މާލެސިޓީގެ 26 މިސްކިތެއްގެ މަރާމާތުތަކުގެ ތަފްޞީލް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ކައުންސިލުން ވިދާޅުވީ މި 26 މިސްކިތުގެ ތެރެއިން ދެ މިސްކިތެއްގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ވަނީކޮށްދީފައިކަމަށެވެ. އެއީ މަސްޖިދު ޞަލާޙުއްދީން އަދި ޒިޔާރަތް މިސްކިތުގެ މަސައްކަތްތަކެވެ.
އެގޮތުން މި ދެ މިސްކިތުގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ކޮށްފައިވާއިރު، މިހާރުވެސް ބައެއް މަސައްކަތްތައް އެ ފަރާތުން ކުރަމުން ގެންދާކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭ މަސްޖިދުލް ބިއްރި މަރާމާތުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކުން އެދިގެން އެ ފަރާތަށް ޙަވާލުކުރުމުން އެފަރާތުން ވަނީ މިސްކިތުގައި މިވަގުތު ކުރަންހުރި މަރާމާތުތައް ކޮށްފައެވެ.
މިސްކިތްތަކުގައި ރަނގަޅުކުރަން ހުރި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ހިމެނޭ ރިޕޯޓް މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު މިހާތަނަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި 26 މިސްކިތެއްގައި ގިނަ މަރާމާތުތަކެއްވަނީ ނިންމާފައިކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީކައުންސިލުން އިތުރަށް ވިދާޅުވީ ރަމަޟާން މަސް ފެށުނުއިރު ގިނަ މިސްކިތްތަކުގެ މަސައްކަތް ނިމިފައިވީނަމަވެސް އަދިވެސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރިއަށް ގެންދާކަމަށެވެ.
މީގެއިތުރުން، މިސްކިތްތަކުގެ މަރާމާތާއި ގުޅޭގޮތުން މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތުގައި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.
މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިންނެވެ.