެގެންވެއެވެ. اللَّهُގެ ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވިދާޅުވިއެވެ. 'ތިމަންކަމަނާއަށް ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިދާޅުވިއެވެ. "ހަމަކަށަވަރުން، ޖިބުރީލުގެފާނު ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެ ފަހަރަށް ވަޑައިގެން ޤުރްއާން މުރާޖަޢާ ކުރައްވައި އަޑުއައްސަވައިއުޅުއްވިއެވެ. އަދި ހަމަކަށަވަރުން، އެ ކަލޭގެފާނު (އެބަހީ: ޖިބުރީލުގެފާނު) މި އަހަރު ދެ ފަހަރަށް ވަޑައިގެން ޤުރްއާން މުރާޖަޢާ ކުރައްވައިފިއެވެ. އަދި މިއީ ތިމަން ކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމުގެ ޢަލާމާތެއްކަމުގައިނޫނީ ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ."

އައްޝައިޚު ޚާލިދު ބުނު ޙުސައިނު ބުނު ޢަބްދުއްރަޙްމާނު ނަމަކަށްކިޔުނު ޢިލްމުވެރިޔަކު، އޭނާ ލިޔުއްވާފައިވާ "ޖަލީސުކަ ފީ ރަމަޟާން" "ރަމަޟާންމަހުގައި ތިބާގެ އެކުވެރިޔާ" މި ނަންކިޔާ ފޮތުގައި މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤުރްއާން ކިޔަވައި ވިދާޅުވުމުގައި ރަމަޟާންމަހު ޢަމަލުކުރެއްވިގޮތް ބަޔާންކުރައްވަމުން ލިޔުއްވާފައިވެއެވެ.

އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ)ގެފާނުގެ އަރިހުން އަލްބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘަކީ، ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތަކުގައި ކީރިތިޤުރްއާން ކިޔަވައިވިދާޅުވެ، ޤުރްއާން މުދާރަސާ ކުރެއްވުމުގައި އެހެން މަސްމަހަށްވުރެ ބޮޑަށް ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަޝްޣޫލުވެ ވަޑައިގަންނަވާކަން ހާމަވާ ޙަދީޘެކެވެ.

މީގެމާނައަކީ، އެހެނިހެން މަސްމަހުގައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤުރްއާން ކިޔަވައިވިދާޅުވުން އިހުމާލުކުރައްވާ ވާހަކައެއް ނޫނެވެ. ރަމަޟާންމަސް ނޫނަސް، ރޭގަނޑާއި ދުވާލުގެ ގިނަ ވަގުތު އިތުރުއެކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވެ އުޅުއްވިއެވެ. އަދި ދަމުނަމާދުގައި ޤުރްއާން ކިޔަވައި ވިދާޅުވުމުގައި ދެމިހުންނަވާ ވަގުތު ދިގުވެގެންގޮސް، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ބަރަކާތްތެރި ދެ ފައިވާންފުޅު ދުޅަވެއްޖައުމަށް ދާނދެން ޤުރްއާން ކިޔަވައިވިދާޅުވުމުގައި ދެމިހުންނަވާކަން ސާބިތުވެއެވެ.

އެހެންކަމާއެކު ވެސް ރަމަޟާންމަހު، ވަކިން ޚާއްޞަކޮށް ޖިބުރީލުގެފާނު ވަޑައިގެން އިތުރުއެކަލޭގެފާނުގެ އަރިހުން ޤުރްއާން އަޑުއައްސަވައި، މުދާރަސާ ކުރައްވާހިނދު، (އެބަހީ: ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހިތްޕުޅުގައި ކީރިތި ޤުރްއާން ދަސްފުޅުވެ ސާބިތުވެފައިވާ މިންވަރު ކަށަވަރުކުރެއްވުމުގެގޮތުން ސުވާލުކުރައްވައި އެ ކަން ބައްލަވާ ހިނދު) އިތުރުއެކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވުން ގިނަކުރައްވައެވެ. މިއީ، ކޮންމެ ރަމަޟާންމަހެއްގެ އާދަފުޅެވެ. އަދި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެވަޑައިގެން އަހަރުގެ ރަމަޟާންމަހު، ދެ ފަހަރަށް ޖިބުރީލުގެފާނު ވަޑައިގެން ޤުރްއާން އަޑުއެއްސެވިއެވެ.] (1)

ދެނެގަތުން މުހިއްމު ނުކުތާއެއް:

