ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް އެ މެމްނަރުންނަށް ދޭ މުސާރަ ކުޑަކުރައްވާނޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ކަންބޮޑުވާ މައްސަލައަކަށްވާތީއެވެ. މިހާރު މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. އޭގެ ކޮންމެ މެމްބަރެއްގެ މުސާރަ އަށްޑިހަ ހާހަށްވުރެ ބޮޑެވެ. ނާޒިމް ނޫނަސް ބައެއް އެހެން މެމްބަރުން ވެސް ވަނީ މިމައްސަަލަ ފާހަގަ ކުރައްވައި މިއީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނާޒިމްގެ މި ވައުދާ ގުޅިގެން ބައެއް މީހުން ބުނެފައިވަނީ ނާޒިމް އެކަން ކުރައްވާނޭ ކަމަށެވެ. އެހެންނަމަވެސް އެކަމަކީ ފަސޭހަކަމަކަށް ނުވާނޭ ކަމަށް ވެސް އެފަދަ މީހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ނާޒިމަކީ ވެސް ރައްޔިތުންގެ މަޖިލިހުގެ މެމްބަރެކެވެ.

ނާޒިމް ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ގައުމިއްޔަތު ދިރުވާނޭ ކަމަށެވެ. ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ވަޒީފާތައް އިތުރު ކުރުމަށްޓަކައި އިތުރު ސިނާއަތްތައް އުފައްދައި ކުރިއަރުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.