ރަމަޟާން މަސް އައުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރަންޖެހޭ ކަމަށްވާނަމަ ޖަލުގައި ހުކުމް ތަންފީޒި ކުރަމުންދާ ދެހާހެއްހާ މީހުން ވެސް ގެއަށް ބަދަލުކުރަން ޖެހޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އީސަ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅަކަށްވިޔަސް ރޯދަމަސް ނުވަތަ އީދެއް އައުމުން ގެއަށް ބަދަލުކުރުމަކީ ގާނޫނޫ ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. "ރައީސް ޔާމީނަކީ ރާއްޖޭގެ ކޯޓަކުން ހުކުމެއް އިއްވައި އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް. ކުށްވެެރިއެއް. ރައީސްކަން ކުރެއްވިޔަސް ހުކުމުގައި އެމަނިކުފާނާ އެހެން މީހުންނާ ތަފާތެއް ނުކުރެވޭނެ. އެއީ ކޮށްގެންވެސް ވާނޭ ކަމެއްނޫން،" އީސަ ވިދާޅުވިއެވެ.

އީސަ މިހެން ވިދާޅުވީ ރަމަޟާން މަސް އައުމުން ވެސް ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައި ނުވާތީ އެވާހަކަ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން މުހައްމަދު ލަތީފު މަޖިލީހުގައި މިއަދު ދެއްކެވުމުންނެވެ.

އީސަ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އައި ތިން ރޯދަމަހެއްގައި އެއްވެސް ހުކުމެއްނުކޮށް އޭނާ ޖަލަށްލައި ބަންދުކޮށްގެން ގެންގުޅެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ އެތައް ބަޔަކަށް އެއްވެސް ހުކުމެއް ނުކޮށް އެގޮތަށް ޖަލަށްލައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. "މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ލިޑަރުންގެ ތެރެއިން އެތައް ބޭފުޅުން ރައީސް ޔާމީން ވަނީ ހުކުމެއްނެތި ޖަލަށްލައިފައި. އޭގެތެރޭގައި އުމުރުން ދުވަސްވީ ބޭފުޅުން ވެސް ހިމެނުނު. އެކަމަކު ރޯމަސް އައުމަކުން އެބޭފުޅުން ގެއަށް ބަދަލުކޮށްފައެއް ނުވޭ. ރޯދަމަސް ނުވަތަ ރަމަޟާން އައުމަކުން އެބޭފުޅުންނަށް ދުލެއް ނުދެއްވާ ރައީސް ޔާމީންގެ ވެރިކަމުގައި. ރައީސް ޔާމީން މިއަދު ޖަލުގައި އެ އިންނަވަނީ ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަން. އެހެންވީމާ އެމަނިކުފާނު ގެއަށް ބަދަކުރަންޖެހޭ ސަބަބަބެއްނެތް،" އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މަޖިލީހުގައި އޭނާ މިގޮތަށް ދެއްކެވި ވާހަކަ ބަދަލުކޮށްގެން ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ޚަބަރުތައް ފަތުރާއިރު ވަރަށް ރަނގަޅަށް ބެލުމަށްފަހު އެ ޚަބަރެއް ފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.