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެވަޑައިގެން އަހަރުގެ ރަމަޟާންމަހު ދެ ފަހަރަށް ޖިބުރީލުގެފާނު ވަޑައިގެން ކީރިތި ޤުރްއާން މުރާޖަޢާ ކުރެއްވިއޭ ބުނެވުނު ބަހުގެ މާނައަކަށްވާނީ، ހިޖުރައިން 10 ވަނަ އަހަރުގެ ރަމަޟާންމަހު ދެ ފަހަރަށް ޤުރްއާން މުރާޖަޢާ ކުރައްވާފައިވުމެވެ. އެހެނީ، ހިޖުރައިން 10 ވަނަ އަހަރުގެ ރަމަޟާން މަހަށްފަހު، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހަކާ ބައްދަލުވެވަޑައިގެންފައެއް ނުވެއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެވަޑައިގަތީ، ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައެވެ.

ޞަޙީޙުމުސްލިމުގެ ޝަރަޙަ ލިޔުއްވުމުގައި، ޑޮކްޓަރ މޫސާ ޝާހީން ލާޝީން (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ.

"ޖިބުރީލު ޢަލައިހިއްސަލާމު ވަޑައިގެން ރަމަޟާންމަހު، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާ ބައްދަލުކުރައްވައި ކީރިތި ޤުރްއާން މުދާރަސާކުރައްވައި އަޑުއައްސަވާކަމަށް އައިސްފައިވާ މި ޙަދީޘުން އެނގޭގޮތުގައި، ބައެއް ނުވަތަ ގިނަ ސޫރަތް ތަކަކަށް ނިސްބަތްކޮށް، ނުވަތަ ޤުރްއާނުގެ ކަލިމައަކަށް ނިސްބަތްކޮށް ވެސް ޤުރްއާނޭ ބުނުން ޞަޙަވާނެއެވެ.

އެހެނީ ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވުނު ފުރަތަމަ ރަމަޟާންމަހު، ކީރިތި ޤުރްއާނުން ބައެއް ފިޔަވައި އެހާތަނަށް ބާވައިލައްވާފައެއް ނުވެއެވެ. އެއަށްފަހު ކޮންމެ އަހަރަކު ވަކިވަރަކަށް ބާވައިލައްވަމުން ގެންދަވާފައިވެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޖިބުރީލުގެފާނު ވަޑައިގެން އެހާތަނަށް ބާވައިލައްވާފައިވާ މިންވަރު މުރާޖަޢާކުރައްވައި މުދާރަސާ ކުރައްވަމުން ގެންދަވާފައިވެއެވެ. އަދި އެންމެފަހުން ސުވަރުގެ ވަޑައިގަތުމުގެ ކުރިން، ހިޖުރައިން 10 ވަނަ އަހަރުގެ ރަމަޟާންމަހާ ހަމައަށް ވަރަށްމަދު އާޔަތެއް ފިޔަވައި ޤުރްއާނުގެ ބޮޑުބައިވަނީ، ބާވައިލައްވައި ނިމިފައެވެ.

ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތީ، ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައެވެ. އެހެންކަމާއެކު ހިޖުރައިން 10 ވަނަ އަހަރުގެ ރަމަޟާން މަހަށްފަހު ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިން އާޔަތެއްގެ މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ." މި އާޔަތް ހިމެނެއެވެ. މިއާޔަތް ބާވައިލެއްވީ، (ހިޖުރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުން 9 ވަނަ ދުވަހު) ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަރަފާތުގައި ހުންނަވަނިކޮށެވެ. މިއީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންވާކަމެކެވެ.

ޤުރްއާން ކިޔަވައި، اللَّهُ ހަނދުމަކުރުމަށް ބަޔަކު އެއްތަންވެ ތިބުމުގައިވާ މަތިވެރިކަން:

އެ ބޭކަލުންނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނާއި އަބޫސަޢީދުއަލްޚުދުރީއާ ދެ ބޭކަލުންގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އަބޫހުރައިރަތުގެފާނާއި، އަބޫސަޢީދުލްޚުދުރީއާ ދެ ބޭކަލުން، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ހެކިވެވަޑައިގެން ވިދާޅުވިއެވެ. (ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.) {ބަޔަކުމީހުން އެއްވެ، اللَّهُ ހަނދުމަ ކުރުމުގައި ތިބެއްޖެނަމަ، އެއުރެން ވަށައިލައްވައިގެން މަލާއިކަތުން ނުތިއްބަވާ ގޮތެއްގައި އެއުރެން ނުތިބޭހުށްޓެވެ. އަދި (اللَّهُގެ) ރަޙުމަތް އެއުރެންގެ ވަށައިލައެވެ. އަދި އެބައިމީހުންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައެވެ. އަދި اللَّهُތަޢާލާ، އެކަލާނގެ ޙަޟުރަތުގައިވާ ބަޔަކުގެ އަރިހުގައި (އެބަހީ: ކުޑަތާމަލާއިކަތުންނާއި، އެކަލާނގެ ޙަޟުރަތަށް ކުއްތަންކުރައްވައިފައިވާ ނަބީބޭކަލުންގެ އަރިހުގައި) އެބައިމީހުންގެ މައްޗަށް ތާރީފު ވަޙީކުރައްވާ ހުށްޓެވެ.}

ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމާއި، ނަމާދުކުރެއްވުމުގައި އަޞްޙާބުބޭކަލުންގެ ސާބިތުކަން:

ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމާއި ނަމާދުކުރެއްވުމުގައި އަޞްޙާބުބޭކަލުންގެ ސާބިތުކަން ހާމަވެގެންދާ ވަރަށް އާދަޔާޚިލާފު ޙާދިޘާއެއް އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން އަލްއިމާމު އަބޫދާވުދާއި، އަލްއިމާމު އަޙްމަދާއި އެހެން ބައެއް ބޭކަލުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ބަޔާންވެގެންވެއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. ޒާތުއްރިޤާޢުގެ ހަނގުރާމައަށް ތިމަންމެން (އަޞްޙާބުންކުރެ ބައެއް ބޭކަލުން) ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ނުކުމެވަޑައިގަތީމެވެ. ފަހެ، މުސްލިމުންގެ ތެރެއިން ބޭކަލަކު މުޝްރިކު އަންހެނަކު ހައްޔަރުކުރެއްވިއެވެ. ފަހެ، އެ ކަނބުލޭގެ ފިރިކަލޭގެ (އެކަން އެނގިގެން) ހުވާކޮށްފައި ބުންޏެވެ. މުޙައްމަދުގެފާނުގެ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އަޞްޙާބުންގެކިބައިން ބަދަލުހިފައި ލޭއޮހޮރުވައިލުމުގެކުރިން ތިމަންނާ ހަމަހިމޭނުން ނުހުންނަހުށީމެވެ. ފަހެ، އެ ކަލޭގެ މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ފަހަތްޕުޅުން އެކަލޭގެފާނުގެ ޚަބަރެއް ވޭތޯ ބެލުމަށް ނުކުތެވެ. ފަހެ، މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަންޒިލަކަށް ފައިބައިވަޑައިގަތެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ދުޝްމަނުންގެ ކިބައިން ތިމަންމެން (މުސްލިމުން) ރައްކާތެރިކުރުމަށް ފާރަވެރިވާނީ ކާކުހެއްޔެވެ؟" (ޖާބިރުގެފާނު ވިދާޅުވިއެވެ.) ފަހެ، މުހާޖިރުންގެ ތެރެއިން ބޭކަލަކާއި، އަންޞާރުންގެތެރެއިން ބޭކަލަކު އިތުރުއެކަލޭގެފާނުގެ މި ބަސްފުޅަށް އިޖާބަ ދެއްވިއެވެ.

ފަހެ، އިތުރުއެކަލޭގެފާނު އެ ދެ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަ ދެ ބޭކަލުން ވާދީއަށް ވަދެވެން އޮންނަ ތާނގައި ފާރައަށް ތިއްބަވާށެވެ." (ޖާބިރުގެފާނު ވިދާޅުވިއެވެ.) ފަހެ، އެ ދެބޭކަލުން ވާދީއަށް ވަދެވެންއޮންނަ ތަނަށް ވަޑައިގަތުމަށްފަހު، އޭގެތެރެއިން މުހާޖިރު ކަލޭގެފާނު (އަރާމުކޮށްލެއްވުމަށް) އޮށޯވެވަޑައިގަތެވެ. އަދި އަންޞާރު ކަލޭގެފާނު ނަމާދުކުރެއްވުމުގައި މަޝްޣޫލުވެވަޑައިގަތެވެ. ފަހެ އެހާތަނުން އެ މުޝްރިކު ކަލޭގެ އެ ތަނަށް އައެވެ. ފަހެ، (ރޭގަނޑުގެ އަނދިރީގައި) އެ ކަލޭގެއަށް އެ ކަލޭގެފާނުގެ (އެބަހީ: ނަމާދަށްހުންނެވި ކަލޭގެފާނުގެ މޭގަ، ނުވަތަ ހިޔަނި) ފެނުމުން އެއީ މުސްލިމުންގެ ފާރަވެރިކަމުގައި ހުންނެވި ބޭކަލަކުކަން އެ ކަލޭގެއަށް އެނގުނެވެ. ފަހެ، އެ ކަލޭގެފާނުގެ ގައިކޮޅަށް އަމާޒުކޮށް، އެ ކަލޭގެ ތީރެއް ފޮނުވައިލިއެވެ. އެ ތީރު އެ ކަލޭގެފާނުގެ ހަށިކޮޅަށް ހެރުމުން (ނަމާދަށް ހުންނަވައި) ތީރު އުފުރާލައްވައި، އެއްލަވައިލެއްވިއެވެ.

