ހާރު ކެއުމަކީ ތިމާގެ ހަށިގަނޑަށް ހަކަތައާއި، ދިރުން ލިބިދޭ ކެއުމެކެވެ. ރޯދައަށް ހުރުމަށް ފަސޭހަވެ، ރޯދައިގެ ސަބަބުން ލިބޭ ތަކުލީފުތައް ކުޑަކޮށްދޭ ކެއުމެއްވެެސް މެއެވެ. މީގެއިތުރުން ރޯދައަށް ހުންނަ ގަޑިތަކުގައި މޭނުބައިކުރުމާއި ބޮލުގައި ރިއްސުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓްކޮށް ދިނުމާއި ދުވާލު ގަޑީގައި ކަރުހިއްކުން ކުޑަކޮށްދިނުމުގެ އިތުރުން ހަށިގަނޑު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ވެސް ހާރުކެއުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން މި ޚާއްޞަ ކެއުމުގައި ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމަނަން ސަމާލު ވާންޖެހެއެވެ. މިގޮތުން މި ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ނިއުޓްރިއެންޓްސް (ޕްރޮޓީންސް، ކާބޯހައިޑްރޭޓްސް، ވިޓަމިންސް އަދި މިނަރަލްސް) ހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. ބަނޑަށް އެއްވެސް އުނދަގުލެއް ނުވާނެ ގޮތަށް ފަސޭހައިން ހަޖަމުކުރެވޭ ކާނާ ހާރުދަމަށް ހުރުން މުހިންމެވެ.
މިގޮތުން ފެން ގިނަ މޭވާއާއި ތަރުކާރީގެ އިތުރުން، ލަސްލަހުން ހަޖަމުވާ ފައިބަރު ގިނަ ކާނާ ހިމަނަންވާނެއެވެ. މީގެ ތެރޭގައި، ކަރާ، ލެޓިއުސް، ކިއުކަމްބާ، ސްޕިނެޗް، އަނބު އަދި ދޮންކެޔޮ ހިމެނިދާނެއެވެ. ހާރު ކެއުުމުގައި ބިސް، މުގު، މަސް، ކުުކުޅު އަދި ޔޯގަޓް ކަހަލަ ޕްރޮޓީންސް ލިބޭ ކެއުން ހިމެނުމަކީ ވަރަށް ބޮޑަށް ފައިދާ ކުރަނިވި ކަމެކެވެ. މީގެ އިތުރުން އޯޓްސް، ބާރލީ، ސީރިއަލްއާއި، އާޓާރޮށި ނުވަތަ ހޯލް ގްރެއިން، ޕާން ފަދަ ކާބޯހައިޑްރޭޓްސް ލިބޭ ކާނާ ހިމެނުން ވެސް ވަރަށް މުހިންމެވެ.
ހަމަ އެހެންމެ ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ހަކަތަ ހިފެހެއްޓުމަށްޓަކައި ކަޅުދިރި، ކަދުރު އަދި އެވަކާޑޯ، ނަޓްސް ކަހަލަ ސިއްޙަތަށް ފައިދާ ހުރި ބާވަތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ހާރުކެއުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.
ހާރު ކެއުމުގައި އަލުވި، ޒައިތޫނި، ލޮނު ނަޓްސް އަދި ދަޅު ކާނާގެ ފަދަ ލޮނު ކާނާ ކެއުމުން ދުރުހެލިވާށެވެ. އަދި ސޮސެޖް، ނޫޑްލްސް، ތެލުލި ކާނާ، އަދި ކަރުހިއްކުން އިތުރުވާ ކުޅި ކާނާ ކެއުމުގެ އިތުރުން ގިނައިން ހަކުރު އެކުލެވޭ ފަދަ ކާނާއާއި ކޮފީވެސް ބުއިން ރަނގަޅެއް ނޫނެވެ.
މިފަދަ ކާނާތައް ކެއުމުގެ ސަބަބުން މެއިން ދިލަ ނެގުމާއި، ގޭހުގެ އުނދަގޫ ބޮޑުވުމުގެ އިތުރުން، ކަރުހިއްކާ އަދި ހަށިގަނޑުން ފެން މަދުވާ ގޮތް ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.
ޑޮކްޓަރ ނާޖީ ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރެއިން ޑޮކްޓަރަށް ފާހަގަ ކުރެއްވުނު އެންމެ ރަނގަޅު އެއް އާދައަކީ ހާރުކެއުމުގައި ދޮންކޭލާއި ކިރާއި މަހުގެ އިތުރުން ގަރުދިޔަ، އަދި ޚާއްސަކޮށް ބަތްޕެން ހިމެނުމެވެ. ޑޮކްޓަރ ނާޖީ ވިދާޅުވި ގޮތުގައި ހާރުކެއުމުގައި ދިވެހީން އާންމުކޮށް ހިމަނާފައިވަނީ ރޯދައަށް ހުންނަ މީހަކަށް ވަރަށް ވެސް ލުއި އަދި ސިއްހީ ގޮތުން ރަނގަޅު ބާވަތްތައް ކަމަށެވެ.