ވާހަކަ؛ ޕަރީފެންގަނޑު-9ވަނަ ބައި (ލިޔުނީ: މަމްދޫހު އިބްރާހީމް)
އޭގެ ދެތިން ދުވަސް ފަހެވެ. ތުއްތުސީދީ ގަބުރުސްތާނުން ގެނައި ގަބުރުގެ ދަތްތައް ބޮޑު ދަގަނޑު ވަނަކަށް އަޅައި ތަޅައި މުގުރައި ހިމުން ފުށަށް ހަދައިފިއެވެ. މިތަކެތި ފުޅިއަކަށް އަޅައި ފޮރުވައިފިއެވެ. ދެން ގިފިލިތެރެއަށް ވަދެ ކުކުޅުކޮށިން ކަޅު ކުކުޅެއްހިފައި ކަރުބުރިކޮށް އޭތީގެ ލޭވެސް ފުޅިއަކަށް އަޅައިފިއެވެ.
މުޅިކޮށީގައި ދުވާ ނުބައި ވަހުން ނޭވާލާން ވެސް ދަތިވެއެވެ. މުޅިހިސާބުގައި ނުބައި ވަހާ އެކު މެހިބުރަނީއެވެ. އެއީ އަބަދު ވެސް އެތަން ހުންނަގޮތެވެ. އެކުކުޅު ކޮށިން ދުވަހަކު ވެސް ކުކުޅު ހުހެއް ނުވާނެއެވެ. ކިތަންމެ ވަރަކަށް ކުކުޅު މެރިއަސް އަދި ކަތިލިއަސް ތުއްތުސީދީގެ ކުކުޅު ކޮށްޓަކީ އާދަޔާ ޚިލާފަށް ކުކުޅު އާލާވެ ހުންނަ ތަނެކެވެ. އަދި އެހާމެ މުޑުދާރުވެފައި ނަޖިސް ވެސް ތަނެކެވެ. ކޮށީގައި ގިނަވެ އާލާވަނީ ކަޅު ކުކުޅެވެ.
އަބަދު ވެސް އޭނާ ފާލު ބެލުމަށްޓަކައި ހުދު ކަރުދާހުގައި އެކި ކަހަލަ ލިޔުން ތައް ލިޔެ ކުރެހުން ތަކެއް ކުރަހައި ހަދާނެ އެވެ. އަދި ކަޅު ކުކުޅެއްގެ ބިހެއް ގައި ލިޔުން ތަކެއް ލިޔެ ބޭނުން ކުރާނެއެވެ. މާދަމާ ރެއަކީ ބޮޑު ރެއެކެވެ. މިހާރު އޭނާ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމުނީއެވެ. ދެން ކުރަންވީ ކަންތައް ކުރަންވާނީ ވަރަށް ފަރުވާ ތެރިކަމާއެކު އެއްވެސް މީހަކަށް ތަނެއްދޮރެއް ނޭނގޭގޮތަށެވެ. ނިންމަންޖެހޭ މިބުރަ މަސައްކަތް ކުރަންޖެހޭނީ ވަރަށް ހުށިޔާރު ވެގެން މިނިކާވަގެއް ޝިކާރަ ކުރާ އުސޫލުންނެވެ.
މާދަމާ ތުއްތުސީދީ އުޅޭނީ ވަލުގައި ބޮޑެތި ރުކުފަން ހޯދާށެވެ. އަދި ގޭގައި ހުރި ބާޓިނުގަނޑަކާ ފިލާގަނޑަކާ އަދި ރޯނުބޮނޑިއެއް ހޯދައިތައްޔާރު ކޮށްފިއެވެ. މިތަކެތި އޭނާ އެހޯދަނީ ދެން ކުރަން އޮތް މަސައްކަތް ނިންމުމަށެވެ. ބޮޑު ކަތިވަޅިއެއް ވެސް ހަނުލައި ތޫނުކޮށް ތައްޔާރު ކޮށްފިއެވެ. އަދި މޫނުބަލާ ބޮޑުވައް ލޯގަނޑެއް ވެސް ހޯދައިފިއެވެ.
