ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަނާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ ނިމިފައިވާ ކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނެފައިވަނީ މި ސަރވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯރހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ވަނީ ބެލިފައި ކަމަށެވެ. އޭގެ އިތުރުން ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވައިލެވޭނެއެވެ. އޭގެ އިތުރުން 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް މަޝްރޫއުގައި ހިމެނެއެވެ.

މިއީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.