ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓްގެ 8 ޓަވަރަކުން ކަރަންޓު ކެނޑި 5 ގަޑިއިރަށް ވުރެ ގިނައިރުވީއިރުވެސް އެކަން ޙައްލު ނުކުރެވުމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން އެކަމަށް ފާޑުކިޔައިފިއެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު ނުދެވި ލަސްވުމުގެ އިތުރުން ޓަވަރުގައި ދިރިއުޅޭ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ފަރުވާ ކުޑަ ކުރަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން އެކަމާ ހިތާމަކޮށް ކަންބޮޑުވާ ކަމަށް ވެެސް ބުނެފައިވެއެވެ.

"ޢާންމު މަސްތަކާ ޚިލާފަށް ރަމަޟާން މަހުގެ ހަވީރުގެ ވަގުތުތަކީ ގޭގޭގައި ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަވަދިނެތި އުޅޭނޭ ވަގުތަށް ވާއިރު، ރޯދަ ވީއްލުމަށް ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރުމުގައިވެސް ކަރަންޓު ބޭނުންވާނެއެވެ. އިރުއޮއްސި ތަރާވީޙު ނަމާދު ނިމުނުއިރުވެސް ރޯދަ ވީއްލޭނޭ ގޮތް ނެތިފައި އެތައް ޢާއިލާއެއް ތިބުމުގެ އިތުރުން، ޓަވަރުތަކަށް އަރާ ފޭބުމުގެ ދަތިކަން ކުރިމަތިވެ ގިނަ ބަޔަކު ޓަވަރުތަކުގެ އެންމެ މަތީ ފަންގިފިލާތަކުގައި ތާށިވެފައިވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެފަދަ ޢާއިލާތަކަށް މިކޯލިޝަންގެ ހަމްދަރުދީ ފާޅުކޮށް، އެއްވެސް އެހީތެރިކަމެއް ބޭނުންވާ ޢާއިލާއެއް ވާނަމަ އެކަމުގެ މަޢުލޫމާތު ވީއެންމެ އަވަހަކަށް މިޕާޓީއާއި ޙިއްސާކޮށްދެއްވުން އެދެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން 8 ވަނަ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް އަވަސްކޮށް އަވަހަށް ކަރަންޓު ދެވެންދެން ވަގުތީ ޙައްލެއް ހޯއްދަވައިދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އެބަޔާނުގައި ބުނެފައިވެެއެވެ.

ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅޭ ތަނެއްގައި ކަރަންޓްގެ މައްސަލަ ދިމާވުމުން އިމަޖެންސީގައި އެފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނޭ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާފައި ނުވުމަކީވެސް ހިތާމަ ކުރާކަމެއް ކަމަށެވެ. އެ ޓަވަރުތަކުގައި ދިރިއުޅޭ ޢާއިލާތަކުގެ ހާލު ބައްލަވާ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށްވެސް ގޮވާލާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ ޓަވަރުގެ ކަރަންޓަށް ދިމާވި މައްސަލަ ތިންގަޑިއިރުތެރޭގައި ހައްލުކޮށް މިރޭ 9:30 ގައި ކަރަންޓު ދީފައެވެ،