ސަލީމް މިހާރު ހުންނަނީ ވަރަށް ވެސް ނިކަމެތި ހާލަތަކަށް އައިސްފައެެވެ. އޭނާއަށް މިހާރުވަނީ ދިރިއުޅުން މާއެެކަނި ބަރުދާސްތު ކުރަންޖެހި ހިތްދަތި ހަނދާންތަކާ އެކު ދުވަސްތަާއް ގުނަންޖެހިފައެވެ. މާޒީގެ ފިކުރު ތަކުގައެވެ. އެހެންނަމަ ވެސް އެކި މީހުންގެ މައްޗައް ކަންކަން މެދުވެރިވާނީ އެކި އިމްތިހާނު ތަކުންނެވެ. ކޮންމެ ގޮތެއް ވިޔަސް ސަލީމު އެމަސައްކަތް ކުރަނީ ވެދިޔަތަން ހަނދާން ނައްތާލާފައި އާފެށުމަކުން ދިރިއުޅުން ބިނާކުރާށެވެ.
ޝިފުނާ އުޅެނީ ވަރަށް ބުރަކޮށް ސިއްޙީމަރުކަޒުގައި އަވަދިނެތިއެވެ. އޭނާ އެއިންތިޒާރު ކުރަނީ މާލޭ ހަސްފަތާލަށް ފޮނުވި ސާންޕަލު ތަކެތީގެ ޖަވާބެއް ލިބޭނެ ދުވަހަކަށެވެ. ޝިފުނާ އަށް ވަރަށް ބޮޑަށް ޝައްކު ުކުރެވިފައި ވަނީ ޝަރީފާގެ މަރާ ދޭތެރޭގައި ކޮންމެވެސް އާދަޔާޚިލާފު ކަމެއް ވާކަމުގައެވެ.
ޝިފުނާއަށް މާގިނަދުވަހެއްނުވެ ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެއެވެ. އޭނާއަށް ކުރެވުނު ޝައްކު ޔަޤީންވި ކަހަލައެވެ. ޓެސްޓު ތަކުގެ ރިޕޯޓްތައް ދައްކައިގޮތުން ޝަރީފާ ވަނީ ވިހައެއް ބޮވި ނުވަތަ ބާރުގަދަ ޒަހަރެއްކައިގެން މަރުވެފައެވެ. އެކަމަކު މިއީ ކިހާ ހެއްވާ އަޖައިބުކަމެއް ހެއްޔެވެ! ސަލީމު އާއި ޝަރީފާ އުޅުނީ ވަރަށް ވެސް ލޯބިންނެެވެ. އެދެމަފިރީންގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ޖެހިގެން އުޅުނުނަމަ އެވާހަކަތައް ޝަރީފާ ޝިފުނާއަށް ކިޔައި ދޭނެކަން ޔަޤީނެވެ.
ޝިފުނާ ގަސްތުކުރީ ސަލީމު އާއި ވާހަކަ ދައްކައި ކޮންމެ ވެސް ވަރަކަށް މިޝައްކު ކުރެވުނު ކަންތައްތަކާމެދު ނޭނގޭ ހަގީގަތެއް އޮތްނަމަ ހޯދާށެވެ. ސަބަބަކީ ކޮންމެ ވެސް ކަމެއް ގޯހަކުން ވެއްޖެކަން ޔަޤީީނެވެ. ޖެހިގެން އައި ދުވަހު ހަވީރު ޝިފުނާ ސިއްޚީ މަރުކަޒުން ގެއަށް އައިސް އަވަހަށް ފެންވަރާލާ ހަދައިގެެން ދިޔައީ ސަލީމްގެ ގެއަށެވެ. އެގެއަށް ގޮސް ސަލާމް ގޮވައިގޮވައި ޖަވާބެއް ނުލިބުމުން ޝިފުނާ ދިޔައީ ސަލީމު ހުންނަ ފިހާރަޔަށެވެ. އަދި ސަލީމްއާ ބައްދަލުކޮށްފިއެވެ.
