ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އައު ވަރޝަން، ހަތަރު ފިޔަވައްސަކަށް ބައްސަވާލައްވައިގެން ލޯންޗު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ ޖެމްސްގެ އައު ވަރޝަން، ޖެމްސް ވަރކް ސްޕޭސް ތަޢާރުފް ކުރެއްވުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުޞޫލުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަމާބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަލަށް ތަޢާރަފްކުރެވޭ ޖެމްސްގެ އައުވަރޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިިޓީ ފޮނުވައި މުއާމަލާތްކުރެވޭނޭ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިހާރު ބޭނުން ކުރަމުންދާ، ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަންފެށުނު ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.