އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ މޫސަ ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށާއި ނަމަވެސް އެމްޑީޕީ ތެރެއިން ކުރިން ފެނުނު ރޫހާއި، ޖޯޝް މިއަދު އެމްޑީޕީ ތެރެއިން ނުފެންނަކަމަށެވެ.
އޭގެ ބަދަލުގައި މިއަދު ފެނިގެންދަނީ ވަކި މީހަކަށް ބާރުތައް ހޯދައި، ޕާޓީގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތް ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް ވެރިކަން ލިބި ރައްޔިތުންނަށް ޚިދުމަތެއް ކޮށްލުމަށް ލިބޭފުރުސަތެއްގައި ވަކި މީހެއްގެ ހައިބަތު ބޮޑު ކުރުމަށް އުޅުމަކީ ޕާޓީގެ ވެރިކަން ހިންގުމަށް ފަސޭހަވާނެ ކަމެއްނޫންކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާ އެމްޑީޕީން ބޭރުކޮށްލި ސަބަބު އަދިވެސް ނޭނގޭ ކަމަށާއި އެހެންކަމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ޕާޓީގެ މެމްބަރުން އެކަމަށް އެދިގެން އައުމުން ކަމަށެވެ. އަދި މިރޭ އެދުނު ނަމަވެސް އެޕާޓީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް މޫސަ ވިދާޅުވިއެވެ.
"އެމްޑީޕީގެ ރައީސް[ނަޝީދު] އާއި ގައުމުގެ ރައީސް[ސޯލިހް] އަޅުގަނޑާ ރައްޓެހިވުމަކީ އެމްޑީޕީ މީހުން ދެކޭ ގޮތެއް ނޫން. އެމްޑީޕީ ތެރޭގައި އަޅުގަނޑު ދެކެ ރުޅި އަންނަ ބަޔަކުވެސް ތިބެދާނެ އިނގޭތޯ. އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއްނަމަ އަޅުގަނޑުވެސް ގެންދާނެތާ. އަޅުގަނޑު ބަލައި އަތުވެއްޖިއްޔާ ދާނަން. މިރޭ އަޔަސް،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީގެ ފިކުރުގެ އެމްޑީޕީ މީހެއްކަމަށެވެ. މިއަދުވެސް އެމްޑީޕީއަށް ޚިދުމަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ. ނަމަވެސް އެއްވެސް ހަމައެއް އުސޫލެއްނެތި ޕާޓީ ބޭރުކޮށްލާފައިވާކަމަށް މޫސަ ވަނީ ވިދާޅުވެފައެެ.