ޝިފުނާ ބުނީ ޝަރީފާ މަރުވެފައިވަނީ ކޮންމެ ވެސް ވިހައެއްޗެއް ކެވިގެން ނުވަތަ ބޮވިގެން މަރުވިކަމަށް ރިޕޯޓްތަށް ދައްކާފައިވާ ކަމުގެ ވާހަކަވެ. މިހެން ޝިފުނާ ބުނުމުން ސަލީމު އަށް ހަނދާނަށް އައީ ޝަރީފާ މަރުވި ދުވަހު އޭނާ ވަޅުލާފައި ގެއަށް އައިސް ކާގެ އަށް ބަނޑުހައިވެގެން އެއްޗެއްކާންވެގެން ވައިންއިރު ކާމޭޒުމަތީގައި ފާޑެއްގެ ކަޅުކުލައިގެ ފަންގަސް ޖަހާފައިހުރި އެއްޗެއްގެ ހަނދާނެކެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަމެއް އޭނާއަށް ޔަގީންވެ ބުނެދޭކަށް ނޭނގެއެވެ.
ސަލީމު އަށް ލަފާކުރެވުނީ އެއީ ސީދިބޭ ދިން ބަނބުކޭލެއް ކަމަށެވެ. އެކަމަކު ތުއްތުސީދީ ދިން ބަނބުކޭލަކީ ވަރަށް ރީތި ބޮޑުފެހިކުލައިގެ ބަނބުކޭލެކެވެ. ފެންނަ ފެނުމުގައި އެއްވެސް ގޯހެއް އޭގައި ހުރިހެން ހިއެއްނުވެއެވެ. ޝިފުނާ ގާތުގައި ސަލީމު މިވާހަކަ ދެއްކިއެވެ. ދެން އެއްވެސް މީހެއް ގާތުގައި މިވާހަކަ ނުދެއްކުމަށް ވެސް ބުންޏެއެވެ. އެކަމަކު ސަލީމު އާއި ޝިފުނާ ރޭވީ އެއްވެސް މީހެއްގާތުގައި ނުބުނެ ތުއްތުސީދީގެ ހަގީގަށް ހޯދާށެވެ.
ތުއްތުސީދީ އިންތިޒާރު ކުރަމުންއައި ވަގުތު ކައިރިވީއެވެ. އޭނާ ހޯދައި އެއްކޮއްފައިވާ ހުރިހާ ސާމަނާއި ތަކެތި ބޮޑު ސަތަރިއަކަށް އަޅައި އަދި ބައެއް ތަކެތި ބޮޑު ހައިވަކަރު ފޮށްޓަކަށް އަޅައި ހުރިހާސާމާނު ތައްޔާރުކޮށްފިއެވެ. މިހާރު އެއުޅެނީ ކޮންމެ ވެސް ތާކަށް ދަތުރުދާން ފުރަންވެގެންނެވެ. ތުއްތުސީދީ ރަށުން ބޭރަށް ފުރަންޏާ އޭނާގެ ދަރިފުޅު ޔާސިރު އަބަދު ވެސް ހަވާލުކުރާނީ އެރަށު މަރިޔަމް ފުޅާއެވެ. އަދި ޔާސިރު ބަލަހައްޓާ ދޭކަމަށްޓަކައި މަރިޔަމް ފުޅަށް ހަދިޔާއެއްގެ ގޮތުން ބަނބުކޭލާ މުރަނގަތޮޅިއާއި އެހެނިހެން މޭވާއާއި ތަރުކާރީ ދެއެވެ.
މަރިޔަމްފުޅު ގޭގައި އޭނާގެ ދެއަންހެން ދަރިންނާއި އެމީހުންގެ ފިރިން އުޅެއެވެ. އެގޭގައި ހުސްކޮށް ހުންނަ ކުޑަ ކޮޓަރިއެއްގައި ޔާސިރު ގެނެސް ބަހައްޓައިފިއެވެ. ތުއްތުސީދީ ދަތުރު ވަރިއެއްގައި ރަށުންބޭރަށް ދާކަމަށް ވަންޏާ ޔާސިރު ގެނެސް މަރިޔަމްފުޅާ ހަވާލުކޮށް ބައެއް ހާލަތްތަކުގައި އޭނާ ރުޅިގަދަވެ ނުހިފެހެއްޓިގެން އުޅެންޏާ ބަނދެފައި ބޭންދުމަށް ވެސް ވަނީ ބުނެފައެވެ. މިރެއަކީ ތުއްތުސީދީގެ އެންމެ ފަހު މަރުހަލާގެ ބޮޑު މަސައްކަތް ކުރަން ފުރާ ރެއެވެ.
