ޣައްޒާގެ ތަކުބީރުތަކާއި ސިޔާސީ ލީޑަރުންގެ މެޑެލި ޖެހުމާއެކު ކާމިޔާބީގެ ހިނދުކޮޅެއް ވެރިވި ޓްރަމްޕް ވިދާޅުވަނީ އޭނާ ގެ ވެރިކަމުގައި ޣައްޒާގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާއެކު އިބްރާހީ މުއާހަދާއަށް އަލުން ބާރުއަޅާނެ ކަމަށެވެ. ޓްރަމްޕްގެ އިބްރާހީމީ މުއާހަދާއަކީ، އެމެރިކާ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަށް އަރަބި ބައެއް ގައުމުތަކުން ވިޔަފާރި އުސޫލުން ރުހުންދިން މުއާހަދާއެވެ. އަދި ޔޫއޭއީއާއި ބަހުރައިންފަދަ ޤައުމުތަކާ ޒަޔަނިސްޓުންނާ ދެމެދު އުޚުއްވަތްތެރިކަމެއް އުފައްދައިދިން އެއްބަސްވުމެވެ.

އިބްރާހީ މުއާހަދާގެ ދެވަނަ ބައި ފެށޭތޯ ޒަޔަނިސްޓުންނާއި އެމެރިކާއިން ގަދައަޅައި ކުރި އެވެ. އެ މަސައްކަތް ނާކާމިޔާބު ވީ ޙަމާސްއިން 7 އޮކްޓޯބަރުގެ އަޤްޞާ ޠޫފާން ފެށުމުންނެވެ.

ސައޫދީން އިޒްރޭލާ ގުޅުން އުފެއްދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފަލަސްޠީނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އެ ހާދިސާއިން ގެނަސްދިނެވެ. އެ ހާދިސާއަށް ފަހުވެސް ސައޫދީ އާއި އިޒްރޭލުން އެކި ފަހަރުމަތިން ސިއްރުން ބައްދަލުކޮށްފައި އެއްބަސްވުމަކަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ވިސްނުން އިޒްރޭލާ ދެކޮޅުވެ ޒަޔަނިސްޓުން އެކަހެރި ވުމުން ސައޫދީއަށް ސިޔާސަތު ބަދަލު ކުރުމަށް މަޖުބޫރުވި އެވެ.

ސައޫދީން ބުނެފައި ވަނީ ފަލަސްޠީނު މިނިވަން ނުވަނީސް ޒަޔަނިސްޓުންނާ ގާތް ވުމެއް ނެތް ކަމަށެވެ.