ހުޅުމާލޭ ފިޔަވަހި 2 ގައި ގާއިމްކޮށްފައިވާ ހިޔާޓަވަރުގެ ތެރެއިން ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ގެންދަނީ އެމައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް އަލުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ. ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހިޔާގެ ފުރަތަމަ ޓަވަރުގައި މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓްގެ ބަދަލުގައި އެހެން އާރުއެމް ޔުނިޓެއް ގުޅައި އެ ސަބްސްޓޭޝަންގެ ކޭބަލްތައް އައު އާރުއެމް ޔުނިޓަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

މި މަސައްކަތަށް ތިންގަޑިއެއްހާއިރު ހޭދަވާނޭ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުން ކަމަށާއި މަސައްކަތް ނިމި ދިހައެއް ޖެހުމުގެ ކުރީން ކަރަންޓު ދެވެނޭ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

ކަރަންޓު ދިއުމުން ދިމާވާނެ ދަތިކަމަށްޓަކައި ކަސްޓަމަރުންގެ ގާތުން މައާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.