އޭނާ ފުރައިގެން އެދަނީ ކޮން ތާކަށް ކަމެއް އެއްވެސް މީހެއް ގާތުގައި ނުބުނާނެއެވެ. ހަގީގަތުގައި އޭނާ މިފަހަރު ބޮޑު ދަތުރެއްގައި ފުރަން އުޅެނީކީއެއް ނޫނެވެ. ނަމަވެސް ކައިރީގައި އޮންނަ ފަޅު ރަށަކަށް ދާން ދަތުރު ހަދަނީއެވެ. ފުރަން ތައްޔާރު ކޮށްފައިވާ ތަކެތި ހިފައިގެން ގާތްގަނޑަކަށް ގަޑިން އެގާރަ ގަޑި ތިރީސް ހާއިރު މުޅި ރަށު ތެރެއަށް އަނދިރިވެ މީހުން ނިދާ ހުސްވި ވަގުތުގައި މަޑުން ހިނގާފައި ހުރިހާ ސާމާނު ބޮޑު އަތްގާޑިޔަލަކަށް އަރުވައިގެން ރަށުގެ މީހުން ގޮސްނޫޅޭ ވަލުފަރާތުން އޭނާއެދަނީ ރާޅުޖަހާ ހިސާބަށެވެ. އެއްވެސް މީހަކު މިގަޑީގައި އަމުދުން މިހިސާބުގަނޑަށް ނުދާނެއޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ.
ކޮންމެ އަކަސް ތުއްތުސީދީ ގާޑިޔާދަމަމުން އެދިޔަ ދިމާލަކަށް ހިނގައްޖެވެ. އެތާނގައި ކުޑަވަރެއްގެ ބޮއްކުރާ އެއް ބަންޑުން ޖަހާފައި އޮތެވެ. އަދި އެ ބޮއްކުރާގެ ދަށުގައި ދެފަލިވެސް އޮތެވެ. ތުއްތުސީދީ އަކީ ވަރަށް ހިއްވަރުގަދަ މީހެކެވެ. މިހާމުސްކުޅި އުމުރުގައި އޭނާގެ ހަށިގަނޑު ގައި ހުރި ހަކަތަޔާ ބާރެއްލާފައި މި ކުރާހައި ކަންތައްތަކަކީ މީހަކު ހައިރާންވެ އަންތަރީސް ވާވަރުގެ ބިރުވެެރި ކަންތައްގަނޑެކެވެ.
މިކަމުގެ އަޑީގައި ވަރަށް ވެސް ބިރުހުރި ސިއްރެއްވާނެކަން ހަމަ ޔަޤީނެވެ. ތުއްތުސީދީ އަތްގާޑިޔާ ގެނެސް ވަލުފަރާތުގައި ބަހައްޓައި އެއަށް އަރުވައިގެން ގެނައި ސާމާނުން ފަހަރަކު އެއްޗެއް ނަގައި ދަމާކޫއްތަމުން ގެންގޮސް ބޮއްކުރާއާއި ހަމަކޮށް އެބޮއްކުރާ އުއްޑުން ޖަހައި އޭގެތެރެއަށް އަޅައިފިއެވެ. ރަށުފަސްގަނޑުން ބޭރުވާން ތައްޔާރު ވެއްޖެއެވެ.
