ހުޅުމާލެ ހިޔާ ޓަވަރު 4،7،8ގެ ޒުވާނުންތަކެއް އިސްނަގައިގެން، މި ރަމަޟާން މަހު ކުރިއަށް ގެންދާ "ހިޔާ ޤުރުއާން މުބާރާތް 1444" ފެށިގެން ކުރިއަށް ދަނީ ނުހަނު ކާމިޔާބު ކަމާއި އެހާމެ ޖޯޝާއެކުގައި ކަމަށް މި މުބާރާތް ހިންގާ ފަރާތްތަކުން ހާމަކޮށްފިއެވެ. މުބާރާތާ ބެހޭ ގޮތުން "ހަލި" ނޫހަށް މައުލޫމާތު ދެމުން، މުބާރާތް ހިންގާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިމުބާރާތުގެ މައިގަނޑު މަގުސަދަކީ ބަރަކާތްތެރި ރަމަޟާން މަހަކީ، ކީރިތި ޤުރުއާންގެ މައްސަރު ކަމުގައި ވުމާއެކު، ހިޔާ ސަރަހައްދުގައި އުޅޭ ތުއްތު ކުދިންނާއި، ޒުވާނުންނާއި އަދި ބޮޑެތި މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއެކު ރިވެތި އަހުލާގުގެ ރައްޔިތުންތަކެއް އުޅޭ ސަރަހައްދަކަށް ހެދުމެވެ.

މިމުބާރާތް ރާވައި ހހިންގާ ފަރާތްތަކަކީ، ހިޔާޓަވަރު 8 އިން، ރިފާ އަދި ނާޒިމް، ހިޔާޓަވަރު 7 އިން ޝަބާ އަދި އަންދު އަދި ހިޔާޓަވަރު 4 އިން މާނު އަދި ދާނު އެވެ.

މުބާރާތް ކުރިއަށް ގެންދިއުމުގައި އިންތިޒާމުކޮށްގެން ރާވައި ހިންގާނީ 3 ކޮމެޓީއެއްގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

  1. މުބާރާތް އިންތިޒާމު ކޮމެޓީ
  2. ފަނޑިޔާރުންގެ ކޮމެޓީ
  3. މައްސަލަ ބަލާ ކޮމެޓީ

މުބާރާތް ކުރިއަށް ގެންދާނީ ހަތަރު ކެޓެގަރީއަކަށް ބަހާލެވިގެންނެވެ.

  1. ތުއްތު ކުދިންގެ ކެޓެގަރީ(6އަހަރުން ދަށް)
  2. ޖޫނިއާ ކެޓެގަރީ (11 އަހަރުން ދަށް)
  3. ސީނިއާ ކެޓެގަރީ (15 އަހަރުން ދަށް އަދި 19 އަހަރުން ދަށް)
  4. ބޮޑެތި މީހުންގެ ކެޓެގަރީ (19 އަހަރުން މަތި)

މުބާރާތުގައި އިންސާފު ކުރެވޭ މިންގަނޑު:

  • ދެލިގަނޑުގެ ފަރިތަކަމަށް %50
  • ތަޖުވީދުގެ ހަމަތަކަށް %20
  • ފަޞާޙާތްތެރިކަން %10
  • އަޑާއި ރާގަށް %20

މުބާރާތުގައި އިންސާފު ކުރެވޭ ބައިގެ ދިގުމިނަކީ 5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ މިނެކެވެ. މުބާރާތުގައި ކިޔަވާނީ އުމުރު ފުރައަށް ކަނޑައަޅާފައިވާ މުޤައްރަރުގެ ތެރެއިން ބަައިވެރިޔާ އިހުތިޔާރު ކުރާ ތަނެކެވެ. މިގޮތުން

  • މުބާރާތުގެ 6 އަަހަރުން ދަށުގެ މުޤައްރަރަކީ ބަލައިގެންވެސް ނުބަލައިވެސް، ސޫރަތުއް ޟުޙާއިން ފެށިގެން ސޫރަތުއް ނާސީގެ ނިޔަލަށެވެ.
  • މުބާރާތުގެ 11 އަހަރުން ދަށުގެ މުޤައްރަރަކީ ބަލައިގެންވެސް ނުބަލައިވެސް ޤުރުއާނުގެ 30 ވަނަ ފޮތް، (ޢަންމަފޮތް) ސޫރަތުއް ނަބާއިން ސޫރަތުއް ނާސިގެ ނިޔަލަށެވެ.
  • މުބާރާތުގެ 15 އަހަރުން ދަށުގެ މުޤައްރަރަކީ ބަލައިގެންވެސް ނުބަލައިވެސް، ޤުރުއާނުގެ 29 ވަނަ ފޮތް، ސޫރަތުލް މުލްކް އިން ސޫރަތުލް މުރްސަލާތުގެ ނިޔަލަށެވެ.
  • މުބާރާތުގެ 19 އަހަރުން ދަށުގެ މުޤައްރަރަކީ ބަލައިގެންވެސް ނުބަލައިވެސް، ޤުރުއާނުގެ 28 ވަނަފޮތް، ސޫރަތުލް މުޖާދަލާއިން ސޫރަތުއްތަހްރީމްގެ ނިޔަލަށެވެ.
  • މުބާރާތުގެ 19 އަހަރުން މަތީގެ މުޤައްރަރަކީ، ބަލައިގެންވެސް ނުބަލައިވެސް މުސްހަފުގެ ފެށޭ ކޮޅުން 5 ފޮތް ނޫނީ ނިމޭ ކޮޅުން 5 ފޮތް، ސޫރަތުލް ފާތިޙާއިން ފެށިގެން 5 ފޮތް ނުވަތަ ސޫރަތުލް އަޙްޤާފް އިން ފެށިގެން 5 ފޮތް

މިމުބާރާތަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި މުޅި މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ދެކެޓެގަރީއިން އެއްކޮށް ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަށް، އަދި ބަލައިގެން ކިޔެވުުމުގެ ގޮފިން 1 ވަނައަށް ހޮވޭ ފަރާތަކަށް، ދެ ފަރާތަށް ދެ ޢުމްރާ ދަތުރު ލިބޭނެއެވެ.

މުބާރާތުގެ މިހާތަނަށް މިވަނީ 3 ދުވަހެއްގެ ކިޔެވުން ކުރިއަށް ގެންގޮސްފައެވެ. މުބާރާތް ފެށުނީ މި ރަމަޟާން މަހުގެ ދެވަނަ ދުވަހު، މާރިޗް 24 ވަނަ ދުވަހުއެވެ. މާރިޗު 27 ވަނަ ދުވަހުގެ މެންދުރު ދަންފަޅީގެ ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް ރޭގަނޑުގެ ދަންފަޅި ވަނީ 28 މާރިޗު އަށް ބަދަލުކޮށްފައެެވެ. މިމުބާރާތް ކުރިއަށް ދަނީ ހުޅުމާލޭ ކާމިލުދީދީ ޕްރައިމަރީ ސުކޫލުގައެވެ.

މުބާރާތުގެ ހުރިހާ މައުލޫމާތެއްވެސް ފޭސްބުކް ޕޭޖު Hiyaa Quran Competition އިން ލިބެން ހުންނާނެއެވެ.

މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދުން ފެށިގެން މުބާރާތް ނިމެންދެން "ހަލި" ނޫހުން ގެނެސްދެމުންދާނެ ވާހަކަ ދަންނަވާލަމެވެ.