ވަކި މީހަކު މަގާމުން ވަކިކޮށްފިއްނަމަ މަގުމަތީން ސަރުކާރު ވައްޓާލާނެ ކަމަށް ދޭ އިންޒާރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޖެހިލުންވެ ވަޑައިނުގަންނަވާނޭކަން މިހާރު އެނގޭނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މިހާރު އެނގިޖެތާ މިވެނި މީހަކު މަގާމުން ދުރުކޮށްފިއްޔާ މަގުމަތީން ސަރުކާރު ވައްޓާނޭ ކަމަށް ދޭ އިންޒާރަކަށް އިބްރާހީމް މުހައްމަދު ސާލިހު ޖެހިލުން ނުވާކަން،"

އޭނާ ވިދާޅުވެފައިވަނީ ރައީސް ސާލިހަކީ ޖެހިލުންވެ ވަޑައިގަންނަވާ ލީޑަރެއް ނޫންކަމަށެވެ. އެހެންކަމުން އަޅަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެކަން އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސައިން އަމްރު ވަކި ކުރެއްވި ހިސާބުން އެނގިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ކެތްތެރިކަން ވެސް ކޮޅުންލާ ހިސާބެއްވެސް އޮންނަކައިން އެއިން އެނގިގެން ހިނގައްޖެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވެފައިވަނީ ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ވިދާޅުވަނީ މަގާމުން ވަކިނުކުރެވޭނޭ ކަމަށެވެ. އެގޮތަށް "ވިދާޅުވެ ގަދަބަސް ބުނުން މިއޮންނަނީ. ވަކުކުރީމާ މިވިދާޅުވަނީ އާނދޮގޭ، ކޮންމެހެން ނޫޅެމޭ މަގާމެއް ބޭނުންވެގެން. ކަނޑާލާތޯ ބަލަންވެގެނޭ ސަރުކާރަށް ޖެއްސުން ކުރަނީވެސް،" ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައިވާ އެއްޗަކަށް ވެސް ޝަރީފް ވަނީ ރައްދުދެއްވައިފައެވެ. ޝިފާޒު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީޕީއަށް ދެރަގޮތެއް ނުހައްދަވާނޭ ކަމަށެވެ. ޝިފާޒަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވެފައިވަނީ "އަޅުގަނޑު ދަންނަ މުހައްމަދު ނަޝީދޭ ކިޔައިގެން ޝިއްޕެ އެދައްކަވަނީ މުޅިން ހޮޅިވާހަކަ. ޝިއްޕެއަށްވުރެން މާގިނަދުވަސް ވެއްޖެ އަޅުގަނޑު އަންނި ދަންނަތާ،" ޝަރީފް ވިދާޅުވެފައިވެއެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ވާދަކުރައްވައި ރައީސް ނަޝީދު ބަލިވެ ވަޑައިގެންނެވުމުން އެނބުރި ވަޑައިގެން ރައީސް ސާލިހާއެކު ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ގިނަބަޔަކު އުންމީދު ކުރިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ޖެހިވަޑައިގެންނެވީ ފެއަށެވެ. "ފިކުރެއްގެ ދިރުން" ހިއްޕަވައިގެންނެވެ.

އެމަނިކުފާނު މިހާރު މަޝްވަރާ ކުރާކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީޕާޓީއާއެކު ނިކުންނެވުމަށެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއް އަދި ފައިނަލް ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.