ރެއަކީ ހަނދުކޭތަ ހިފާފައި ރަތް ކުލައިގެ ފަނޑު އަލިކަމެއް ހުރި ރެއެކެވެ. ތުއްތުސީދި ބޮއްކުރައަށް އަރައިގެން މިސްރާބު އެެޖެހީ ހުޅަނގަށެވެ. ގާތްގަނޑަކަށް ފަންސަވީސް މިނެޓް ތެރޭގައި ބޮއްކުރާގައި ފަލިޖަހަމުން ގޮސް އެއަރަނީ ގަސްބޯ ރުއްގިނަ ކުޑަ ފަޅުރަށަކަށެވެ. މިރަށުގެ ފަޅުތެރެއަށް އާދެވުމުން ތުއްތުސީދީ ބޮއްކުރާގެ ފަލިޖެހުން ރަށާވީ ކޮޅަށް ބާރުކޮއްލައި އެރަށަށް އަރަން ހަދާފައިވާ ފިލައިގެ ފާލަންކައިރިއަށް ކައިރި ކޮއްފިއެވެ. ތުއްތުސީދީ ފާލަން މައްޗަށް އަރައި ބޮއްކުރާގައި ވާގަނޑެއް ޖަހައިފިއެވެ. މަޑުމަޑުން ގެންގޮސް ފާލަމުގެ ތިރީގައި ވަރަށް ބާރަށް އައްސައިފިއެވެ.
ފުރަތަމަ ވެސް ރަށު ތެރެއަށް ނަޒަރު ހިންގައި ލައިފިއެވެ. އެއީ ރަށު ތެރެއިން އެއްވެސް މީހެއްގެ ހިލަމައެއް ފެނޭތޯއެވެ. އެހެން ނޫނަސް ދެން ފަޅުރަށެއްގައި ގިނަވާނީ ރުއްގަހާއި ދޫނިސޫފާ ސޫތްޕާއި ވާލާއި ކާޅެއްނޫން ހެއްޔެވެ!
އަދި މި ރަށުގައި ގިނަވާނީ ބޮޑެތި ބިޔަ ނިކަގަހެވެ. މިހާރު ތުއްތުސީދީ މަޑުމަޑުން ފަހަރަކު އެއްޗެއް ބޮއްކުރައިގެ ތެރެއިން ނަގައި ރަށަށް އަރުވައި އެތަކެތި ހިފައިގެން އެއްގަމަށް މޫދާ މާދުރު ނޫން ހިސާބަކަށް ވަލަށް ވަދެ ބޯކޮށް ހެދިފައި ހުރި ބޮޑެތި މަގޫ ގަސްތަކެއްގެ ތެރޭގައި ބަހައްޓައިފިއެވެ.
މިހާރު ތުއްތުސީދީ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. އޭނާ ހުރީ ކޮންމެ ވެސް ވަރަކަށް ބަނޑުހައި ވެސް ވެފައެވެ. އެހެންނަމަ ވެސް އެއީ ތުއްތުސީދީ އެހާ ހާސްވާނެކަމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް މިއިން ދުވަހަކު މިކުޑަ ފަޅު ރަށަށް އެއްވެސް މީހަކު ނާރާނެއެވެ. މިކުޑަ ފަޅުރަށަކީ މީހުން ޗުއްޓީތަކުގައި އާދަވެގެން މަޖާކޮއްލާ ޕިކްނިކު ހަދާލަން އަންނަރަށެކެވެ. މިރަށަށް ކިޔަނީ ސަންގުފުއްޓަރެވެ.
ކޮންމެ ގޮތެއްވިޔަސް މިރޭގެ މަސައްކަތްތައް އޭނާ ކުރާނެއެވެ. މިފަޅުރަށުގެ ތަންކޮޅެއް އެތެރޭގައި ވަލުތެރޭގައި ހުންނަ ބޮޑު ބިޔަ ނިކަގަހެއްގެ ދަށުގައި ފަނުން ހަދާފައިވާ ކުޑަވަރެއްގެ ޖިފުޓިގަނޑަކާއި ފެންވަޅެއް ވެސް ހުންނާނެއެވެ. އެތަނަށް ގޮސް އޭނާ ގެންދިޔަ ސާމާނު އެޖިފުޓިތެރޭ ބަހައްޓައި ކުނާގަނޑެއް ފަތުރައި ނިދަން އޮށޯވެއްޖެއެވެ.