ފަހެ، އެ ކަލޭގެ މިގޮތުގެމަތިން ތިން ފަހަރަށް ޙަމަލާދިނެވެ. (އެ ތިން ފަހަރުވެސް އެ ކަލޭގެފާނުގެ ހަށިކޮޅަށް ހެރޭ ތީރު، އުފުރާލައްވައި އެއްލަވައިލައްވައެވެ.) އެއަށްފަހު، އެ ކަލޭގެފާނު ރުކޫޢު ކުރައްވައި ސަޖިދަކުރެއްވިއެވެ. ނަމާދުން ނިމިވަޑައިގެން، އެ ކަލޭގެފާނުގެ އެކުވެރި (މުހާޖިރު ކަލޭގެފާނަށް ވިދާޅުވިއެވެ.) ފަހެ، އެ މުޝްރިކު ކަލޭގެއަށް އެ ބޭކަލުންނަށް އެ ކަލޭގެ އެތާނ ހުރިކަން އެނގިލެއްވިކަން އެނގުނުހިނދު، އަވަހަށް ފިލާ ރައްކާވެއްޖެއެވެ. ފަހެ، އަންޞާރުކަލޭގެފާނުގެ ހަށިކޮޅުން ލެއިފޮދު އޮހެރެމުންދާތަން މުހާޖިރު ކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވިއެވެ. سُبْحَانَ اللَّهِ އެވެ. اللَّهُގެ ހުސްޠާހިރުވަންތަކަމާއެވެ! ކަލޭގެފާނުގެ ހަށިކޮޅަށް ފުރަތަމަ ތީރު ހެރުނުހިނދު، ތިމަންނާއަށް ވިދާޅުވެ ނުނެންގެވީ ކީއްވެތޯއެވެ؟ (އަންޞާރު ކަލޭގެފާނު) ވިދާޅުވިއެވެ. "އަޅުގަނޑު ނަމާދުގައި ސޫރަތެއް ކިޔަވަމުން ދަނިކޮށް މި ޙާދިޘާ މެދުވެރިވުމުން، އެ ސޫރަތް ނިމުމުގެކުރިން މެދުކަނޑައިލުމަށް އަޅުގަނޑުގެ ހިތް ހަމަނުޖެހުނީއެވެ!!"

{ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟}

ސުނަނުއަބީދާވުދުގެ ޝަރަޙަ ލިޔުއްވުމުގައި އަލްއިމާމު މަޙްމޫދު މުޙައްމަދު ޚައްޠާބު އައްސުބުކީ (ރަޙިމަހު اللَّهُ) އެ ކަލޭގެފާނު ލިޔުއްވި، "އަލްމަންހަލުލް ޢަޛްބިލް މަވްރޫދި" މި ނަންކިޔާ ފޮތުގައި ވިދާޅުވެފައިވެއެވެ.

އަލްއިމާމުލް ބައިހަޤީ (ރަޙިމަހު اللَّهُ) އެ ކަލޭގެފާނުގެ މަޝްހޫރު ފޮތެއްކަމުގައިވާ "ދަލާއިލުއް ނުބުއްވަތި" މިނަންކިޔުނު ފޮތުގައި މި ޙާދިޘާ ރިވާކުރެއްވި ރިވާޔަތުގައި، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އެދިވަޑައިގަތުމަށް އެރޭ ފާރަވެރިކަމުގައި ތިއްބެވުމަށް ކުރިމަތިލެއްވި ދެ ބޭކަލުންގެ ނަންފުޅު ބަޔާންކުރައްވާފައި ވެއެވެ. އެ ދެ ބޭކަލުންގެ ތެރެއިން މުހާޖިރު ބޭކަލަކީ، އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢައްމާރު ބުނު ޔާސިރެވެ. އަދި އަންޞާރިއްޔަ ބޭކަލަކީ، އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢައްބާދު ބުނު ބިޝްރެވެ.

اللَّهُ ތަޢާލާ އެ އެންމެބޭކަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އެ ބޭކަލުންގެ މަގުން ހިނގުމުގެ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން!!

( liyuntherin.org އިން)