މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވިސްނުމަކަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ވަކީން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ތަރުޖަމާނު ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ އެމްއެންޕީން މީގެ ކުރިން ވެސް ވާނީ ރިިޔާސީ އިންތިޚާބުގައި ވާދަކުރާނީ ވަކީން ކަމަށް އިއުލާން ކޮށްފައި ކަަމަށެވެ. "އެކަން އޮތީ އަދިވެސް އެގޮތަށް. އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ބަޔަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއްނެތް،" ޝިދާތާ ވިދާުވިއެވެ.

ރިޔަސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެމްއެންޕީން ގުޅޭނީ ކޮން ޕާޓީއަކާ ކަމެއް އަދި ނިންމާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްއެންޕީއާއެކު ކޯލިޝަން ހަދަން އެހެން ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް އެދި ހުށަހަޅާފައިވާ ކަމެއް ވެެސް އެނގިވަޑައިގެންފައި ނުވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމެވެ. އެޕާޓީން ގެންދަނީ ރަށްރަށަށް ދަތުރުކޮށް ކެންޕޭން ކުރުމާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.