އޭނާ އެހެން އޮވެ މާޒީގެ އެކި ޚިޔާލު އެބަ ކުރެއެވެ. އެއީ މާޒީގެ ހަނދާނުން ނުފިލައި އެތަކެއް ހާދިސާ ތަކެއްގެ މައްޗަށެވެ. ވެނިމިފައިވާ ކަންކަމުން އިބްރަތް ހާސިލު ކުރަންޖެހޭނެއޭ ބުނާފަދައިން ތުއްތުސީދީ ބޭނުންވަނީ އޭނާއަށް ނޭނގޭ އަދި ހޯދަން ބޭނުންވެފައިވާ އޭނާގެ ކާބަފައިން ގެ ސިއްރުތައް ވެސް ހޯދާށެވެ. އެއާއިލާގައި މިއަދާ ހަމައަށް ހުރިި ފޮރުވިފައިވާ ސިއްރުތަކުގެ ހަގީގަތް ވެސް ހޯދާށެވެ.
އެތަކެއް ސުވާލު ތަކެއްގެ ޖަވާބު ހޯދާށެވެ. ތުއްތުސީދީ އަނެއްދުވަހު ހެނދުނު މޫދަށްއެރި ބޯވައެއްނަގައި ރަށުވަލުތެރޭން ކާށި ހޮވައި ކުރުނބާ އަޅައި މިތަކެތި ކައިބޮއި ހެދިއެވެ. އޭނާފެން ބޮނީ އެރަށުގައި ހުންނަ ފެންވަޅުންނެވެ. ޖިފުޓި ތެރޭގައިކުޑަ ފާނޫޒު ދިއްލާފައި ހުރެއެވެ. އޭނާގެނައި ސާމާނުތަކުގެ ތެރޭގައި ހައިވަކަރު ފޮށްޓެއް ވެސް ހުއްޓެވެ. މިފޮށި ތެރޭގައި އޭނާ ތައްޔާރުކުރި ސިހުރުބުދު ލާފައިވާ ފުޅިއާއި އެހެނިހެން ކަމަކަށް ބޭނުންވާ ސާމާނު އެބަހުއްޓެވެ. އަދި އެފޮށިތެރޭގައި ރަތްކުލައިގެ ފޮތިގަނޑެއް ތެރެއަށްލައި އޮޅާފައިއޮތް އެއްކަލަ ބޮޑު ސިހުރު ފޮތް ވެސް އޭނާ ގެނައެވެ.
އޭނާ ހޯދާފައިވާ މޫނުބަލާ ވަށްލޯގަނޑު ނަގައި އެއާދިމާލަށް ބަލަން ހުރެފައި އޭނާއަށް މާޒީގައި ވެފައިވާ ކޮންމެ ވެސް ކަމެއް ހަނދާންކުރިއެވެ. "އަލިފާން ހުޅުތަކެއް ދިއްލޭކަހަލަ މަންޒަރެކެވެ، ވަރަށް ރީތި އަންހެނެއްގެ ސިފައެކެވެ. ރަނގަބީލެއްގެ އަޑެވެ. ވަށް ބުރަކަށް އޮތް ވިއްސާރަ ދުންޏަކުން އަލި ފައިބާ މަންޒަރެވެ. ބިއްލޫރި ގަނޑެއްގައި ދަޅަ އަޅަމުން ދާ މަންޒަރެކެވެ. ނިދީގައި މީހަކު ގޮވާލާ ގޮވާލުމެއްގެ އަޑެވެ."
"މިއޮތީ ކަލެއާ ޖެހިފަ!!!" މިބަސްތައް އަބަދު ވެސް އޭނާ ސިކުނޑީގައި އެނބުރެއެވެ.
(ނުނިމޭ)
މިބައިވެސް ވ ވ ވ ރީތި ދެން އޮތް ބަޔަށްވެސް އިންތިޒާރު ކުރަން ޝުކުރިއްޔާ މަމްދޫހު .
އަހަރެން ހިތަށް އަރާ ދެން ވާނީ ކިހިނެއްބާވައޭ؟ ހިތް ތެޅެނީިނީނީނީ ހަގީގަތެއްތަ މިއީ؟ އަސްލުވެސް ވަރަށް ހިތްގާމު ވާހަކަ އެއްމި މަމްދޫހުގެ ޕަރީ ފެންގަނޑު ????❤️❤️
ހިތް ބިރުގަންނަނީ ވާހަކަ ވަރަށް ބަރާބަރު އެމީހާ ކީކުރަންތަ އެ އުޅެނީ ????????????????