އިންޑިއާ ސަރުކާރުގެ ހިލޭ އެހިގެ ދަށުން އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ސީޕީ ހަމީދު އާއި ފުލުހުންގެ އިސް ބޭފުޅުން އައްޑޫއަށް ވަޑައިގެން މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ މި އެކަޑަމީއަށް 42 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އިރު މިތަން އަންނަ މާޗު މަހު ނިމިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް އެ ތަނުގެ 70-75 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މިހާރު ޕޮލިސް އެކަޑެމީގެ ނަން "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ މިތަނުގެ ބޭނުން ދިވެހި ފުލުހުންގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކަށާއި، ސްކޫލް ތަކުގެ އިތުރުން ޖަމިއްމާ ޖަމާއަތްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ތިބޭފުޅުންނަށް މި ދެއްކީ މިތަނުގެ އެތެރެ، މިތަނަށް ބަލާލީމަ ވެސް އެނގޭނެ މިލިޓަރީ ތަނެއް ނޫންކަން މިއީ. މިތަން ވާނީ ދިވެހި ފުލުހުން އޯންކުރާ ފެސިލިޓީއަކަށް. މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،" ހަމީދު ވިދާޅުވިއެވެ.